ރައީސް ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަށް ރައީސް ޔާމީން ވަޑައިގަތުމަށް ގެކޮޅުން ނިކުންނަވަނީ --- ސަން ފޮޓޯ: އަހްމަދު އައިމަން އަލީ

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަ ދުވަހުގެ ޖަލު ހުކުމެއް އިއްވައިފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް އެމަނިކުފާނު މިނިވަންކުރަން ސުޕްރީމް ކޯޓުން ނިންމައިފައިވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. އޭނާގެ ރައުޔަށް އަނެއް ދެ ފަނޑިޔާރުން ވަނީ ތާއިދު ކުރައްވާފައެވެ. އެއީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުއެވެ.

ގއ. ވޮޑަމުއްލާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ، ނޮވެމްބަރު 28، 2019ގައެވެ.

އެ މައްސަލަ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދު ކުރުމަށް ނިންމައިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މިއަހަރުގެ އޭޕްރީލް 19ގައިއެވެ.

ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ވަނީ ހައި ކޯޓުން ދެމެހެއްޓި ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރުމަށް ނިންމައިފައެވެ.

އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުން:

ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ބާތިލް ކުރި ނަމަވެސް އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ ހަގީގަތް ހޯދުމަށް ފެންނަ ކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

"ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަމެއް ކަށަވަރެއް ނޫން. އެ ފައިސާ ޖަމާވެފައިވަނީ އެސްއޯއެފް ކިޔާ ކުންފުންޏަކުން," މަހާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ ފައިސާއާ ގުޅޭ ތަހުގީގު އެންމެ އެދެވޭ ގޮތަކަށް ކޮށްފައި ނުވާ ކަމަށް މަހާޒްގެ ރައުޔުގައި ވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ހަރަކާތްތެރިވި ދެ މީހުންގެ ހެކިބަސް ދައުލަތުން ނަގާފައި ނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

އެކުންފުނިން ޖަމާކުރި ފައިސާ އިންވެސްޓްކޮށްގެން އޭގެ މަންފާ ހޯދިކަން ފާހަގަކޮށް މަހާޒުގެ ރައުޔުގައި ވިދާޅުވީ, އެއީ އަކަން ކުރަން ޖެހޭ ގޮތް ނޫން ކަމަށެވެ.

"މި ފައިސާއަށް އިންވެސްޓްކުރިއިރު މި ފައިސާގެ ހަގީގަތާ މެދު ވަނީ ސުވާލު އުފެދިފައި," މަހާޒް ވިދާޅުވިއެވެ.

ދައުލަތުގެ އިދާރާތަކުން އެ މައްސަލަ ތަހުގީގު ކުރަމުންދަނިކޮށް އެ ފައިސާ އިންވެސްޓްކުރުމަކީ ތަހުގީގީ އިދާރާތަކަށް ފަރުވާލެއް ނުބަހައްޓައި ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތައް ބެލުމެއް ނެތި ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމަށް ކުރެވުނު އަމަލެއް ކަމަށް މަހާޒު ވިދާޅުވިއެވެ.

"ކަން މިހެން ހުރުމުން މި މައްސަލައިގައި އަބްދުالله ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ހަގީގަތް ބެލުމުގެ ފުރުސަތު އަދިވެސް އޮތްކަމުގައި ދެކެން. އަދި މި ބެލުންތަކުން އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ނަމަ އެ ފައިސާއާއި އެ ފައިސާ އިންްވެސްޓްކުރުމުގެ ސަބަބުން ފައިދާއެއް ލިބިފައިވާ ނަމަ އެ ފައިދާއެއް ހިމެނޭހެން ހޯދުމުގެ ހައްގު ދައުލަތަށް ލިބިފައިވާ ކަމަށް އަހަރެން ދެކެން," މަހާޒް ވިދާޅިވިއެވެ.

އެހެން ކަމުން މަނީ ލޯންޑަރިންގެ ކުށް ސާބިތުކުރުމަށް ރައީސް ޔާމީންގެ މައްޗަށް ހެކި ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުންނާއި ހައި ކޯޓުން ކުރި ހުކުމް ވަނީ ބާތިލްކޮށްފައެވެ.

comment ކޮމެންޓް