2023ގެ ކުރިން ނިޒާމީ ވޯޓެއް ނަގާނެކަމުގެ އިޝާރާތެއް ނަޝީދު ދެއްވައިފި

"އާސްކް ސްޕީކާ" ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ކުރިން، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރަން ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމުގެ އިޝާރާތެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ރާއްޖޭގެ ގާނޫނު އަސާސީ ބުނާގޮތުން ގާނޫނުއަސާސީގައި ބަޔާންވެގެންވާ ވެރިކަން ހިންގުމުގެ ބާރު ލިބިގެން ވަނީ ރައީސުުުލްޖުމްހޫރިއްޔާ އަށެވެ. އަދި ދައުލަތުގެ އެންމެ މަތީ ވެރިޔަކީ، އަދި ސަރުކާރުގެ އެންމެ މަތީ ވެރިޔަކީވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެއެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނުއަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިރޭ ކުރިއަށް ދިޔަ 'އާސްކް ސްޕީކާ' ޕްރޮގްރާމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ދެއްވަފާނަންތޯ އަހައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ވިސްނަވައިގެން ހުރީ 2023 ގެ އިތުރަށް ރިޔާސީ ނިޒާމު ކުރިއަށް ނުދާނެ ކަމަށެވެ.

"ދެން އަޅުގަނޑު ހަގީގަތުގައި ދެކި މިހުންނަނީ، ވެރިކަމުގެ ނިޒާމު 2023 އަށް އަންނަން ވާއިރަށް، 2023ގެ އިތުރަށް، ރިޔާސީ ނިޒާމެއްގެ ގޮތުގައި ދެމި ނުދާނެ ކަމަށް، އެހެންވީމަ އަޅުގަނޑަށް ވަރަށް ގިނަ ފަހަރަށް ދެކެވޭ ގޮތުގައި އެ ސުވާލު އެހާ ބޮޑަކަށް ޖަވާބު ދެވޭ ބާވަތުގެ ސުވާލެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބެއް ބޭއްވިނަމަވެސް ޕާޓީގެ ތެރެއިން ކެންޑިޑޭޓަކު ނެރޭނީ ޕްރައިމަރީއަކުން، ޑިމޮކްރަސީގެ ހަމަތަކާއެކުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ދައުރު ނިމުމަށްފަހު، ރިޔާސީ ނިޒާމެއް ދެމިގެން ނުދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، މިއީ ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ބަދަލު ކުރުމުގެ ނިޒާމު ބަދަލުކުރާނެ ކަމަށް ދެއްވި އިޝާރާތެއްގެ ގޮތުގައި ބެލެވެއެވެ.

އަބަދުވެސް ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލުކުރަން ޖެހޭ ކަމަށް ވަކާލާތުކުރައްވާ ނަޝީދު، މީގެ ކުރިން ވެސް ވަނީ 2022 ވަނަ އަހަރު ނިޒާމީ ވޯޓެއް ނެގުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ އަހަރު ނެގުމަކީ ބޭނުންތެރިކަމެއް ކަން ފާހަގަކުރައްވާ ނަޝީދު އެއިރު ވިދާޅުވީ ރާއްޖޭގެ ހިންގުން ރަނގަޅުވެގެންދާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު، އެނބުރި ރާއްޖެ ވަޑައިގަތުމަށްފަހު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ވެރިކަމުގެ ނިޒާމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ. ހަމައެހެންމެ ސިޔާސީ ބައެއް ލީޑަރުންނާ ވެސް ނަޝީދު ބައްދަލުކުރައްވައިފައިވެއެވެ.

comment ކޮމެންޓް