ޓީޗަރުންގެ މުސާރަ ރަނގަޅުކުރަންވީ ގޮތް ދިރާސާއިން ދެނެގަނެވޭނެ: ރައީސް

ނޮވެމްބަރު 30، 2021: ރިސާޗް ގްރޫޕާއެކު ރައީސް ސޯލިހު މިިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ތައުލީމީ ދާއިރާގައި ޓީޗަރުންނަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށް ކުރާ ދިރާސާއާއެކު ޓީޗަރުންގެ މުސާރަތައް ރަނގަޅުކުރަންވީ ގޮތް ދެނެގަނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިކަމަށް ހާއްސަ ރިސާޗް ގްރޫޕާއެކު ރައީސް ސޯލިހު މިިއަދު ބޭއްވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ތައުލީމީ ދާއިރާއަށް މީހުންގެ ޝައުގުވެރިކަން ކުޑަވާން މެދުވެރިވާ ސަބަބުތައް މި ދިރާސާގެ އަލީގައި ދެނެގަނެވޭނެކަމަށެވެ.

މި ދިރާސާއާއެކު ސްކޫލުތަކުގައި ދެވޭ ތައުލީމުގެ ފެންވަރު މަތިކޮށް، ޓީޗަރުންގެ ގާބިލުކަން އިތުރުކުރުމަށް މަގުފަހިވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެއާއެކު ސްކޫލްތަކުގެ ތެރެއަށް ވަންނަމުންދާ ސްކޫލްގެ މާހައުލާ ނުގުޅޭ ފިކުރުތަކާއި ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ވެސް އެހީތެރިވެދޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މި ދިރާސާއަކީ މުހިންމު ދިރާސާއެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ނޮވެމްބަރު 30، 2021: ރިސާޗް ގްރޫޕާއެކު ރައީސް ސޯލިހު މިިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސް އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ ޑރ. މުސްތަފާ ލުތުފީ ވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ދިރާސާގެ މައިގަނޑު މަސައްކަތަކީ މުދައްރިސުންނާ ގުޅޭގޮތުން ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ސާފުކޮށް ދެނެގަތުމެވެ. އަދި ސަރުކާރު ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން އެ ފަންނުގައި ދެމިތިބުމާއި ކުރިއަށްދިއުމަށް ކުރިމަތިވެފައިވާ ދަތިތައް އިލްމީ ގޮތެއްގައި ދެނެގަތުމެވެ. މީގެ އިތުރުން ތައުލީމީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށް، ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ގޮތްތަކެއް ހޯދުމެވެ.

މި ރިސާޗް ގްރޫޕުގައި ހިމެނެނީ ރައީސް ސޯލިހު އައްޔަން ކުރައްވައިފައިވާ މެމްބަރުންތަކެކެވެ. އެގޮތުުން ހިމެނެނީ އެކި ދާއިރާތަކަށް ނިސްބަތްވާ ޖުމްލަ ހަ މެމްބަރުންނެވެ.

އެއީ އެޑިޔުކޭޝަން ޕޮލިސީ އެންޑް ޕްލޭނިންގެ ދާއިރާއިން ޑރ. އަހްމަދު އަލި މަނިކާއި، ހިއުމަން ރިސޯސްގެ ދާއިރާއިން ޑރ. އަލީ ނަޖީބާއި، ސޯޝިއޮލޮޖީގެ ދާއިރާއިން ޑރ. އާއިޝަތު ޝަފީނާގެ އިތުރުން ޓްރެއިނިންގެ ދާއިރާއިން އާމިނަތު ޒުބައިރެވެ. އަދި ފައިނޭންސިންގެ ދާއިރާއިން އަބްދުﷲ ޒަކަރިއްޔާއާއި، ތައުލީމީ ދާއިރާގެ މެމްބަރެއްގެ ގޮތުގައި އަބްދުﷲ ރަޝީދެވެ.

މި ރިސާޗް ގްރޫޕުގެ ޗެއާއަކީ ޑރ. އަހްމަދު އަލި މަނިކެވެ.

comment ކޮމެންޓް