މުރައިދޫ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކޮށްފި

ހއ. މުރައިދޫ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެމްޑަބްލިޔުއެސްސީން ހއ. މުރައިދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެކަމަށްޓަކައި އިއްޔެ މުރައިދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ މަސައްކަތް އިފްތިތާހު ކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއާއި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފްގެ އިތުރުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު އަދި މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާނެވެ.

އެމްޑަބްލިއުއެސްސީން ބުނީ މުރައިދޫގައި ފެނުގެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެރަށަށް ގެންގޮސްފައިވާކަމަށެވެ. ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ 44 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހއ. މުރައިދޫ ފެނުގެ ނިޒާމު ރަސްމީކޮށް އިފްތިތާހު ކުރުމުގެ ތެރެއިން -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން މުރައިދޫގައި 9.1 ކިލޯމީޓަރުގެ ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅަން ހަމަޖެހިފައިވާކަމަށެވެ.

އަދި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމުގެ އިތުރުން ފެން ރައްކާކުރުމަށްޓަކައި ތިން ތާނގިވެސް ބަހައްޓާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޭގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މުރައިދޫގެ ފެނުގެ މަޝްރޫއަކީ ޖުމްލަ 46.85 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ހިންގާ މަޝްރޫއެކެވެ.

comment ކޮމެންޓް