ވިކީއާއި ކެޓްރީނާގެ ކައިވެނި ހަފުލާގެ ކޮންމެ މެހުމާނަކަށް ހާއްސަ ސިއްރު ކޯޑެއް!

ވިކީއާއި ކެޓްރީނާ

ބޮލީވުޑްގެ ތަރިން ކަމަށްވާ ވިކީ ކައުޝަލާއި ކެޓްރީނާ ކައިފްގެ ކައިވެނީގެ ވާހަކައަކީ މުޅި މީސްމީޑިއާގައި އެންމެ އާންމު ވާހަކައަކަަށްވުން ގާތެވެ. ދެމީހުންގެ ކައިވެނި މިމަހު ރާޖެސްތާނުގެ ސަވާއީ މަދުޕޫރުގައި ހުންނަ އެންމެ އަގުބޮޑު ހޮޓެލް ކަމަށްވާ "ސިކްސް ސެންސެސް ފޯ ބަރްވަރާ" ގައި ކުރަން ހަމަޖެހިފައިވާއިރު ފާހަގަ ވެގެން ދަނީ ކައިވެނީގެ ކަންކަން ވަރަށް ފުރިހަމައަށް ގެންދަން ނިންމާފައިވާ ކަމެވެ.

އަނެއްކާވެސް ކައިވެންޏާ ބެހޭ އިތުރު ޚަބަރެއް މިވަނީ އިވިފައެވެ. އެއީ ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ހަފުލާއަށް މެހުމާނުންނަށް ވަދެވޭނީ ހާއްސަ ކޯޑުތަކަކާ އެކުގައި ކަމަށެވެ. ހަފުލާގައި ބައިވެރިވުމަށްޓަކައި މެހުމާނުގެ ނަމުގެ ބަދަލުގައި ދެވޭނީ ހާއްސަ، ސިއްރު ކޯޑެއްކަމަށާއި ހަފުލާ ތެރޭގައިވެސް ކަންތައްތައް ކުރެވޭނީ ކޯޑު ބޭނުންކޮށްގެން ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ކައިވެނީގެ ހަފުލާތަކަށްވެސް ޓެކްނޮލޮޖީގެ އަސަރު ކޮށްފައިވާ މިންވަރު ހާމަވެގެންދާ އެތައް ކަމެއް ބޮލީވުޑް ތަރިންގެ ކައިވެނިތަކުގެ ތެރެއިން ދަނީ ފެންނަމުންނެވެ. އެގޮތުން ބޮލީވުޑްގެ ތަރި ސޯނަމް ކަޕޫރާއި އަނަންދު އަހުޖާގެ ކައިވެންޏަށް ބަލާއިރު އެމީހުންގެ ކައިވެނީގެ ހަފުލާއަށް މެހުމާނުންނަށް ވަދެވުނީ "ކުއިކް ރެސްޕޯންސް" ކޯޑެއް ބޭނުންކޮށްގެންނެވެ. ވަނުމުގެ ކުރިން މެޝިނެއްގެ ޒަރީއާއިން ހަފުލާގައި ބައިވެރިވުމުގެ އިޒުނަ ދީފައިވާއިރު، ކެޓްރީނާގެ ކައިވެނީގައި ދެވިފައިވާ ކޯޑުގައި ކެޓްރީނާއާއި ވިކީގެ ނަން ހިމަނާފައިވެއެވެ.

ކޮވިޑްގެ އާ ވޭރިއެންޓްގެ ސަބަބުން ކައިވެނި ހަފުލާގެ މެހުނާނުންގެ ތެރެއިން ބަޔަކު ލިސްޓުން އުނިކޮށްފައިވާއިރު ލިސްޓުގައި ތިބި މީހުންނަކީ ކެޓްރީނާއާއި ވިކީއަށް ހާއްސަ މީހުން ކަމުގައި ވެދާނެއެވެ. ލިސްޓުގައި މިހާރު ތިބި މީހުންގެ ތެރޭގައި ސަލްމާން ޚާންގެ އާއިލާއާއި ސިދާތު މަލޯތްރާ، ރޯހިތު ޝެޓީ، ކިއަރާ އަޑްވަނީ، އަނުޝްކާ ޝަރްމާއާއި ވިރާތް ކޯލީ، އަދި ޝާރުކް ޚާން ފަދަ މަޝްހޫރު އެތައް ތަރިން ހިމެނޭކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

comment ކޮމެންޓް