އިންޓަޕޯލު ރެޑު ނޯޓިސް ނެރުނަސް އަލީ ވަހީދު ރާއްޖެ ގެނެވޭކަށް ނެތް: ސީޕީ

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު ނަމަވެސް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭނެ ފަދަ ގޮތެއް ނެތް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގި ޗިޓަށް ގޮންޖަހައި، ރާއްޖެ ވަޑައިގެންފައިނުވާތީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓު މަހުގެ 11 ވަނަ ދުވަހުއެވެ.

އަލީ ވަހީދަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށް އޭނާ ހޯދައިގެން ގެނެސްދިނުމަށް ކަރެކްޝަނަލް ސާވިސް އިން ފުލުހުންގެ މުއައްސަސާގައި އެދިފައިވާއިރު، މިއަދާ ހަމައަށް ވެސް އަލީ ވަހީދު ރާއްޖެ ގެނެވިފައިނުވެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ އަލީ ވަހީދަށް ކުރެވިފައިވާ ދައުވާތަކަކާ ގުޅިގެން ޝަރީއަތަށް ހާޒިރުކުރަން ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތްތަކެއް އެބަ ހިނގާކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އިންޓަޕޯލުން އަލީ ވަހީދު ހައްޔަރުކުރުމަށް ރެޑް ނޯޓިސް ނެރެފައިނުވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

"ކޯޓުން އަޅުގަނޑުމެންގެ މައްޗަށް އަމުރު ނެރޭ ހިސާބުން އެ މަސައްކަތް ހިނގާނެ، ހަމައެހެންމެ އިންޓަޕޯލު ރެޑް ނޯޓިސްތަކަކީ އެކި ޖުރިސްޑިކްޝަންތަކުގައި އެކި ގައުމުގައި އެކި ގޮތްގޮތަށް އެއަށް އަމަލުކުރާ ނޯޓިސްތަކެއް، އިންޓަޕޯލު ރެޑް ނޯޓިސް ނެރުމަކުންނެއް، އެ މީހަކު ހައްޔަރުކޮށްގެން އަޅުގަނޑުމެންގެ ޖުރިސްޑިކްޝަން ތެރެއަކަށް ނުގެނެވޭނެ،" ސީޕީ ވިދާޅުވިއެވެ.

އަލީ ވަހީދަށް ކޮށްފައިވާ ހުކުމުގެ ބާވަތުން އޭނާ ރާއްޖެ ގެނައުމަށް ދަތިތަކެއް ހުރިކަން ފާހަގަކޮށް ސީޕީ ހަމީދު އިތުރަށް ވިދާޅުވީ، އެފަދަ ހުކުމް ކޮށްފައިވާ ފަރާތްތައް އެއް ގައުމުން އަނެއް ގައުމަށް ބަދަލު ކުރުމުގެ އެއްބަސްވުމެއް ދެ ގައުމު ދެމެދުގައި ހަދާފައި ނުވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ކުރަނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުރެ، އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.

އެ ދައުވާތައް އުފުލާފައި ވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އޭނާގެ ގާތް އެކުވެރިޔާ އަސްއަދު އަލީ ޖާމިނު ކުރުމަށްފަހު، ބޭސްފަރުވާއަށް ދިޔުމަށް ކްރިމިނަލް ކޯޓުން ހުއްދަ ދިނުމުންނެވެ. އެ ދަތުރަށް ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަސްދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

comment ކޮމެންޓް