މާލޭގައި އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ގަރާޖު ސިޓީއެއް ބޭނުންނުވާ ގޮތަށް ހަމަޖެއްސުމަށް، އެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށަހަޅައިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
މެންބަރު ނަޝީދު މި އިސްލާހު ހުށަހެޅުއްވީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ގަރާޖު ސިޓީގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގާ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގައި ކަމަށް އެ ބިލުގައި ބުނެފައިވެއެެވެ.
މި ބިލު ފާސްކުރުމަށް މަޖިލީހުގައި މިއަދު އެހި ވޯޓުގައި އިސްލާހު ފާސްކުރަން ފެންނަ ކަމަށް ވޯޓު ދީފައިވަނީ އެންމެ މެންބަރެކެވެ. ގަރާޖު ސިޓީ އުވާލަން ނުފެންނަ ކަމަށް 43 މެންބަރަކު ވަނީ ވޯޓު ދީފައެވެ. ވަކި ގޮތަކަށް ވޯޓު ދޭން ބޭނުން ނުވާ ތިން މެންބަރުން ވެސް ތިއްބެވިއެވެ.
ބިލު މަޖިލީހުން ފާސްނުވުމުން، ކޮމިޓީއަށް ފޮނުވުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި، 40 މެންބަރަކު ވަނީ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް ނިންމައިފައެވެ. ކޮމިޓީއަށް ފޮނުވަން ފެންނަ ކަމަށް ވޯޓު ދިނީ ހަތަރު މެންބަރެކެވެ.
ގަރާޖު ސިޓީ އުވާލަން ކޮމިޓީން މީގެކުރިން ފާސްކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ހިމެނޭ ގޮތަށް، އެމްޑީޕީގެ ބައެއް މެންބަރުން އެ އިސްލާހަށް ދެކޮޅު ހެއްދެވިއެވެ. އެއާއެކު އޭޕްރިލް މަހު ތެރޭގައި އިސްލާހު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުނެވެ.
މެންބަރު ނަޝީދު ހުށަހެޅުއްވި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.
ގަރާޖު ސިޓީ ބޮޑު އަގުގައި ވިއްކައިގެން ކޮރަޕްޝަން ހިންގާ ކަމުގެ ޝަކުވާއަކީ އަބަދުވެސް ކުރާ ޝަކުވާއެކެވެ.