ބާސެލޯނާގެ ޒުވާން ތަރި ޕެޑްރީއަށް ގޯލްޑެން ބޯއީގެ އެވޯޑް ލިބިއްޖެ

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ --- ފޮޓޯ//އޭޕީ

ޔޫރަޕުގައި ކުޅޭ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑެން ބޯއީ އެވޯޑް ބާސެލޯނާ އަދި ސްޕެއިނަށް ކުޅޭ 18 އަހަރުގެ މިޑްފީލްޑަރު ޕެޑްރީ ހޯދައިފިއެވެ.

އިޓަލީގެ ކުޅިވަރު ނޫސް "ތުއްތޮސްޕޯޓް" އިން ހޮވާ ގޯލްޑެން ބޯއީގެ އެވޯޑް 2005 ވަނަ އަހަރު ބާސެލޯނާގެ ލެޖެންޑް ލިއޮނެލް މެސީ ހޯދުމަށްފަހު އެކުލަބުގެ ކުޅުންތެރިއަކަށް އެ އެވޯޑް ނުލިބޭތާ މިވަނީ 16 އަހަރުވެފައެވެ. އެކަމަކު ޔޫތު ޕްލޭޔަރުން އުފައްދާ ކުލަބެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ބާސެލޯނާގެ ޕެޑްރީ އިއްޔެ ވަނީ މި ޝަރަފުވެރި އެވޯޑް ހޯދައިފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ލަަސް ޕަލްމާސް ދޫކޮށް ބާސާއަށް ގުޅުމަށް ފަހު ޕެޑްރީ ވަނީ ކުރީ ސީޒަނުގައި އެ ޓީމަށް 53 މެޗު ކުޅެދީފައެވެ. އެއާއެކު މިދިޔަ ސީޒަނުގައި ބާސާއަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިއަކަށް ޕެޑްރީ ވަނީ ވެފައެވެ. އަދި ޕެޑްރީ ވަނީ މިދިޔަ ސީޒަނުގައި ބާސާއާއެކު ސްޕެނިޝް ކަޕް ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ޕެޑްރީ ވަނީ މިއަހަރުގެ ޖޫން މަހު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ނެގި ޓީމުގައި ވެސް ހިމެނިފައެވެ. އެ މުބާރާތުގެ ސެމީ ފައިނަލުން ސްޕެއިން ކެޓި ނަމަވެސް ޕެޑްރީ ވަނީ އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކޮށްފައެވެ.

ޕެޑްރީއާ އެކު ބާސެލޯނާއަށް ކުޅޭ ގަވީ ވެސް ވާދަކުރިއެވެ. މީގެ އިތުރުން ޖަމާލް މުސިއާލާ އާއި ޖޫޑް ބެލިންހަމާއި ޖޯ ރޭނާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުގެ މޭސަން ގްރީންވުޑާއި އާސެނަލްގެ ބުޔާކޯ ސަކާ އާއި ޕީއެސްޖީއަށް ކުޅޭ ޕޯޗުގަލްގެ ނޫނޯ މެންޑޭޒް އަދި ރެއާލް މެޑްރިޑުގެ ރޮޑްރީގޯ އާއި، އާސެނަލް އިން ފްރާންސްގެ މާސޭއަށް ލޯނު އުސޫލުން ކުޅުނު ވިލިއަމް ސަލީބާ ވެސް މި އެވޯޑަށް ނޮމިނޭޓްވިއެވެ.

ބާސާއިން ދާދި ފަހުން ވަނީ ދިގު މުއްދަތަކަށް ޕެޑްރީގެ އެއްބަސްވުން އާކޮށްފައެވެ. އެގޮތުން 2026 ވަނަ އަހަރުގެ ނިޔަލަށް ޕެޑްރީ އެއްބަސްވުން ހެދިއިރު، އެ އެއްބަސްވުން އުވާލަން ބާސާއިން ވަނީ އެއް ބިލިޔަން ޔޫރޯ ކަނޑައަޅާފައެވެ.

comment ކޮމެންޓް