ކެންދޫ، ދަރަވަންދޫ އަދި ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއަށް

ބ.ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އިއްޔެ އެމްޓީސީސީއާ ހަވާލްކޮށްފި ---

ބ.ކެންދޫ، ބ. ދަރަވަންދޫ އަދި ސ. ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން އިއްޔެ އެމްޓީސީސީއާ ހަވާލްކޮށްފިއެވެ.

އެ މަޝްރޫއުތައް ހަވާލުކުރުމަށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ކަމާ ބެހޭ އެއްބަސްވުންތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

މި ތިން މަޝްރޫއުގެ އަގު ގާތްގަނޑަކަށް 74 މިލިއަން ރުފިޔާއަށް އަރައެވެ.

އޭގެ ތެރެއިން ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 40 މިލިއަން ރުފިޔާ ހަރަދު ވެގެންދާނެއެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ.

ދަރަވަންދޫގެ މަސައްކަތަށް ހަރަދުވަނީ މުޅި ޖުމްލަ 22 މިލިއަން ރުފިޔާާއެވެ. ހަމައެހެންމެ، ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ހަރަދުވާނެއެވެ. އަދި ކެންދޫގެ މަސައްކަތް ނިންމަން 180 ދުވަހުގެ މުއްދަތެއް ދީފައިވާއިރު ހިތަދޫގެ މަސައްކަތް ނިންމަން ދީފައިވަނީ 165 ދުވަހުގެ މުއްދަތެކެވެ.

ބ.ކެންދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާ، 803 މީޓަރު ބޭރުތޮށިލުމާ، 80 މީޓަރުގެ ރިވެޓްމެންޓު ޖެހުމުގެ އިތުރުން، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް އެމްޓީސީސީ އިން ކުރާނެއެވެ.

މީގެ އިތުރުން، ބ. ދަރަވަންދޫގައި ގިރާ ސަރަހައްދަށް 10،800 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 490 މީޓަރު ބޭރުތޮށި ލުމުގެ އިތުރުން 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ހަމައެއާއެކު ހިތަދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ގިރާ ސަރަހައްދަށް 6891 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 100 މީޓަރު ބޭރުތޮށި ލުމާއި، 570 މީޓަރުގެ ޖިއޯ ޓިއުބް ސްޓްރަކްޗާސް ޖެހުމުގެ މަސައްކަތް ކުރާނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެމްޓީސީސީގެ 63 މަޝްރޫއެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ހަތް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުން ހިމެނެއެވެ.

comment ކޮމެންޓް