ނައިބު ރައީސްގެ މެސެޖެއް ޒުވާނުންނަށް: ލިބޭ ފުރުސަތުތަކުގެ ރަނގަޅު ބޭނުން ހިފަންޖެހޭ

ނައިބު ރައީސް ފައިސަލް ނަސީމް ދިރާގު އެޕްރެންޓިސްޝިޕްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ: މިއަހަރުގެ ޕްރޮގްރާމްގައި 15 ދަރިވަރުން ދަސްވެނިވެފައިވޭ-- ފޮޓޯ/ ރައީސް އޮފީސް

މިއަދު ކޮންމެ ޒުވާނަކު ވެސް ކުރަންވީ ކަމަކީ ލިބޭ ފުރުސަތުތަކުގެ ރަނގަޅު ބޭނުން ހިފުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

ދިރާގު އެޕްރެންޓިސްޝިޕްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ ގާބިލް މީހުން ބިނާ ކުރުން ކަމަށެވެ. އެގޮތުން ބަޖެޓުން ވެސް ބޮޑު ބައެއް އެކަމަށް ހޭދަކުރަމުން އަންނަ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ގާބިލް މީހުން ނެތި، ގައުމު ނުހިންގޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ރަނގަޅު ފޯސްއެއް ތައްޔާރުކުރެވިގެން ނޫން ކަމަށް ވަންޏާ، ގައުމު ހޭންޑަލްއެއް ނުކުރެވޭނެ، އަޅުގަނޑުމެން ކޮމްޕީޓް ކުރަން ބޭނުންވާ ފަރާތްތަކާ ކޮމްޕީޓެއް ވެސް ނުކުރެވޭނެ،" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް އިތުރަށް ވިދާޅުވީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ގިނަ ކަންކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ އަދިވެސް ކުއްލި ހާލަތަށް ގައުމު ތައްޔާރުވެވިފައިނުވާ ކަން ކަމަށެވެ.

"އަޅުގަނޑުމެން އެބަޖެހޭ ރެސީލިއެންޓް ކޮމިއުނިޓީއެއް، ސޮސައިޓީއެއް ބިލްޑުކުރަން، އަޅުގަނޑުމެން އެބަޖެހޭ އަޅުގަނޑުމެންނަށް އައިސް ކުރިމަތިވާ ކޮންމެ ޝޮކަކަށް އަޅުގަނޑުމެން އެއާ ކުރިމަތިލާ، އެ ލިބިގެންދާނެ ގެއްލުން ކުޑަކުރުމަށް ޓަކައި އަޅުގަނޑުމެންގެ ފޯސް ތައްޔާރުކުރަން،" ނައިބު ރައީސް ވިދާޅުވިއެވެ.

އެކި ދާއިރާތަކަށް މީހުން އިތުރުކުރުމަށް ސަމާލުކަން ދޭން ޖެހޭކަން ފާހަގަކުރައްވައި ނައިބު ރައީސް އިތުރަށް ވިދާޅުވީ ދިވެހިންނަކީ ތޫނުފިލި، ވިސްނުންތެރި ބައެއް ކަމަށާއި އެކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަން ޖެހޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން ކުރަންވީ މަސައްކަތަކީ ލިބޭ ފުރުސަތުގެ ރަނގަޅު ބޭނުން ހިފަންވީ، އަޅުގަނޑުމެން ތެރެއިން އެއްވެސް މީހަކީ ތާއަބަދަށް މެނޭޖިން ޑިރެކްޓަރު ކަމަކު ވެސް، ސީއީއޯ ކަމުގައި ވެސް އަދި އެ ނޫން މެނޭޖަރު ކަމުގައި ވިޔަސް އަދި އެހެން މަގާމެއްގަ ވެސް ނުހުންނާނެ،" ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ޒުވާން އުމުރަކީ ލިބޭ ވަރަށް އަގުހުރި ވަގުތެއް ކަމަށާއި އެ ވަގުތުގެ ބޭނުން ހިފައި، ކަންކަން ދަސްކޮށް، އަނެއް މީހާއަށް ވުރެ މޮޅަށް ކަންކަންކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ގައުމުގައި ގާބިލް ޒުވާނުން ބިނާ ކުރުމަށް ދިރާގުން ކުރަމުން އަންނަ މަސައްކަތަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ޓްރެއިނިން ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ލިބުމުގެ ފުރުސަތު ލިބިގެންދެ އެވެ.

މިއަހަރުގެ ޕްރޮގްރާމްގައި 15 ކުދިން ވަނީ ދަސްވެނިވެފައެވެ.

comment ކޮމެންޓް