ގޯއްޗާއި ފްލެޓު ދޭނީ ސަރުކާރުން، އަޅުގަނޑަކީ ސަރުކާރެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު 'އާސްކް ސްޕީކާ' ޕްރޮގްރާމްގައި-- ފޮޓޯ/ މަޖިލިސް

ގޯއްޗާއި ފްލެޓު ފަދަ ބޯހިޔާވަހިކަން ފޯރުކޮށްދޭނީ ސަރުކާރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

'އާސްކް ސްޕީކާ' ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފްލެޓު ލިބޭނެތޯ ސުވާލުކުރުމުން ނަޝީދު ވިދާޅުވީ އަދިވެސް ދިވެހި ރައްޔިތުންނަށް ހީވެފައި އޮންނަނީ އެމަނިކުފާނަކީ ސަރުކާރު ކަމަށެވެ.

"އަޅުގަނޑު މި ވާހަކަ ދެއްކުމުގެ ބޭނުމެއް ވެސް ނެތް، އަޅުގަނޑަކީ ސަރުކާރު ނޫން ކަމަށް ތިބޭފުޅުންނަކަށް ގަބޫލެއް ނުކުރެވޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ހޯދައިދިނުމަކީ ސަރުކާރުން ކުރާ ކަމެއް ކަމަށާއި އެއީ އެމަނިކުފާނަށް ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ.

"ގޯތި ހޯދައި ދިނުން، ފްލެޓު އަޅައިދިނުން، މި ބާވަތުގެ ކަންކަމަކީ ސަރުކާރުން ހިންގާ ކަންކަން، އެއީ އަޅުގަނޑަށް މިވަގުތު ހިންގުމަށް ފުރުސަތު ލިބިފައިވާ ކަންކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެހެންނަމަވެސް ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ވެސް ބޯހިޔާވަހިކަމުގެ ޝަކުވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑާ ކުރާ ސުވާލުތަކަކީ ސިޔާސީ އެހެން ހުރި ސުވާލެއް ވެސް ނޫން، ހަމަ ބޯހިޔާވަހިކަން، ހަމަ ބޯހިޔާވަހިކަން، ހަމަ ބޯހިޔާވަހިކަން، އަދި އަޅުގަނޑު މީހަކާ ބައްދަލުކުރިޔަސް، އަދި އަޅުގަނޑު ގެއަކަށް ދިޔަޔަސް ވެސް އަދި އަޅުގަނޑާ އެޕޮއިންޓްމެންޓް މެދުވެރިކޮށްގެން ބައްދަލުވާހާ މީހުން ވެސް އަދި އަޅުގަނޑަށް ޓެކްސްޓް ކުރާ މީހުން ވެސް ހަމަ މި ޝަކުވާ، ބޯހިޔާވަހިކަމުގެ ޝަކުވާ،" ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައަށް ހައްލެއް ނުހޯދައިފިނަމަ ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ފުންކޮށް ވިސްނާން ޖެހޭ، އަދި ބުރަކޮށް މަސައްކަތް ކޮށް، ބޯހިޔާވަހިކަމުގެ ކަންކަން ރައްޔިތުން އެދޭ މިންވަރަކާ ގާތް ކުރެވޭތޯ އެންމެ ކުޑަމިނުން ބަލާން ޖެހޭ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް