ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ މާޒިޔާ ސްޕޯޓްސް ކްލަބް އެންޑް ރިކްރިއޭޝަނަށް ސޮއި ކޮށްފިއެވެ.
އަކްރަމް މާޒިޔާއާ ގުޅުންކަން ހާމަކުރަމުން މާޒިޔާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ އަކްރަމްއާއެކު އެ ޓީމުގެ ސްކޮޑް އިތުރަށް ހަރުދަނާވެ ވަރުގަދަވާނެ ކަމަށް ބުނެފައެވެ.
"އަކްރަމް މާޒިޔާއާ ގުޅުމަކީ ވަރަށް ބޮޑު އުފަލެއް" މާޒިޔާއިން ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އަކްރަމް ވަނީ 2011ވަނަ އަހަރު ވެސް މާޒިޔާއަށް ކުޅެފައެވެ. މިދިޔަ ސީޒަންގައި އޭނާ ވެލެންސިއާއަށް ކުޅުނުއިރު އޭނާ ވަނީ އޭއެފްސީ ކަޕަށް އީގަލްސްއާ ގުޅިފައެެވެ.
އަކްރަމަކީ 2018ވަނަ އަހަރު ރާއްޖޭގެ ގައުމީ ޓީމު ސާފްޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރިއިރު ޓީމުގެ ކެޕްޓަނަކަށް ހުރި ކުޅުންތެރިޔާއެވެ. އަދި 2008ވަނަ އަހަރު ރާއްޖޭގެ ޓީމު ސާފްޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު ވެސް އަކްރަމަކީ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.
ތޭވިސް އަހަރުން ދަށުގެ ގައުމީ ޓީމުން ފާހަގަ ކޮށްލެވުނު އަކްރަމް ވަނީ ވެލެންސިއާގެ އިތުރުން ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި މާޒިޔާއަށް ވެސް ކުޅެފައެވެ. އަދި އަކްރަމް އަކީ ދަނޑުމަތީގައި އަޚްލާގު ރަނގަޅު ކުޅުންތެރިއެއް ކަމަށް ކޯޗުން ވެސް ފާހަގަކުރެއެވެ.