ފުޓްސަލް މުބާރާތް ނުބާއްވާ މީދާ ހިފުމުގެ މުބާރާތަކަށް އިއުލާނު ކުރުމުން ރ. ވާދޫ ޒުވާނުން ރުޅިގަދަވެ، ކައުންސިލް ކުރިމަތީގައި މުޒާހަރާކޮށްފިއެވެ.
ރޭ ވާދޫ ޒުވާނުން މުޒާހަރާއަށް ނުކުންނަމުން ފޭސްބުކް ލައިވްގައި އެރަށު ޒުވާނަކު ބުނެފައި ވަނީ، ފުޓްސަލް މުބާރާތް ބާއްވަން އެދުމުން އެކަން ނުކޮށްދީ، މީދާ ހިފާ މުބާރާތެއް ބާއްވަން ނިންމުމުން ގިނަ ޒުވާނުންތަކެއް ހިތްހަމަ ނުޖެހި، ހަޅުތާލު ކުރަމުންދާ ކަމަށެވެ.
" ވާދޫ ކައުންސިލަށް މީދާ ކައުންސިލުގެ ނަމުން ޒުވާނުން މިހާރު މުހާތަބު ކުރަނީ،" ވާދޫ ޒުވާނަކު ޕޯސްޓަރެއް ދައްކަމުން ކިޔަދިނެވެ.

ރ. ވާދޫ ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ފޭސްބުކް
ކައުންސިލް ދޮރުމަތީގައި ޒުވާނުން މުޒާހަރާ ކުރިއިރު އެކަން ދޭހަވާ ޕޯސްޓަރުތަކެއް ގެންގުޅުނެވެ. އެގޮތުން މީދާ މުބާރާތް ބާއްވަން ވޯޓުދިން ކައުންސިލަރުންނާ ފުޓްސަލް މުބާރާތަށް މެޖޯރިޓީ ވޯޓުދިން ކައުންސިލަރުން އެނގޭގޮތަށް ލިޔެފައި ވެއެވެ.
ފަސް ކައުންސިލަރުންގެ ތެރެއިން، ފުޓްސަލް މުބާރާތް ބާއްވަން ވޯޓު ދިނީ ދެ ކައުންސިލަރުން ކަމަށާއި ނުފެންނަ ކަމަށް ވޯޓު ދިނީ ތިން މެންބަރުން ކަމަށް އެ ޒުވާނުން ބުނެއެވެ.
އެ ޒުވާނާ ބުނި ގޮތުގައި މީދާ ހިފާ މުބާރާތް ބާއްވަން ކައުންސިލުގެ ފަސް މެމްބަރުންވެސް ވަނީ ވޯޓް ދީފައެވެ.
"އޭގެ މާނައަކީ ފުޓްސަލް މުބާރާތަކަށް ވުރެ މީދާ ހިފުމުގެ މުބާރާތެއް ކައުންސިލަށް މާ މުހިންމޭ. ކައުންސިލަށް މީދާ މާ މުހިންމޭ،" އެ ޒުވާނުން ބުންޏެވެ.

ރ. ވާދޫ ޒުވާނުންގެ އިހުތިޖާޖުގެ ތެރެއިން -- ފޮޓޯ/ ފޭސްބުކް
ޒުވާނުން ބުނީ ފުޓުބޯޅައަށް އިހުތިރާމު ކުރުމުގެ ގޮތުން މީދާއަށް 'ނޯ' ޖަހާފަ ފުޓްބޯޅައަށް 'ޔެސް' ޖަހާފަ ޕޯސްޓަރެއް ހެދީ ކަމަށެވެ.
އެ ޕޯސްޓަރުން ދޭހަކޮށްދޭ އެއްޗެއް ކިޔައިދެމުން ޒުވާނާ ބުނީ، އޭގެން ދައްކުވައިދެނީ ޒުވާނުންނަށް މީދާ ހިފުމުގެ މުބާރާތް މުހިންމު ނޫން ކަމަށެވެ. ޒުވާނުންނަށް މުހިންމީ ފުޓްސެލް މުބާރާތެއް ނުވަތަ ފުޓްބޯޅަ މުބާރާތެއް ކަމަށެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ބަހެއް ހޯދަން ގުޅާލުމުން، ކައުންސިލް މީޓިންއަކަށް ހާޒިރު ތިބުމާ ގުޅިގެން، ކައުންސިލްގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.