މިސްކިތަށް ކުޑަކަމުދިޔަ މީހާ އެއްމަހާއި 19 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

މާލޭގެ ދެ މިިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުގޮސް ހަތިމަކަށް ކުޅު ޖެހި މ. ޝޭޑީ ހޯމް، ހަސަން ޒިޔާދު --

މާލޭގެ ދެ މިިސްކިތަކަށާއި ރައީސް އޮފީސް ކުރިމައްޗަށް ކުޑަކަމުދިޔަ މ. ޝޭޑީ ހޯމް، ހަސަން ޒިޔާދުގެ އެއް މަހާއި 19 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހެވެ. ޒިޔާދުގެ މައްޗަށް ކޮށްފައިވަނީ ދެ ދައުވާއެކެވެ. އެއީ އާންމު މަސްލަހަތަށް ގެއްލުން ހުރި ކަމެއް ކުރުމުގެ ދެ ދައުވާއެެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމެއްގައި އޭނާ ވަނީ ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ.

ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ކުޑަކަމުދިޔަ މައްސަލައިގައި ޒިޔާދު ހައްޔަރުކޮށް، މިދިޔަ މަހުގެ 13 ވަނަ ދުވަހު އޭނާގެ ބަންދަށް 10 ދުވަސް ޖެހިއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުމާއެކު މިދިޔަ މަހުގެ 25ގައި އޭނާ ދޫކޮށްލިއެވެ.

އޭގެ ފަހުން މި މަހުގެ ހަތް ވަނަ ދުވަހު އޭނާ ވަނީ އިބްރާހިމް މިސްކިތަށް ވަދެ، ހަތިމަކަށް ކުޅުޖަހައިފައެވެ. މި މައްސަލައިގައި ވެސް އޭނާގެ މައްޗަށް ދައުވާ ވަނީ އުފުލައިފައެވެ.

މިއަދު ޒިޔާދަށް ކުރި ހުކުމުގައި ގާނޫނުލް އުގޫބާތުގައި އޮތް ގޮތުން ޖުމްލަ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމް އޭނާއަށް އަންނާނެއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރަން ޖެހެއެވެ. އޭނާ އެ މައްސަލާގައި ބަންދުގައި 23 ދުވަސް ހޭދަކުރިއެވެ. އެހެންކަމުން ހުކުމުން އޭނާ ތަންފީޒު ކުރަން ޖެހޭނީ އެއް މަހާއި 19 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ހުކުމްގައިވެއެވެ.

މިސްކިތަށް ވަދެ، ޚަތިމަށް ކުޅު ޖެހި މައްސަލާގައި ވެސް އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އެކަމަކު އެ މައްސަލާގެ ހުުކުމެއް އަދި ނީއްވައެވެ.

ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުންނަކަމަށް މީގެ ކުރިން ވާހަކަ ދެކެވުނު ނަމަވެސް، ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ ޒިޔާދުގެ ނަފްސާނީ މައްސަލައެއް ހުރި ކަމަށް ފާހަގަ ނުވާކަމަށެވެ. އަދި އޭނާގެ މައްސަލަ ފުލުހުންނާއި އެންޑީއޭއަށް ފޮނުވައިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް