އދ. ފެންފުށީ ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ކައުންސިލްގެ ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.
އެ ރަށު ކައުންސިލުން ރައީސްއާ ބައްދަލުކޮށްފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ފެންފުށީ ކައުންސިލްގެ ރައީސް އަހްމަދު އަބްދުއްޝުކޫރު "ސަން"އަށް ވިދާޅުވީ މި ބައްދަލުވުމުގައި ކައުންސިލުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި މި ވަގުތަށް ބޭނުންވާ ހަތް ކަމެއް ރައީސަށް ހިއްސާކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ ރަށުގައި މި ވަގުތު ކުރަން ހުރި އެންމެ މުހިންމު ހަތް ކަމެއް ވާނެ ރައީސާ ހިއްސާކޮށްފައި. އެ ކަންތައްތައް ލަސްވަމުންދާތީ އެ ކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރީ،" އޭނާ ވިދާޅުވިއެވެ.
ކައުންސިލުން ރައީސްއާ ހިއްސާކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ފެނާ ނަރުދަމާގެ މަސައްކަތް އަވަސްކޮށްދިނުމާއި، ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް ފަށައިދިނުމުގެ އިތުރުން އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ މަސައްކަތް ފެށުމެވެ. މީގެ އިތުރުން ފެންފުށީ ބިން ހިއްކުމުގެ މަސައްކަތާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައިވާކަމަށް ކައުންސިލުން ބުންޏެވެ. އަދި މިސްކިތެއް އަޅައިދިނުމަށް ވެސް އެދިފައިވާކަމަށް ވިދާޅުވިއެވެ.
މުހިންމު ކަމެއްގެ ގޮތުން އެ ރަށު ސްކޫލުގައި ކްލާސްރޫމް އިމާރަތްތަކެއް އެޅުމަށް ވެސް މަޝްވަރާ ކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ މަރުކަޒު އެހެން ތަނަކަށް ރިލޮކޭޓްކުރުމަށް ވެސް މަޝްވަރާކޮށްފައިވާކަމަށް ވިދާޅުވިއެެވެ.
"ހެލްތު ސެންޓަރު ރީލޮކޭޓް ކުރުމަށް ވެސް އަޅުގަނޑުމެން އެދިފައިވާނެ. އެއީ ހެލްތު ސެންޓަރު މި ވަގުތު ހުންނަނީ ގަބުރުސްތާނެއްގެ ތެރޭ ކަމަށްވާތީ،" އަބްދުއްޝުކޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލުން ރައީސްގެ އަރިހުގައި ފާހަގަކުރި ކަންކަމުގެ މަސައްކަތް އަވަހަށް ފެށިގެންދިއުމަކީ އެންމެ ބޮޑު އުންމީދުކަމަށެވެ. އަދި ރައީސްގެ ފަރާތުން ވެސް ކައުންސިލަށް އެ ކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.