ތ. އަތޮޅުގެ 12 ރަށެއްގައި އިރުގެ އަލިން ހަކަތަ އުފެއްދޭނެގޮތް ގާއިމު ކުރުމަށް ޗައިނާގެ ސިނޯ ސޮއާ ހައިބްރިޑް ޓެކްނޮލޮޖީއާ ހަވާލުކޮށްފިއެވެ.
މިއަދު އެންވަޔަރަމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޯލާ ޕީވީ – ބެޓެރީ - ޑީސަލް ހައިބްރިޑް ސިސްޓަމް ގާއިމު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ. އަދި ސިނޯ ސޮއާ ހައިބްރިޑް ޓެކްނޮލޮޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރު ކާއޯ ޒިއައޯމިންގްއެވެ.
މިޕްރޮޖެކްޓުގެ ދަށުން ތ. އަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށުގައި ޖުމްލަ 2.5 މެގަވޮޓްގެ އިރުގެ އަލި ބޭނުންކޮށްގެން ހަކަތަ އުފެއްދޭނެގޮތް ގާއިމު ވެގެންދާނެއެވެ.
މީގެއިތުރުން 975 ކިލޯވޮޓުގެ ބެޓެރީ ސިސްޓަމް ގާއިމު ކުރުމާއި 3،180 މީޓަރުގެ ކޭބަލް އެޅުމާއި ޒަމާނީ ފެންވަރުގެ ޖެނެރޭޓަރު ކޮންޓްރޯލްޕެނަލް ބެހެއްޓޭނެއެވެ.
މީގެ ސަބަބުން އަހަރަކު 12 މިލިއަން ރުފިޔާ ސަލާމަތްކުރެވި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 2،900 ޓަނުގެ ސީއޯ ޓޫ މަދުކުރެވޭނެ ކަމަށް މިނިސްޓްރު ޝައުނާ ވިދާޅުވިއެވެ.
މި މަސައްކަތް ހަވާލުކުރީ 360 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ.
މި ރަސްމިއްޔާތިގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ، މިއަދުގެ މި ރަސްމިއްޔާތަކީ ނެޓް ޒީރޯ 2030 އަށް ވާސިލުވުމަށް ކުރަމުން އަންނަ ކާމިޔާބު މަސައްކަތްތަކުގެ ތެރެއަށް އިތުރުވެގެންދާ ބޮޅެއް ކަމަށެވެ.
"2018 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި ގާއިމުކޮށްފައި ހުރީ 16.5 މެގަވޮޓުގެ ސޯލާ ޕީވީ. ނަމަވެސް އެ އަދަދު ވަނީ 36.5 މެގަވޮޓަށް އިތުރުކުރެވިފަ. އެއީ 45 ޕަސެންޓުގެ ކުރިއެރުމެއް. އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދިވެހިރާއްޖެ މިއަންނަނީ ހަލުވި ކުރިއެރުންތަކެއް ހޯދަމުން. މިގޮތުން ކުރިއަށް އޮތް ދެއަހަރުގެ ތެރޭގައި މަދުވެގެން 50 މެގަވޮޓުގެ އިތުރު ހައިބްރިޑް ސިސްޓަމްތައް ގާއިމުކުރެވޭނެ،" ޝައުނާ ވިދާޅުވިއެވެ.