ސާފުތާހިރުކަން ދަށްވުމުން، "ދޮންގޮއްޔެ" ބްރޭންޑްގެ ތަކެތި ބޭނުން ނުކުރަން އަންގައިފި

"ދޮންގޮއްޔެ" ބްރޭންޑްގެ ބައެއް ތަކެތި -- ސަން ފޮޓޯ/ އަހުމަދު އައިމަން

"ދޮންގޮއްޔެ" ބްރޭންޑްގެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން 'ދޮންގޮއްޔެ' ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އެ އޮތޯރިޓީން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެތަނުގެ ސާފުތާހިރުކަން ވަރަށް ދަށް ކަމަށް އެ އޮތޯރިޓީން ފާހަގަ ކުރިއެވެ.

އެކަމާ ގުޅިގެން، އެތަން އިސްލާހު ނުކޮށް އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުން ކުރުމަކީ ސިއްހަތަށް ނޭދެވޭ އަސަރު ކުރުވާ ކަމެއް ކަމަށް އެ އޮތޯރިޓީން ފާހަގަ ކުރިއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެކަމާ ގުޅިގެން ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި އެ ބްރޭންޑްގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ ކަނޑައަޅާފައެވެ.

comment ކޮމެންޓް