ފުލުހުންގެ ކޮމިއުނިކޭޝަން މުއައްޒަފުންނަށް ދިވެހިބަހުގެ ކޯހެއް ފަށައިފި

ދިވެހި ބަހުގެ އެކެޑެމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް

ދިވެހިބަހުގެ އެކަޑެމީ އިން ސަރުކާރު މުއައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިއުނިކޭޝަން ބައިގައި މަސައްކަތްކުރާ މުއައްޒަފުންނަށް ދިވެހި ބަހުގެ ކޯހެއް ފަށައިފިއެވެ.

ދިވެހިބަހުގެ ކޯސް ފެށުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޯސް ފައްޓަވައިދެއްވީ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަޝްރަފް ވިދާޅުވީ ސަރުކާރުގެ އެކި އެކި މުއައްސަސާތަކަށް ކޯސް ހިންގަމުން އަންނައިރު ކޯހުގެ ބައިވެރިންގެ ހިޔާލާއި މަޝްވަރާއާއެކު އިތުރަށް ހަރުދަނާ ކުރުމަށް ހުރިކަންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ކޯހުގެ ބައިވެރިންނަށް ލިބުނު އިލްމުން ދަސްވީ ކޮން އެއްޗެއްތޯ ބަލައި ކޯސް އިތުރަށް ރަނގަޅު ފެންވަރެއްގައި ކުރިއަށް ގެންދިއުމަށް ދިވެހިބަހުގެ އެކަޑެމީ އިން މަސައްކަތް ކުރާނެ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

އެ ކޯހާ ގުޅޭގޮތުން ދިވެހި ބަހުގެ އެކެޑެމީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެއީ ސަރުކާރުގެ މުއައްސަސާތަކުން އެދިގެން ހިންގާ ދިހަ ގަޑިއިރުގެ ސެޝަންތަކެއް ކަމަށެވެ.

ކޯހުގެ މަގްސަދަކީ ލިޔެކިޔުންތަކާއި މުއާމަލާތު ކުރުން ދިވެހި ބަހުން ބަހެއްޓުމުގެ އިތުރުން ދިވެހި ބަހަށް އިތުރަށް ޝައުގުވެރިކޮށް އަހުލުވެރިކަން އިތުރު ކުރުމަށް އެކެޑަމީގެ އޮފިޝަލް ވިދާޅުވިއެވެ.

މި ކޯހުގެ ފުރަތަމަ ގަޑި މިއަދު ނަންގަވައިދެއްވީ އެކެޑަމީގެ ޑިރެކްޓަރު ޝަހުމާ ޢަލީއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ޑިރެކްޓަރު ޝަހުމާ ޢަލީ

"ދިވެހި ބަހުގެ ގަވާއިދުތަކުގެ ތެރެއިން އައިބައިފިލި، ލިޔެކިޔުންތަކުގައި ހުރުން އިނުން އޮތުން ބޭނުން ކުރަންޖެހޭ ހާލަތްތަކާއި، ބަދަލުވާއަކުރާ ބެހޭގޮތުން މި ކޯހުން އުނގަންނައިދޭނެ،" އޮފިޝަލް ވިދާޅުވިއެވެ.

އެ ކޯހުގައި ވާހަކަދެއްކުމުގެ އަދަބަތަކުގެ ތެރެއިން ދަރަޖަކުރުމާ ބެހޭ ފިލާވަޅުތަކާއި، އިބާރާތްކުރާނެ ގޮތްތަކާއި އިބާރާތް ކުރުމުގައި ދިމާވާ މައްސަލަތަކާ ގުޅޭގޮތުން ފިލާވަޅުތައް ނަގައިދޭނެ ކަމަށް އެކެޑަމީން ބުންޏެވެ.

މިކޯހުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ މިވަގުތު ރާއްޖޭގައި ތިބި ދިވެހި ބަހުގެ ދާއިރާގެ ފުންނާބު އުސް މުދައްރިސުންނެވެ. އޭގެ ތެރޭގައި ދިވެހި ބަހުގެ އެކެޑަމީގެ ނައިބް ރައީސް ޒުލްފާ އިބްރާހިމާއި ސީއެޗްއެސްއީގެ ދިވެހި ޓީޗަރު އިލްޔާސް ޝުޖާއުގެ އިތުރުން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރާއި ދިވެހި ބަހުގެ އަދީބު އާދަމް ނަސީރު އިބްރާހިމް ހިމެނެއެވެ.

ދިވެހި ބަހުގެ އެކެޑެމީ އިން ވަނީ މީގެ ކުރިން ވެސް އެތައް މުއައްސަސާތަކެއްގެ މުއައްޒަފުންނަށް މިކޯސް ހިންގާފައެވެ. އެގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް ވެސް ވަނީ މި ކޯސް ހިންގާފައެވެ.

comment ކޮމެންޓް