ރ. ވާދޫގެ ކުނިކޮށި މިހާރު ހުރި ތަނުގެ ސަބަބުން ގޯތި ނުދެވި އޮތް މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކޮށްދެއްވައި، ގޯތި ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރ. ވާދޫގެ ރައްޔިތުންނަށް މިއަދު ދެއްވައިިފިއެވެ.
މިއަދު ރ. އަތޮޅުގެ 10 ރަށަކަށް ރައީސް ފެއްޓެވި ދަތުރުފުޅުގައި ވާދޫއަށް ވަޑައިގެން، ވިދާޅުވީ ކެމްޕޭން ތެރޭ ރަށަށް ވަޑައިގެންނެވިއިރު ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށެވެ. މި ދަތުރުފުޅުގެ ބޭނުމަކީ ވެސް އެ ވައުދުތައް ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެގޮތޮން ރަށު ކައުންސިލުން ގޯތި ދޫކުރަން ތައްޔާރަށް އޮތް ނަމަަވެސް ކުނި ކޮށި މިހާރު އޮތްތަނުގެ ސަބަބުން ގޯތި ނުދެވި ލަސްވަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވަނީ އެ ކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކުނި ކޮށި ހުރި ތަން ބަދަލުކޮށް، ކުނީގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަސް ވިދާޅުވިއެވެ.
"އެހެންވީމާ އިރާދަކުރެއްވިއްޔާ އެ ކުނީގެ މައްސަލަ ހަމަޖެހިގެންދާނެ ވަރަށް އަވަހަށް ބަދަލުކުރެވިގެން. ރީލޮކޭޓުކުރެވުނީމަ، އަދި ދާއިމީކޮށް ވެސް ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ވެސް އިރާދަކުރެއްވިއްޔާ ގެންނާނަން. ގެނެވިގެންދާނެ، އެހެންވީމާ އެ ކަން ހަަމަޖެހިގެންދާނެ، ހަމަޖެހިގެންދާއިރު ދެން ގޯތީގެ މައްސަލަ، މިހާރު ދޫކުރަން ނިންމައިފައިވާ ގޯތިތައް ވެސް ފަސޭހަކަމާއެކީގައި ހަމަޖެހިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މި އަހަރު، ނުވަތަ އަންނަ އަހަރު ތެރޭ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް، އެ ކަން ހަވާލުކޮށްފައިވާ އެމްޓީސީސީއަށް އިތް ބޮޑުހިލަ ލިބުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މީގެ ކުރިން އިއުލާނުކުރެއްވި ގޮތަށް ބަލްކުކޮށް ހުރިހާ މަޝްރޫއަކަށް ބޭނުންވާ ބޮޑުހިލަ ގެނެވުމުން މަޝްރޫއު އަވަހަށް ފަށައިގަނެ ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ބަނދަރު ތަރައްގީކުރުން ވެސް ބޮޑުހިލަ ލިބުމުން ކުރިއަށްދާނެ ކަމަށާއި، ރަށުގެ ސްކޫލުގައި ސްޓާފްރޫމާއި، ކޮންޕިއުޓަރު ލެބެއް ތަަރައްގީކުރުމުގެ މަސައްކަތް ވެސް ކައުންސިލާއި، ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ވާދޫއަކީ މުޅި ރަށަކީ އިއާދަކުރަނިވި ހަކަތައިން ހިންގާ މޮޑެލް ރަށަކަށްވާ މަންޒަރު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ. އެގޮތުން ވާދޫއަކީ އެ ކަން ކުރެވޭނެ ރަށެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ރައްޔިތުން ބޭނުންފުޅުނަމަ މި ސަރުކާރުގެ ހަތަރު އަހަރު ތެރޭ ރަށާއި ސަރުކާރާ ގުޅިގެން އެ ކަން ކުރުމަށް އެހީތެރިވެދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.