މަރަކީ ކޮންމެ ވަގުތަކުވެސް އިންސާނާއާ ބައްދަލު ކޮށްފާނެ އެއްޗެއްކަން އަޅުގަނޑުމެން އެންމެންވެސް ދަންނަމުއެވެ. މަރުގެ ވާހަކަ އަޑުއިވިއްޖެނަމަ ހިތަށް ބިރު ވެރިކަން ވަންނަ ބީދައިން ހަމަ ދެވަނަ ސިކުންތު އެކަން ހަނދާނުން ކައްސާލައެވެ. އެއް ކަންފަތުން ވަދެފައި އަނެއް ކަންފަތުން ނުކުންނަނީއެވެ. ބިރުގަނެ ހާސްވަނީ ހަމަ އެކަނި ވަގުތު ކޮޅަކަށެވެ.
ނަމަވެސް އެއާމެދު ގިނަ ބަޔަކު މިއަދު ވަނީ ޣާފިލުވެފައެވެ. ބިރެއް ފިކުރެއް ނެތި އަޅުގަނޑުމެންގެ ނަފްސުތައް ވަނީ ދުނިޔޭގެ ރީތި ކުލަތަކަށް ގެއްލި ހުސްވެފައެވެ. އަޅުގަނޑުމެންގެ ހަނދާނުން ކަސިޔާރު ވެފައިވާ ކަމަކީ ދުނިޔޭގެ އުފަލަށްޓަކައި ކުރެވޭ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތައް މަރުގެ ތުންފަތް މައްޗަށް ވައްޓާލެވޭ ކަމެވެ.
އެގޮތުން، ނަފްސުގެ ދުޅަހެޔޮ ކަމަށް ވިސްނާލުމެއް ނެތި އެޅޭ ކަތި ފިޔަވަޅުތަކުން އަޅުގަނޑުމެންގެ ހަށިގަނޑުތައް 'މަރުބަލި'ތަކުގެ ޝިކާރައަކަށް ވަމުންދާ ކަމީ މިއަދު އަޅުގަނޑުމެން އެންމެން ކަންބޮޑުވާންޖެހޭ ކަމެކެވެ.
މިއަދު ރާއްޖެއަކީ ވެސް މިފަދަ ގިނަ ބަލިމަޑު ކަމެއްގެ ހާއްޔެކޭ ބުނުމުން ދޮގަކަށް ނުވާނެކަން ކަށަވަރެެވެ. މަދުން ނަމަވެސް ރިޕޯޓް ކުރެވެމުން އައިސް މިއަދު ދިވެހި މުޖުތަމައުއަށް އެއިޑްސް މަރުބަލީގެ ނުރައްކާވެސް އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
އެއިޑްސް އަކީ ކޮބާ؟
އެކުއައިޑް އިމިއުނޯޑެފިޝެންސީ ސިންޑްރޯމް (އެއިޑްސް)އަކީ ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް (އެޗްއައިވީ) ނަމަކަށް ކިޔާ ވައިރަސްއެއްގެ ޒަރިއްޔާއިންޖެހޭ ބައްޔެކެވެ. އަވަސް ފަރުވާ ނުލިބިއްޖެނަމަ މަރުގެ ހިޔަނި ތިމާގެ ހަޔާތަށް އެޅިގެންދާ ފަނާކުރުވަނިވި ބައްޔެކެވެ.
މި ބައްޔާ ގުޅޭގޮތުން އެޗްޕީއޭގެ ސީނިއާ ޕަބްލިކް ހެލްތު ޕްރޮގްރާމް މެނޭޖަރު އަބްދުލް ހަމީދު "ސަން"އަށް ވިދާޅުވީ އެޗްއައިވީ އަދި އެއިޑްސްއަކީ އެކައްޗެއް ނޫން ކަމަށެވެ.
"އެޗްއައިވީއަކީ އެއިޑްސް ޖައްސާ ވައިރަސްއަށް ކިޔާ ނަން. މި ވައިރަސް އިންސާނާގެ ހަށިގަނޑު ތެރެއަށް ވަދެ މީހާގެ ދިފާއީ ނިޒާމު ހަލާކު ކޮށްލުމާ ގުޅިގެން އެހެނިހެން ބަލިތައް ޖެހެން ފެށުމުން މި ކިޔަނީ އެމީހަކަށް އެހުރީ އެއިޑްސް ޖެހިފައޭ،" އޭނާ ވިދާޅުވިއެވެ.
މިއީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި މަދުން ނަމަވެސް ފެތުރެމުން ދިޔަ ބައްޔެކެވެ. ނަމަވެސް އިހު ޒަމާނުގައި ފަރުވާއެއް ދެވެން ނެތި ގިނަ ބަޔަކު ވަނީ މި ބަލީގައި ނިމި ގޮސްފައެވެ. ޒަމާން ބަދަލުވެ މިހާ ހިސާބަށް ދުނިޔެ ތަރައްގީވެގެން އައިރު މި ބައްޔަށް ދާއިމީ ޝިފާއެއް ހޯދިފައެއް ނުވެއެެވެ. އެހެންނަމަވެސް ރަނގަޅު ފަރުވާ ލިބިއްޖެނަމަ މަރުބަލީގެ ބިރުވެރިކަމުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑެވެ.
ރާއްޖޭގައި އެއިޑްސް ބަލީގެ ތާރީހު
ރާއްޖޭގެ މަލަމަތި އެއިޑްސްގެ ވަބާއިން އެންމެ ފުރަތަމަ ބައްދާލީ 1991 އަހަރުގެ ތެރޭގައެެވެ.
"އޭގެ ފަހުން ކޮންމެ އަހަރަކުހެން އެޗްއައިވީ ޖެހިފަ ތިބޭ މީހުން ފެންނަމުން އަންނަނީ. އެކަހަލަ ގޮތަކަށް މިދަނީ،" ރާއްޖޭގެ އެއިޑްސް ބަލީގެ ތާރީހު "ސަން" އަށް ކިޔައިދެއްވަމުން ހަމީދު ވިދާޅުވިއެވެ.
ހަމީދު އިތުރަށް ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ރާއްޖޭގައި އެއިޑްސް ބައްޔަށް މީހަކު ޕޮޒިޓިވްވިކަން ރިޕޯޓް ކުރެވުމާއެކު ރާއްޖޭގައި ނެޝަނަލް އެއިޑްސް ކައުންސިލްއެއް އުފެއްދިއެވެ. އަދި ނެޝަނަލް އެއިޑްސް ޕްރޮގްރާމެއް އުފެދި އާންމުން ހޭލުންތެރި ކުރުވުމުގެ އިތުރުން ރާއްޖޭގައި ތިބި އެއިޑްސް ޖެހިފައިވާ މީހުންނަށް ދޭން ޖެހޭ ފަރުވާ އާއި އެހެނިހެން ހިދުމަތްތައްވެސް މިއަދާއަށް ހަމައަށްވެސް ފުރިހަމައަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންނަމަވެސް ރާއްޖެއަކީ އެއިޑްސްއާ ދެކޮޅަށް ވަރަށް ކުރިން ފެށިގެން މަަސައްކަތް ކުރަން ފެށި ގައުމެއް. އެއީ 1989 އާ ހިސާބުގަ އެބަހުރި ނެޝަނަލް އެއިޑްސް ކައުންސިލްއެއް އުފެދި އަދި ރާއްޖެއިން އެޗްއައިވީ ކޭސްއެއް ނުފެންނަނީސް ވެސް މި މަސައްކަތް ކުރަން ފަށާފަ،"
ރާއްޖޭގެ ގޮނޑުދޮށަށް އެއިޑްސް ބަލީގެ ނުރައްކާ އެންމެ ފުރަތަމަ ލެއްގީވެސް އެފަދަ ކަމަކަށް ދިވެހީން އޭރު ތައްޔާރުވެވެން އޮތް އެންމެ ބޮޑަކަށް ތައްޔާރުވެފައި ވަނިކޮށެވެ. އެގޮތުން އެކަމުން ރައްކާތެރި ވުމަށް އެޅިފައި ހުރި ފިޔަވަޅުތައް ވަރަށް ކާމިޔާބުކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެޗްއައިވީގެ ހާލަތު
ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު އެޗްއައިވީއަކީ ނުރައްކާތެރިކަން ބޮޑު ބައްޔެކެވެ. ގިނަ ބަޔަކު މި ބަލީގެ ޝިކާރައަކަށްވެ މި ދުނިޔެއާ ވަނީ އަލްވަދާއު ކިޔާފައެވެ.
އެގޮތުން ބަލާއިރު މިދިޔަ އަހަރު އެކަނިވެސް 39 މިލިއަނަށްވުރެ ގިނަ މީހުން ދިޔައީ މި ބަލީގެ ވޭން ތަހައްމަލް ކުރަމުންނެވެ. އޭގެތެރެއިން 1.7 މިލިއަން މީހުންނަކީ ކުޑަކުދިންނެވެ. މިހާތަނަށް މުޅި ޖުމްލަ 80 މިލިއަން މީހުން މި ބަލި ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ބޭރުގެ ބައެއް ރިޕޯޓްތައް ބުނެއެވެ.
ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރަމުން ދިޔަ ނަމަވެސް އެއިޑްސްގެ ކުރިމަތީ އެ ޓެކްނޮލޮޖީގެ މޮޅެތި ހަތިޔާރުތައް ބަހައްޓަން ޖެހުނު މީހުންގެ އަދަދު 41 މިލިއަނަށް އަރައެވެ.
ރާއްޖޭގެ ތަފާސް ހިސަބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ނިޔަލަށް އެ ބަލި ޖެހުނު ކަމަށް މުޅި ޖުމްލަ ރިޕޯޓް ކުރެވިފައިވަނީ 37 ދިވެހީންނަށެވެ. އޭގެތެރޭގައި ހިމެނެނީ 31 ފިރިހެނުންނާއި ހަ އަންހެނުންނެވެ. މި ބަލީގެ ޝިކާރައަކަށްވެ ދިވެހީންގެ ތެރެއިންވެސް 15 މީހުން ވަނީ މި ދުނިޔެ ދޫކޮށްފައެވެ. މިވަގުތު ފަރުވާގެ މަރުހަލާ ކުރިއަށް ދަނީ 22 މީހެއްގެއެވެ.
އެއިޑްސް ބަލީގެ އަލާމާތްތައް ދެނެގަންނާނީ ކިހިނެތް؟
ހަމީދު ވިދާޅުވި ގޮތުގައި މި ބަލީގެ އަލާމާތްތައް ފެންނަ ދެ މަރުހަލާއެއްވެއެެވެ. އެގޮތުން، އެންމެ ފުރަތަމަ މަރުހަލާ އަކީ އެޗްއައިވީ މީހާގެ ހަށިގަނޑުގެ ތެރޭގައި ދައުރުވާން ފެށުމުން އޭނާގެ ކިބައިން ފެންނަ އަލާމާތްތަކެވެެ. އެއަށްފަހު، މި ވައިރަސްއަށް ފަރުވާ ނުލިބި ހަށިގަނޑު ތެރޭގައި ގިނަ ދުވަސްވުމުން މީހާ މަރުގެ ތުންފަތްމައްޗަށް ވައްޓާލައެވެ. އެއިޑްސް ބަލީގެ ވަކިތައް މީހާގެ އެތެރެ ހަށީގައި ހިއްޕާލައެވެ.
"އެޗްއައިވީ މީހެއްގެ ހަށިގަނޑަށް ވަނީމަ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ރޯގާގެ އަލާމާތް ހިމެނޭ. ނަމަވެސް މިކަހަލަ ކަންތައްތަކަކީ އާދައިގެ ރޯގާއެއް ޖެހުމުން ވާ ކަންތައްތައް ކަމުން އެ ވާހަކަ ބުނަން ވަރަށް އުނދަގޫ ގިނަ މީހުންނަށް،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ވައިރަސް އިންސާނެއްގެ ހަށިގަނޑުގައި ފެތުރިގަންނަ ދުވަސްކޮޅަކީ ނަފްސަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ.
"ކުއްލިއަކަށް ބަދަލުތަކެއް އައިސްދާނެ ދުވަސްކޮޅެއް އެއީ. މިސާލަކަށް އަދާޔާހިލާފަށް ގިނަައިން ބޮޑުކަމު ދެވުން ނުވަތަ ރޯގާގެ އަލާމާތްތައް ހުރުން ފަދަ ކަންތައްތައް. އެކަމަކު އަޅުގަނޑު ފާހަގަ ކޮށްލަން ބޭނުންވާ ކަމަކީ މިފަދަ އަލާމާތްތައް އާދައިގެ ރޯގާއަކުންވެސް ފެނިދާނެ ކަންތައްތައް ވީމަ ބުނަން އުނދަގޫވާނެ އެއީ ސީދާ އެއިޑްސް އޭ،" ހަމީދު ވިދާޅުވިއެވެ.
މި ދުވަސަވަރަށްފަހު އެމީހެއްގެ ހަށިގަނޑުން އެއްވެސް ބަލިމަޑުކަމެއް ނުފެނި ނުވަތަ ވައިރަސްއެއް ހަށިގަނޑު ތެރޭގައި އުޅޭ ކަމުގެ އިހުސާސެއް ނެތި ކިތަންމެ ގިނަ ދުވަހެއްވެސް ވެދާނެއެެވެ.
"ވައިރަސް އޭނާގެ ހަށިގަނޑު ތެރޭގައި ހުރެމެ އޭނާ ހަދާ ޓެސްޓަކުން އެ ދުވަސްވަރު ނުދައްކަފާނެ ކަމެއް އުޅޭ ކަމަށް. ފުރަތަމަ ތިން މަހާ ހަ މަހުގެ މުއްދަތުގައި ތެރޭގައި ހަދާ އެންޓި ބޮޑީ ޓެސްޓަކުން ނުދައްކާފާނެ،"
ނަމަވެސް މި ހާލާތުގައިވެސް ނުރައްކާ ބޮޑެެވެ. އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތަކަށް ސަމާލުކަން ނުދީ އުޅެފި ނަމަ އެ ދުވަސްވަރު ގިނަ ބަޔަކު މި ބަލީގެ ވަކިތަކުގައި ނުޖެހި ދިޔުމަކީ ނާދިރު ކަމެކެވެ.
އެއިޑްސްއަކީ މިހާތަނަށް އަދި ދާއިމީ ޝިފާއެއް ލިބިފައިވާ ބައްޔަކަށް ނުވާއިރު މީގެ އަސަރުތައް އިންސާނާގެ ގައިގައި ގިނަދުވަހު ހުންނަ ވަރަކަށް އިންސާނާގެ ދިފާއީ ނިޒާމު ބަލިކަށި ކޮށްލައެެވެ. މި ކުޑަކުޑް ވައިރަސްއަށް އަޅުގަނޑުމެން މުޅި ހަށިގަނޑުގެ ދިފާއީ ނިޒާމު ކުރުނީސްކުރަން މަޖުބޫރު ކުރުވައެވެ.
ހަމައެހެންމެ، އެހެނިހެން ބަލިތަކުގެ އަމާޒު ފަތްގަނޑަކަށް އަޅުގަނޑުމެންގެ ހަށިގަނޑުވުމުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލައެވެ. ހާއްސަކޮށް ކަރުފަދަ ތަންތަނުގައި ގިނައިން ގޮށްލާފައި ހުންނާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ހަމަށް ޖެހޭ ބަލިތަކާއި ޓީބީ ފަދަ ފުރާނައަށް ނުރައްކާވާ ޒާތުގެ ގިނަ ބަލިތަކުގެ ލޯ އަޅުގަންޑުމެންގެ ހަށިގަނޑަށް ހުއްޓެއެވެ.
މިއީ ހަމައެކަނި އެންމެ ފުރަތަމަ މަރުހާލާގެ ފެންނާނެ އަލާމާތްތަކެވެ. ކުޑަކުޑަ ވައިރަސްއެއްގެ އެންމެ ފުރަތަމަ މަރުހާލާގައިވެސް އަޅުގަނޑުމެންގެ އާރެއް ބާރެއް ނެތްކަން ހަނދުމަ ކޮށްދޭފަދައެވެ.
އެއިޑްސް ޖެހުމަށް މެދުވެރިވާ ސަބަބުތައް
އެއިޑްސް ބަލި ޖެހުމަށް މާގިނަ ސަބަބުތަކެއް ނުވެއެވެ. ނަމަވެސް އަޅުގަނޑުމެން އަމިއްލަ ނަފްސާމެދު ވިސްނާ ނުލާ އުޅެންވެއްޖެނަމަ މި ބަލީގައި ނިމި ދިޔުމަކީވެސް ދުރުގައި އޮތް ކަމެއް ނޫންކަން ކަށަވަރެެވެ.
އާންމުކޮށް ގައިންގަޔަށް އަރާ ބަލިތަކާ ހިލާފަށް މި ވައިރަސް އެކަކު ގައިން އަނެކާގެ ގަޔަށް ދަތުރު ކުރަނީ ތަފާތު ކޮށެވެ.
އެއްޗްއައިވީގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ހަށިގަނޑު ތެރޭގައި ވައިރަސް ދިރިއުޅެނީ ލޭގެ އިތުރުން ހަށިގަނޑު ތެރޭގައި އުފެދޭ އެހެނިހެން ދިޔަވަރު ތަކުގައި ކަމަށް ހަމީދު ވިދާޅުވިއެވެ.
"އެގޮތުން ލޭ ނުވަތަ ހަށިގަނޑު ތެރޭގައި އުފެދޭ ދިޔަވަރުތައް އެކަކު ގައިން އަނެކަކު ގަޔަށް ބަދަލުވާ ކަހަލަ ކޮންމެ އަމަލަކުން މި ބަލި ފެތުރުމުގެ ފުރުސަތު މި އޮންނަނީ. އެގޮތުން، އެންމެ ހައި ރިސްކު ކަންތައްތަކުގެ ތެރޭގައި އެޗްއައިވީ ޖެހިފަ ހުރި މީހެއްގެ ލޭ ޓެސްޓު ނުކޮށް އަނެކާގެ ގަޔަށް އެޅުން ހިމެނޭނެ،" އޭނާ ވިދާޅުވިއެވެ.
ދެވަނަ ކަމަކަށް އޭނާ ވިދާޅުވީ ރައްކާތެރި ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުން ނުވަތަ އެއްވެސް ހުރަހަކާ ނުލާ ނޫނީ ހުރަސް ބޭނުން ކުރަންވާ ގޮތް ނޫން ގޮތަކަށް ބޭނުން ކުރުމުންވެސް މި ބައްޔަށް އެ މީހެއްގެ ހަށިގަނޑު ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށެެވެ.
މީގެއިތުރުން، މައިމީހާގެ ފަރާތުން ދަރިފުޅަށްވެސް މި ބަލި ފެތުރުމުގެ ނުރައްކާ އެބަ އޮތެވެ. ތުއްތު ދަރިފުޅު ބަލީގެ އަނދަވަޅަށް ވައްޓާލަނީ މާބަނޑު ދުވަސްވަރު އެކަންޏެއް ނޫނެވެ. ދަރިފުޅު ވިހެއުމުގެ އިތުރުން، ގާތުން ދިނުމުގެ ތެރޭގައިވެސް ދަރިފުޅު އެއިޑްސް ބަލީގެ ނުރައްކަލަށް ހުށަހެޅިގެން ގޮސްދާނެއެވެ.
ހަމީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މި ބަލި ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް އާބާދީއަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެވެ. ދިވެހީންގެ ތެރޭގައި ފަތުއަޑު ކިޔަފައއި ދާހާ ބާރު މިނުގައި މިފަދަ މީހުންގެ އާބަދީ ދަނީ އިތުރުވަމުންނެވެ. މި ނުރައްކާތެރި ވަބާގެ ޝިކާރައަކަށް ގިނަ ޒުވާނުންނަތަކަކާއި ކުޑަކުދިންތަކެއް ވަމުން ދާއިރު އެއިޑްސް ބަލީގެ ނުރައްކާ އަބަދުހެން އެމީހުންގެ ގައިގެ ވަށައިގެން އެނބުރޭ ކަހަލައެވެ. ހަށިގަނޑުގެ ތެރެއަށް ދެމި ގަންނާނެ ވަގުތަކަށް ތިބެނީ ބަލަ ބަލާހެން ހީވެއެވެ.
"މަސްތުވާތަކެތި ބޭނުން ކުރުމުގަ ކަށި، ސިރިންޖު ފަދަ އެއްޗިހި ބޭނުން ކޮށްގެން މަސްތުވާ މީހުން އެކަކު ބޭނުން ކުރާ ކަށި، ސިރިންޖު ފަދަ ތަކެތި އަނެކާ ބޭނުން ކުރުމުން މި ބަލީގެ ޝިކާރައަކަށް ވުމުގެ ނުރައްކާ ބޮޑު،" ހަމީދު ވިދާޅުވިއެވެ.
މި ބަލީގެ ނުރައްކާ މިފަދަ ދަރަޖައަކަށް ބޮޑު ވެފައިވާއިރު ހެލްތު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް އެނގެނީ ދިވެހިންނަށް ވުރެ ގިނައިން މި ބައްޔަށް ރާއްޖެއިންވެސް ޕޮޒިޓިވްވަނީ ރާއްޖެ އަންނަ ބިދެސީން ކަމެވެ.
އެގޮތުން މިކަމަށް ދުރާލާ ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ މީހުން ސްކްރީން ޓެސްޓު ކުރާ ގޮތްތައް ވަނީ ހަމަޖެހިފައެވެ.
"ރާއްޖޭގައި ދިރިއުޅެން އަންނައިރު ހަދަން ޖެހޭ މެޑިކަލްއެއް އިންނާނެ. އޭގަ ހުންނާނެ އެޗްއައިވީ ފަދަ ބަލިތައް ހަމަ ވަކި ވަކިން ކޮންމެ މަރުހަލާއެއް. އެެހެންކަމުން މިއިން އެއްވެސް ބައްޔަކަށް ފައްސި ވެއްޖެނަމަ އަނބުރާ ގައުމަށް ފޮނުވާލަން ޖެހޭފަދަ ބަލިތައް. އެގޮތުން، އެޗްއައިވީ ޖެހިފައިވާ މީހަކު މިވަތު ރާއްޖޭގައި ހުރުމުގެ ފުރުސަތު ނުއެއް އޮވޭ. އެހެންވީމަ ހަމަ ވަގުތުން ފޮނުވާލާނެ އެނބުރި ގައުމަށް،" ހަމީދު ވިދާޅުވިއެވެެ.
ދިވެހީންގެ ތެރޭގައި އެއިޑްސްއަށް މަގުފަހިވާ ގޮތަށް ހުރި އާދަތައް
ދިވެހީންނަކީ ޒަމާނުއްސުރެ ރީތި އާދަކާދަތަކުގެ ވެރި ބައެކެވެ. ބޭރުގެ ސައްޔާހުންގެ މެދުގައިވެސް މަޝްހޫރުވެފައިވަނީ ދިވެހީންގެ ރިވެތި އާދަކާދަތަކުގެ ސަބަބުކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއްކަން ކަށަވަރެވެ. ނަމަވެސް، އެ ޒަމާން ފަހަނައަޅައި ގޮސްފިއެވެ.
މިއަދު ނުރައްކާތެރި ބަލިތަކުގެ ކުރިމަތީގައި ދިވެހީން ކުޑަކަކޫ ޖަހަން ޖެހެނީ އިސްލާމީ ރިވެތި ހުލްގުތައް އަޅުގަނޑުމެން ހަނދާން ނައްތާލައި ދުނިޔޭގެއުފަލަށް އަޅުގަނޑުމެންގެ ނަފްސުތައް ހެއްލުމުގެ ސަބަބުންނެވެ.
ހަމީދު ފާހަގަ ކުރެއްވި ގޮތުގައި އެއިޑްސް ބައްޔަށް ދިވެހީން ހުށަހެޅުމުގެ ފުރުސަތު ބޮޑީ މިފަދަ ކަންކަމާ ހުރެއެވެ.
"ދިވެހީންގެ ތެރޭގައި އޮތް އެއް ކަމަކީ ގިނަ އަދަދެއްގެ ޖިންސީ ބައިވެރިން ގެންގުޅުން. މީގެ އިތުރުން ހަށި ވިއްކުމާއި އެފަދަ ހިދުމަތްތައް ދެވޭ ތަންތަން ގިނަވުމަކީވެސް މިކަމަށް މަގުފަހިވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އެއިޑްސްއަށް ރާއްޖޭގައި ދެވޭ ފަރުވާ
މި ނުރައްކާތެރި ބައްޔަށް ރާއްޖޭގައި ފަރުވާ ދެމުން އަންނަނީ ދެ ގޮތަކަށެވެ.
"އެއްގޮތަކީ ބަލި ޖެހުނީމަ ނުވަތަ ބަލި ހުރިކަން ދެނަގަނެވުނީމަ ދެވޭ ފަރުވާ. އެއަށް މިކިޔަނީ އެންޓިރެޓްރޯވައިރަލް ތެރެޕީ. ދެން އަދި އިނދޭ ބަލި ޖެހުމުގެ ކުރިން ދެވޭ ފަރުވާއެއް. އެއީ ޕްރީ އެކްސްޕޯޝާ ޕްރޮފަލަކްސަސް. މިއީ ބަލި ޖެހުމުގެ ކުރިން ދޭ ބޭހެއް،" ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭސް ކާން ފެށުމަށް ފަހު ކޮންމެ ހަ މަހަކުން ހަ މަހަކުން ހަށިގަނޑު ތެރޭގައި ވައިރަސް ހުރި މިންވަރު ބަލައި ރިކޯޑްކުރެވެމުން ދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިވަގުތު ރާއްޖޭގަ އެބަހުރި ތިން ލައިން އޮފް ޑްރަގްސް. އޭގެ މާނައަކީ ފުރަތަމަ ލައިން ވޯކް ނުކޮށްފިއްޔާ ދެވަނަ ލައިން ޔޫސް ކުރެވޭނެ. އޭތި ވޯކް ނުކޮށްފިއްޔާ ތިން ވަނަ ލައިން އިން ވެސް ފަރުވާ ދެވޭނެ. އެހެންވީމަ، ފެށުނީއްސުރެވެސް ހާލަތު އެންމެ ގޯސް މީހުންނަށް ފަރުވާ ދެވޭނެ ހަމަ،" ހަމީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފަރުދީ ޒިންމާ މުހިންމު ކަމަށެވެ. މިފަދަ އަމަލަކަށް އަރައިގަތުމުގެ ކުރިން ތިމާގެ އަމިއްލަ ނަފްސާއި އާއިލާ މިފަދަ ނުރައްކާތެރިކަމަށް ހުށަހެޅުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، އެއިޑްސް ފަދަ ބަލިތަކާ ބެހޭ މައުލޫމަތު ހޯދައި އެކަމާ މެދު އެންމެންވެސް ހޭލުންތެރިވުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.