ދ. ކުޑަހުވަދޫގައި މިއަދު އެޅި ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގަލަކީ ރާއްޖޭގައި އެތައް އަހަރެއްވަންދެން ހައްލުނުވެ އޮތް ބޮޑު އިޖުތިމާއީ މައްސަލައެއް ހައްލުކުރުމުގެ ބިންގާކަމަށް މިނިސްޓާ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.
ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެއީ އެބިންގަލުގެ މައްޗަށް ރާއްޖޭގެ އިޖުތިމާއީ ވެށި ހަރުދަނާ ކުރުމުގެ މުހިއްމު ބިނާއެއް ބިނާކުރެވިގެންދާނެ ބިންގާކަމަށެވެ. އަދި ރާއްޖޭގެ މިއަދުގެ ހާލަތުގައި ބޮޑަތި އިޖުތިމާއީ އެތައް ކަމެއް އެބަހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހޯމް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް ބަލާލާއިރު މިޤައުމުގައި ކުރިއަރާ ތަރައްޤީވެ ކުރިއަށްދިއުމުގެ ގިނަ ވިސްނުންތައް އެބަހުރިކަމަށެވެ. ނަމަވެސް އޭގެތެރެއިން ރައްޔިތުންނަށް އެންމެބޮޑަށް ޤަބޫލުކުރެވެނީ އިޤްތިޞާދީ ތަނަވަސްކަމާއި, މާލީ ފުދުންތެރިކަމާއި ތިޔާގިކަން އޮތުން އެއީ ހިތްހަމަޖެހުމާއި އުފާ ލިބުމުގެ އެންމެ މުހިންމު ސަބަބެއްކަމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެކަމަށްޓަކައި އެންމެންނަށް ވާދަކުރެވި ހުރިހާ ވަގުތެއް ހޭދަކުރެވި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް ދުއްވާލެވެނީ ތިޔާގިކަމާއި ތަނަވަސްކަމަށް. ލޮލަށް ފެންނަ ތަރައްޤީއާއި ކުރިއެރުމަށް. އެހެންނަމަވެސް އިންސާނީ މުޖުތަމައެއް އުފާވެރި ހިތްހަމަޖެހޭ މުޖުތަމައަކަށްވާނީ އިޤްތިސާދީ ތަނަވަސްކަމާއި, ތިޔާގިކަމާ އެއްވަރަށް ނުވަތަ އެއަށްވުރެ ކުރިއަށް އިޖުތިމާއީ ދުޅަހެޔޮކަމާއި, ބަދަހިކަމާއި ރައްކާތެރިކަން ހޯދައިގެން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
ދުނިޔޭގެ ކުރިއަރާފައިވާ މުޖުތަމައުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަ މުޖުތަމައުތަކުގައި އުފެދިގެންދާ އިޖުތިމާއީ ރައްކާތެރިކަމާއި, ބަދަހިކަމާއި ދުޅަހެޔޮކަމަކީ އެތަންތަނުގެ އިޤްތިސާދީ ކުރިއެރުމަށްވުރެ ބޮޑަށް ކުރިއަރާފައިހުރި ކަންކަންކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރައްޔިތުން މިއަދު މި ކުރިމަތިލާ މައްސަލަތަކަށް ހައްލު ހޯދޭނީ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށެވެ. އެގޮތުން ރާއްޖޭގެ ވީރާނާވެ ހަލާކުވެފައިވާ އިޖުތިމާއީ ވެށި އަނބުރާ ރުޖޫއަކުރެވޭނީ ސަރުކާރާއި ރައްޔިތުންނާއި, ޖަމްއިއްޔާ ޖަމާއަތްތަކާއި, މުޅި ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އެކުވެ ގުޅި ލާމެހިގެންކަމަށް އިމްރާން ވިދާޅުވިއެވެ.
“އެއީ އަޅުގަނޑުމެންނަށް ކުރިއަރައިގެން ދެވޭނެ ގޮތަކީ. ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް އެންމެ ފުރަތަމަ ބޭނުންވަނީ ރަނގަޅު ފަރުދެއް ބިނާކުރުން. އެއަށްފަހު އެ ފަރުދުގެ މައްޗަށް ބިނާވާ ހެޔޮލަފާ ރަނގަޅު އާއިލާއެއް ބިނާކުރުން. އެއާއެކުގައި ބަދަހި ދުޅަހެޔޮ އިޖުތިމާއީ ރަނގަޅު މުޖުތަމައެއް ބިނާކުރުން. އޭގެ މައްޗަށް ޤައުމެއް ބިނާވެގެންދާނީ." އިމްރާން ވިދާޅުވިއެވެ.
ހަމައެހެންމެ މިސަރުކާރު ހަވާލުވެ މިދެންނެވި މައްސަލަތަކުގެ ހާލަތު ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްތައް ފަށައިގަންކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ މިއަދު އެޅުނު ބިންގަލަކީ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ މައްޗަށް ކުރެވުނު މަސައްކަތްތަކުގެ މުހިއްމު އެއް މަސައްކަތުގެ ބިންގާކަމަށެވެ.
މީގެ އިތުރުން، މިމަސައްކަތް ފުރިހަމަވެ ކާމިޔާބުވާނީ ކުޑަހުވަދޫގެ ރައްޔިތުންގެ އެއްބާރުލުމާއެކުކަން ފާހަގަކުރައްވާ ކުޑަހުވަދޫއަކީ މިކަމަށް ވަރަށް ލާއިޣު ރަށެއް ކަމަށް އިމްރާން ފާހަގަކުރެއްވިއެވެ.