ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ފާސްކޮށްފި

ޑިސެމްބަރު 15، 2019: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ: ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެ އޮތޯރިޓީގެ މަސައްކަތްތައް ވަނީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ.

އެ ބިލު މިރޭ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 52 މެންބަރުންގެ އިއްތިފާގުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ސަރުކާރުން ހުށަހެޅީ, އެ އޮތޯރިޓީއާ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ފުށުއެރުންތަކެއް ހުރުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށްފަހު އެތަނުން ކުރަމުން އައި މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމައިފައެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ގެނެވޭ ބަދަލުތަކާއެކު، މިނިސްޓްރީގެ ހިނގުން އަވަސްވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް، ކައުންސިލްތަކަށް ދޫކޮށްލެވިއްޖެ ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށެވެ. އަދި މި ސަރުކާރުން އެ ދިމާލަށް މަސައްކަތްކުރާނެ ކަމަށެވެ.

ރައީސް މިފަދައިން ވިދާޅުވި އިރު، ލައިސެންސް ދިނުން މެދުކަނޑާލާފައި އޮންނަތާ ގިނަދުވަސްވުމާއި، އަދިވެސް ޓްރާންސްޕޯޓުގެ އެހެނިހެން މައްސަލަތަކާ މެދު ހިތްހަމަނުޖެހިގެން ގިނަބަޔަކު ވަނީ އިހްތިޖާޖު ވެސް ކޮށްފައެވެ.

comment ކޮމެންޓް