މަސް ނިމުނުއިރު މޮނިޓަރިންގައި ވާ ރަށުގެ އަދަދު މަދުވެއްޖެ

ރަށްރަށަށް ފުރާ މީހުން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މިވަގުތު މޮނިޓަރިންގައި އޮތް ރަށްތަކުގެ ލިސްޓު، މި މަސް ފެށުނުއިރާ އަޅައި ބަލާއިރު ދެގުނަ މަދު ވެއްޖެއެވެ.

އެޗްޕީއޭއިން މިއަދު އާއްމުކުރި ލިސްޓުގައިވާގޮތުން، މިވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ 15 ރަށެވެ. މި މަހުގެ މެދަށް އެޅި އިރު މޮނިތަރިންގައި އޮތީ 31 ރަށެވެ.

މިވަގުތު މޮނިޓަރިންގައި އެންމެ ގިނަ ދުވަސްވެފައި ވަނީ އޯގަސްޓް މަހު މޮނިޓަރިންއަށް ލާފައިވާ ހަތަރު ރަށެކެވެ. އެއީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫއެވެ. އެ ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލާފައި ވަނީ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގައެވެ.

އައްޑޫ ސިޓީން ކޮވިޑް ޖެހިގެން މިހާތަނަށް 11 މީހަކު މަރުވެފައިވެއެވެ.

މިދިޔަ މަހު ތިން ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވެއެވެ. އެއީ މ. އަތޮޅު މުލަކާއި ދިއްގަރުގެ އިތުރުން ނ. މިލަދޫއެވެ.

މި މަސްތެރޭގައި މޮނިޓަރިންއަށް ލީ ރަށްތައް:

މ. މުލި

ރ. މަޑުއްވަރި

ރ. އިންނަމާދޫ

ނ. ވެލިދޫ

ށ. ކޮމަންޑޫ

ބ. ދަރަވަންދޫ

އދ. މަހިބަދޫ

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 91،650އަށް އަރައިފައިވާއިރު އޭގެ ތެރެއިން 89،774 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ރާއްޖޭގެ ކޮވިޑްގެ އެކްޓިވް ކޭސްގެ އަދަދަކީ 1,733 އެވެ. އަދި 12 މީހަކަށް މިވަގުތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދަކީ 250 އެވެ.

comment ކޮމެންޓް