މީގެ ކުރިން ނުކުރާ ވަރަށް ސާފިންއަށް މި ސަރުކާރުން ޚަރަދުކޮށްފައިވާނެ: މަހުލޫފް

ގައުމީ ރާޅާ އެރުމުގެ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވާހަކަ ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

މީގެ ކުރިން އެއްވެސް ސަރުކާރަކުން ސާފިންއަށް ހަރަދުކޮށްފައިނުވާ މިންވަރަށް، މި ސަރުކާރުން އެ ކުޅިވަރަށް ހޭދަކޮށްފައިވާނެ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖުގެ ނަމުގައި ބާއްވާ ގައުމީ ރާޅާއެޅުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފް ވަނީ އަބަދުވެސް ޚަރަދު ކުރަނީ ފުޓުބޯޅައަށް ކަމަށް ބުނެ ކިޔަމުން އަންނަ ފާޑުކިޔުންތަކަށް ރައްދު ދެއްވައިފައެވެ.

ގައުމީ ރާޅާ އެރުމުގެ މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ/ ރައީސް އޮފީސް

މަހުލޫފް ވިދާޅުވީ ޔޫތު މިނިސްޓަރު ކަމާ ހަވާލުވުމުގެ ކުރިން، މިނިސްޓްރީން ސާފިން އެސޯސިއޭޝަނަށް ދީފައިވަނީ ޖުމްލަ 20،000 ރުފިޔާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށްފައިވާނެ ކަމަށާއި ހަމައެކަނި މި އަހަރުގެ ގައުމީ މުބާރާތަށް ވެސް ހަތަރު ލައްކަ ރުފިޔާ ސާފިން އެސޯސިއޭޝަނަށް ހަރަދުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މީގެ އިތުރުން ވެސް މި ކުޅިވަރު ކުރިއެރުވުމަށް އެސޯސިއޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

"ސާފިން އެސޯސިއޭޝަނުން އަޅުގަނޑުމެން ކައިރިއަށް އައިސް ހަމަގައިމު ވެސް ހުސްއަތާ ދާން ނުޖެހޭނެކަން ސާފިން އެސޯސިއޭޝަނަށް ވަރަށް ރަނގަޅަށް އެނގޭނެ،" މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުން އަންނަ ސާފް ޓްރެކްތަކާއެކު، ތަމްރީނު ޕްރޮގްރާމްތަކާއި މުބާރާތްތަކާއި ބޭރުގެ ކޯޗިންގެ އެހީ ހޯދުމަށް ސާފިން އެސޯސިއޭޝަނަށް ވެދެވެން ހުރި ހުރިހާ އެހީއެއް ވެދެއްވާނެ ކަމުގެ ޔަގީން ކަން ދެއްވައިފައެވެ.

މި މަހުގެ 23 ވަނަ ދުވަހު ފެށި، ގައުމީ ރާޅާ އެރުމުގެ މުބާރާތުގައި ހަ ޑިވިޝަނެއްގައި 25 ރަށަކުން 14 ޓީމް ބައިވެރިވެ، 102 ބައިވެރިއަކު ރާޅާ އަޅައިފައިވެއެވެ.

ގައުމީ ރާޅާ އެރުމުގެ މުބާރާތުގެ ރަން ވަނަ ހާސިލްކުރި ރާޅާއެޅުންތެރިންނަށް، ރައީސް ސޯލިހު އިނާމު ހަވާލުކޮށްދެއްވަނީ-- ފޮޓޯ/ ރައީސް އޮފީސް

މި މުބާރާތުގެ ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ހޫދު އަހްމަދެވެ. ޝޯޓްބޯޑްގެ އަންހެން ޗެމްޕިއަންކަން އާޔާ ނަސީމް ހޯދިއިރު ޖޫނިއާ ޗެމްޕިއަންކަން ހޯދީ އަހްމަދު އަމީރުއެވެ.

މާސްޓާސް ކެޓެގެރީގެ ފައިނަލުގައި ދެބެން ވާދަކުރިއިރު، ޗެމްޕިއަންކަން ހޯދައިފައިވަނީ އިބްރާހިމް އަރީފެވެ. މުބާރާތުގެ ސުޕަރ ސާރފިން ބައިގެ ޗެންޕިއަނަކީ މުހައްމަދު މުއާޒެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ އެއްވަނަ ޓީމަކަށް ހޮވިފައިވަނީ މާލޭ ޓީމެވެ.

comment ކޮމެންޓް