ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ބޭރު ފައިސާތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ

ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުން އައި ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ ރޮބީއުﷲ އާއި 31 އަހަރުގެ މުހައްމަދު ފިރްދައުސްއެވެ. މި ދެ މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

މި ދެ މީހުން ބަންދުގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރޮބީއުﷲގެ ބަންދަށް 10 ދުވަސް އަދި ފިރްދައުސްގެ ބަންދަށް 15 ދުވަސް ޖެހުމަށް ވަނީ އަމުރުކޮށްފައެވެ.

ކޯޓުގައި ފުލުހުން ވަނީ މި ދެ މީހުން ވެސް މަސައްކަތް ކުރަނީ ހުއްދަ ދެވިފައިވާ ވޯކް ސައިޓުގައި ނޫން ކަން ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ ފިރްދައުސް ހައްޔަރުކުރިއިރު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި، ބޭރު ފައިސާ ގަނެ ވިއްކުމާ ގުޅުންހުރި ހިސާބުކިތާބު ފޮތާއި ބޭންކު އަދި އޭޓީއެމް ސްލިޕް ފެނިފައިވާ ކަމަށެވެ. ހަމައެހެންމެ އޭނާގެ އަމިއްލަ އެކައުުންޓުން، ފައިސާގެ ބޮޑެތި މުއާމަލާތްތަކެއް ކޮށްފައި ހުރިކަން ހާމަވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ރޮބީއުﷲ އަކީ ވެސް މިކަމުގައި ފިރްދައުސްއާއެކު އިސްކޮށް އުޅޭ މީހެއް ކަން ފުލުހުން ފާހަގަކޮށްފައިވާއިރު، މި ދެ މީހުންނަކީ މިފަދަ ބޮޑު ނެޓްވޯކެއްގެ ދަށުން ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކަމުން އަންނަ ދެ މީހުން ކަމަށް ފުލުހުން ތުހުމަތުކުރެއެވެ.

comment ކޮމެންޓް