ބާޣީންނާ ހަނގުރާމަ ކުރުމަށްޓަކައި އިތިއޮޕިއާގެ ބޮޑުވަޒީރު ހަނގުރާމައިގެ ކުރީސަފަށް ނުކުމެވަޑައިގަންނަވަނީ

އަބީ އަހްމަދު

އެޑިސްއަބާބާ (24 ނޮވެމްބަރު) : އިތިއޮޕިޔާގެ ޓިގްރޭ ސަރަހައްދުގެ ބާޣީން ވެރިރަށް އެޑިސް އަބާބާ ހިފުމަށްކުރާ ހަނގުރާމައިގާ އެ މީހުން އެ ސިޓީއާ ގާތްވެފައިވަނިކޮށް އިތިއޮޕިޔާގެ ސިފައިންގެ ލަޝްކަރުތައް ލީޑްކޮށް ހަނގުރާމައިގެ މައިދާނަށް ނުކުމެވަޑައިގަތުމަށް އެ ގައުމުގެ ބޮޑުވަޒީރު އަބީ އަހްމަދު ނިންމަވައިފިއެވެ.

އަބީ އަހްމަދު އިއްޔެ ވިދާޅުވީ ޓިގްރޭ ބާޣީންނާ ހަނގުރާމަކޮށް ގައުމު ދިފާއުކުރުމަށްޓަކައި އިތިއޮޕިޔާގެ ލަޝްކަރުތަކުގެ އިސްކޮމާންޑަރުގެ ހައިސިއްޔަތުން ހަނގުރާމައިގެ ކުރީސަފަށް ވަޑައިގަންނަވާނެ ކަމުގައެވެ. މިއާއެކު އަބީ އަހްމަދު ވަނީ ގައުމުގެ ދިފާއުގައި ބާޣީންނާ ކުރިމަތިލުމަށް ސިފައިންގެ ލަޝްކަރުތަކާ ގުޅުމަށް އިތިއޮޕިޔާގެ ޒުވާނުންނަށްވެސް ގޮވާލައްވާފައެވެ.

އިތިއޮޕިއާގެ ސިފައިން

ޓިގްރޭ ސަރަހައްދުގެ ބާޣީން އިތިއޮޕިޔާގެ ކަޝްކަރުތަކާ ކުރިމަތިލައި އެ ގައުމުގެ ގިނަ ސަރަހައްދުތަކެއް މިހާރު ހިފާފައިވާއިރު އިތިއޮޕިއާގެ އެހެން ބައެއް ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ބާޣީން ވެސް ވަނީ އިތިއޮޕިޔާ ސަރުކާރުގެ ލަޝްކަރުތަކާ ދެކޮޅަށް ހަނގުރާމަ ފަށާފައެވެ. މިއާއެކު އިތިއޮޕިއާ ގެ ވެރިރަށް އެޑިސް އަބާބާ އެމީހުންގެ އަތްދަށަށް ހިނގައިދާނެކަމުގެ ބިރުވަނީ ހަގީގަތަކަށް ވެފައެވެ.

ޓިގްރޭ ބާޣީން އިތިއޮޕިއާ ސަރުކާރާ ދެކޮޅަށް ހަނގުރާމަފެށީ ބޮޑުވަޒީރު އަބީ އަހްމަދުގެ ސަރުކާރުން ޓިގްރޭގެ ލޯކަލް ސަރުކާރު އުވާލައި ބާޣީން ބޭނުންނުވާ ވެރިއަކު އެސަރަހައްދުގެ ވެރިކަމަށް ގެނައުމުންނެވެ. މީގެ ފަސްވަރަކަށް މަސްކުރިން ބާޣީން ފެށި މިހަނގުރާމައިގާ ޓިގްރޭ ބާޣީން ނިސްބަތްވާ "ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފުރަންޓް" (ޓީޕީއެލްއެފް) ގެ ފައުޖުތަކާއި އިތިއޮޕިޔާ ސިފައިންނާ ދެމެދު ދަނީ ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުންނެވެ.

މިހަމަލާތަކުގައި ގާތްގަނޑަކަށް 2.5 މިލިޔަން މީހުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވެފައިވާއިރު އިތުރުން 7 މިލިޔަން މީހުންވަނީ ކާބޯތަކެއްޗަށް ޖެހިފައެވެ. މަރުވި މީހުންގެ އަދަދުވެސް އެތަށް ހާހަކަށް އަރައެވެ.

އިތިއޮޕިއާގެ ލަޝްކަރުތައް ޓިގްރޭ ބާޣީންނާ ދެކޮޅަށް ލީޑްކުރެއްވުމަށްޓަކައި ހަނގުރާމައިގެ ކުރީސަފަށް ނުކުންނެވުމަށް އަބީ އަހްމަދު ނިންމަވާފައި މިވަނީ ޓިގްރޭ ބާޣީންގެ ހަނގުރާމަވެރިން ވެރިރަށް އެޑިސް އަބާބާއާ ގާތްގަނޑަކަށް 200 ވަރަކަށް މޭލަށް ގަތްވެފައިވާ ދަނޑިވަޅެއްގައެވެ.

comment ކޮމެންޓް