މިއަދު ޕޮޒިޓިވްވީ 114 މީހުން، މާލެއިން 25 ކޭސް

މާލޭގެ މަގުމަތި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 114 މީހަކު ކޮވިޑު-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަލަށްނެގި 3،806 ސާމްޕަލްގެ ތެރެއިން މާލެއިން ޕޮޒިޓިވްވީ 25 މީހުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އަތޮޅު ތެރޭގެ ރަށްރަށުން 73 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން ޕޮޒިޓިވް ވެފައިވަނީ 16 މީހުންނެވެ.

ކޮވިޑް ޖެހިގެން 12 މީހަކު، ހޮސްޕިޓަލުތަކުގައި އެނދުމަތި ކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

މި އަދަދުތަކާއެކު، މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 91،464އަށް އަރާފައެވެ. މީގެ ތެރެއިން މިހާތަނަށް ބަލިން ފަސޭހަ ވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 89،434އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްގެ އަދަދު އުޅެނީ 1،769ގައެވެ.

ކޮވިޑު ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވެފައިވާ މީހުންގެ ޖުމުލަ އަދަދު އުޅެނީ 248ގައެވެ.

ކޮވިޑްގެ އާ ވޭރިއަންޓެއް އަނެއްކާވެސް ދެކުނު އެފްރިކާއިން ފެނި ރާއްޖޭގެ ފިޔަވަޅުތައް އަންނަނީ ވަރުގަދަ ކުރަމުންނެވެ. "އޮމިކްރޯން" ނަމަކަށް ކިޔާ އެ ވޭރިއަންޓު ފެނުމާއެކު ހަތް ގައުމަކުން ރާއްޖެއަށް ދަތުރުވެރިން އައުން ވަނީ މަނާކޮށްފައެވެ.

އެއީ ސައުތު އެފްރިކާގެ އިތުރުން ނެމްބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޑްސްވާނާ، ޒިމްބާބްވޭ އަދި އެމްވަޓީނީންއެވެ.

އެ ހަތް ގައުމުން ރާއްޖެ އަންނަ ދިވެހީންނާއި ވޯކްޕާމިޓް އޮތް ބިދޭސީން 14 ދުވަހަށް ކަރަންޓީނުވާންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް