ޓްރަސްޓު ފަންޑު އުފެއްދުމުގައި ރާއްޖެއިން ކުރި މަސައްކަތާ މެދު ފަޚްރުވެރިވޭ: ޝާހިދު

އދ. ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ---

ރާއްޖެއިން 2012 ވަނަ އަހަރު ލީސްޓް ޑިވިލޮޕްޑް ކަންޓްރީސް (އެލްޑީސީސް) އަދި ސްމޯލް އައިލެންޑް ޑިވިލޮޕިން ސްޓޭޓްސް (ސިޑްސް) ޓްރަސްޓް ފަންޑު އުފެއްދުމަށް ކުރި މަސައްކަތާ މެދު ފަޚްރުވެރިވެވަޑައިގަންނަވާ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެލްޑީސީސް އަދި ސިޑްސް ޓްރަސްޓު ފަންޑު ހިންގަނީ އދ. ގެ އާއްމު މަޖިލީހުގެ ބެލުމުގެ ދަށުންނެވެ.

އެލްޑީސީސް އަދި ސިޑްސް ޓްރަސްޓު ފަންޑުގެ މި އަހަރުގެ ވޯކްޝޮޕް އިއްޔެ ފައްޓަވައި ދެއްވަމުން ޝާހިދު ވަނީ މި ވޯކްޝޮޕް އިންތިޒާމްކޮށް ހިންގާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރަައްވާފައެވެ. މި ވޯކްޝޮޕަކީ އޭޝިއާގެ ގައުމުތަކަށް އަމާޒުކޮށް ހިންގާ ވޯކްޝޮޕެކެވެ.

"އދ ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮތުން އަޅުގަނޑު 193 ގައުމު ތަމްސީލު ކުރަން. އެކަމަކު އަޅުގަނޑުގެ ހިތާއި ރޫހަކީ އަބަދުވެސް ކުޑަ ގައުމެއް. ވަރަށް ފަހުރުވެރިވޭ ރާއްޖެއިން އިސްނަގައިގެން 2012 ވަނަ އަހަރު ޓްރަސްޓު ފަންޑު ވުޖޫދަށް ގެނައުމަށް ކުރި ބުރަ މަސައްކަތްތަކާ މެދު،" އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އިންސާނީ ހައްގުތަކުގެ ތަމްރީނުތަކުން ފެށިގެން ހިއުމަން ރައިޓްސް ކައުންސިލަށް ދެއްވާ އެއްބާރުލުމުގެ އިތުރުން ސަރަހައްދީކޮށް ހިންގާ ތަމްރީނު ޕްރޮގްރާމްތަކުންވެސް ޓްރަސްޓު ފަންޑަކީ ކާމިޔާބު މަސައްކަތެއްގެ ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

"މިއީ ގިނަ ބައެއްގެ ދުނިޔެއެއް. އެންމެންގެ ހައްގުތައް ރައްކާތެރިކުރަމީ މިނިވަން ކަމުގެ ބިންގާ. މިކަމުގެ ސަބަބުން އިންސާފު ގާއިމްވެ އަމަން އަމާންކަން ދެމެހެއްޓުމަށް މަގުފަހި ވެގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަޖިލިސް އިތުރަށް ވަރުގަދަކޮށް، ޓްރަސްޓް ފަންޑު ފަދަ ހަރަކާތްތައް އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއީ އަޅުގަނޑުމެންގެ ޒިންމާއެއް އެންމެންގެ އަޑުތައް އަހައި ހިއުމަން ރައިޓްސް ކައުންސިލްގެ ކުރިމަތީ ހުރިހާ އެންމެން ތަމްސީލު ކުރުން،" އޭނާ ވިދާޅުވިއެވެ.

ޓްރަސްޓު ފަންޑުން 2014 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަނީ 172 ޑެލިގޭޓުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އޭގެ އިތުރުން، ޓްރަސްޓް ފަންޑުން ވަނީ 104 އަންހެނުންނާއި 64 ފިރިހެންނުނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

comment ކޮމެންޓް