ވަރުން ދަވަންއާއި ކްރިތީ ސަނަންގެ "ބެހެޑިޔާ" ނެރޭނީ އަންނަ އަހަރު ނޮވެންބަރު މަހު

ފިލްމް ބެހެޑިޔާގެ ޕޯސްޓަރު

ވަރުން ދަވަންއާއި ކްރިތީ ސަނަން ލީޑްރޯލުން ފެނިގެންދާ ފިލްމް ބެހެޑިޔާ ބޮޑު ސްކްރީނުގައި އަޅުވާނީ އަންނަ އަހަރުގެ ނޮވެންބަރު 25ގައިކަން އިއުލާންކޮށްފިއެވެ.

ބެލުންތެރިންނަށް ބެހެޑިޔާ ދައްކާލާނެ ދުވަސް ވަރުން ހާމަކުރީ އިއްޔެ އޭނާގެ އިންސްޓަގްރާމްގައި ފިލްމުގެ ޕޯސްޓަރެއް ހިއްސާ ކުރަމުންނެވެ.

އިންސްޓަގްރާމްގައި ވަރުން ހިއްސާކޮށްފައިވާ ޕޯސްޓަރަށް ބަލާއިރު ވަރުން ފެނިގެންދަނީ ތަފާތު ގޮތަކަށެވެ. ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ތަފާތު ކަމަކަށް ފާހަގަކުރެވިފައިވަނީ އޭނާގެ ލޮލެވެ. އިންސްޓަގްރާމް މެދުވެރިކޮށް ވަރުން ބުނެފައިވަނީ ބެހެޑިޔާ އެއީ އޭނާގެ ބައެއްކަމަށެވެ. އެއީ ހަގީގީ ދިރިއުޅުމުގައި ކަމެއް ނުވަތަ ފިލްމްގައި ކަމެއް ބުނެދީފައެއް ނުވެއެވެ.

އިންސްޓަގްރާމްގައި ޕޯސްޓަރު ހިއްސާކުރުމާއެކު ބޮލީވުޑްގެ ގިނަ ތަރިން ވަނީ ވަރުންއަށް ތަރުހީބުގެ ބަސްތައް ފޮނުވާފައެވެ. އޭގެ ތެރޭގައި އާލިއާ ބަޓް، ޕްރިޔަންކާ ޗޯޕްރާ، އަބީޝެކް ބައްޗަން، މައުނީ ރޯއީ, އަނިލް ކަޕޫރް އަދި ވަރުން ޝަރުމާ ހިމެނެއެވެ.

ވަރުން ވަނީ މީސްމީޑިއާގައި އޭނާގެ ނަން ބެހެޑިޔާއަށް ބަދަލުކޮށްފައެވެ. މި ފިލްމަކީ އޭނާއަށް ވަރަށް މުހިންމު ފިލްމެއްކަން މިކަމުން ހާމަވެގެންދެއެވެ.

ވަރުންގެ އިތުރުން މި ފިލްމުން ކްރިތީ ފެނިގެންދާއިރު މި ފިލްމަކީ އަމަރް ކައުޝިކް ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމެކެވެ.

ދެން އެންމެ އަވަހަށް ވަރުން ފެނިގެންދާނީ ފިލްމް "ޖަގް ޖަގް ޖީޔޯ" އިންނެވެ. މި ފިލްމުން ވަރުންގެ އިތުރުން ނީތޫ ކަޕޫރާއި އަނިލް ކަޕޫރް އަދި ކިއަރާ އަޑްވަނީ ފެނިގެންދާނެއެވެ.

comment ކޮމެންޓް