މިއަހަރުގެ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއަށް ކުޅެން ލިބުނު ދެ މެޗު ވެސް ނިންމާލީ ހުސްއަތާއެވެ. ފުރަތަމަ މެޗުގައި ވިއެޓްނާމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 0-16އިންނެވެ. ދެވަނަ މެޗުގައި ތަޖިކިސްތާން އަތުން ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ. މި ދެ ބައްޔާއެކު މުބާރާތަށް ކޮލިފައި ނުވެ ރާއްޖެ ވަނީ ކަޓައިފައެވެ.
ކޮލިފައިންގްގެ ދެ މެޗުގައި ވެސް ފަރަގު ބޮޑު ނަތީޖާތަކުން ރާއްޖެ ބަލިވި ނަމަވެސް އެކަން މާ ބޮޑު ކަމަކަށް އެއްވެސް މީހަކު ނުހަދައެވެ. އަންހެން ޓީމާ ދޭތެރޭ ދިވެހިން ދެކެނީ މާ ސީރިއަސް ނަޒަރަކުން ނޫނެވެ. ކުރިން ވެސް ބޮޑެތި ނަތީޖާތަކުން އެ ޓީމު ބަލިކުރާތީ، އެހެން އަދި އިރުވައިގައި ޖަހާ ހަޅައެއް ފަދައިން ކުޅެލާ މެޗަކުން ބަލިވުމަކީ މާ ބޮޑު ކަމެއް ކަމަކަށް މީހުން ނުދެކެއެވެ.
ގައުމީ ފިރިހެން ޓީމުގެ ހުރިހާ ކަމަކަށް ދިވެހި ގިނަ ސަޕޯޓަރުން ފާޑުކިޔުންތައް އަމާޒުކުރާތަން ފެނުމަކީ އާއްމު ކަމެކެވެ. އެކަމަކު އަންހެން ޓީމާ ދޭތެރޭ ދިވެހިން ގެންގުޅޭ ނަޒަރިއްޔާތު މުޅިން ތަފާތެވެ. ބަލިވިޔަސް ވަރިހަމައެވެ. މޮޅުވެއްޖެނަމަ އެއީ ވަޔަކުން ކަމަށް ވެސް ބުނާ މީހުން މަދެއް ނޫނެވެ.
ނަމަވެސް 2019 ވަނަ އަހަރު ނޭޕާލްގައި އޮތް ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ހޯދި ލޯ މެޑަލާއެކު އަންހެން ޓީމަށް ވެސް ކާމިޔާބީ ހޯދިދާނެކަން ސާބިތުކޮށްދިނެވެ. އެ ކާމިޔާބީ އެފްއޭއެމުން ވެސް ފާހަގަ ކުރީ ވަރުގަދައަށެވެ. ނުހަނު ސާބަސްދީ ޓީމުގެ ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔެވެ.
އޭގެ ފަހުން ޓީމުގެ އެއްވެސް ހަރަކާތެއް ނެތި ދެ އަހަރެއްހާ ދުވަހު އޮތުމަށްފަހު ޓީމު އަލުން ދިރުނީ މިއަހަރު އޮތް އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންއަށެވެ. ތަޖިކިސްތާނުގައި ކުޅުނު އެ ދެ ކޮލިފައިންގް މެޗަށް ޒުވާން ސްކޮޑަކާއެކު ގައުމީ އަންހެން ޓީމުން ފަރިތަކުރުންތައް ފެށީ ފޯރީގައެވެ.
މުހިއްމު ދެ ކޯޗަކު ފަހު ވަގުތު ބާކީ ކޮށްލި!
ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން މިފަހަރުގެ ކޮލިފައިންއަށް ދިޔަ އަންހެން ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ)އެވެ. އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތުއެވެ. އަދި ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ގޮސްފައިވަނީ ސީ ލައިސަންސް ކޯޗު އައިމިނަތު ޝިޔާނާއެވެ.
ނަމަވެސް މުބާރާތަށް ދާންދެން ޓީމުގެ ޕްރެކްޓިސްތަކުން ގަވާއިދުން ފެނުނު ބައެއް މޫނުތައް ވަނީ ކޮލިފައިންގްގެ މެޗުތަކުން ގެއްލިފައެވެ. އެގޮތުން ގައުމީ ޓީމުން ވަނީ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ބ. އޭދަފުށީ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމުގެ އިތުުރުން ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފައެވެ.
އެ ކޭމްޕްތަކުގައި ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކޯޗުކަން ކޮށްދިން ތަޖުރިބާކާރު ކޯޗު އިސްމާއީލް އަނިލްއެވެ. އެ ކޭމްޕްތަކުގައި ގޯލް ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރީ ގޯލްކީޕަރު ޓްރޭނަރު އަހުމަދު ސަލީމް (މެޓާ)އެވެ.
"ހުރިހާ ފަރިތަކުރުންތަކެއްގައި އެސިސްޓެންޓެއްގެ ގޮތުގައި ހަރަކާތްތެރިވީ އަނިލް. ގޯލް ކީޕަރު ޓްރެއިނަރަކަށް ހުރީ މެޓާ ކޯޗު. އެކަމަކު މުބާރާތަށް ދިޔައިރު މި ދެ ކޯޗުންނަށް ވަނީ އަންގާފައި މިކޮޅުގައި މަޑު ކުރަން،" ކަން ހިނގާދިޔަ ގޮތް އިނގޭ މީހަކު "ސަން" އަށް ބުންޏެވެ.
މިކަން ސާފު ކުރުމަށް "ސަން"އިން ބެލި ބެލުމުން ވެސް އެކަން ވަނީ ޔަގީންވެފައެވެ. އަނިލްއާއި މެޓާ ކޯޗު ޓީމާއެކު ތަޖިކިސްތާނަށް ގޮސްފައެެއް ނުވެއެވެ. ބަދަލުގައި ޓީމު ލިސްޓް ހަދައިގެން ދިޔައީ އެހެން ބައެކެވެ.
"އެފްއޭއެމްގެ ތެރޭގައި ނުފޫޒު ގަދަ ބަޔަކު އެބައުޅޭ. އެމީހުން އަންހެން ޓީމު ގޮވައިގެން ދިޔައީ މުބާރާތް ކުޅޭކަށް ނޫން. އެޔަށް ވުރެން ބޮޑަށް ސިފަ ވަނީ ވެކޭޝަން ހަދާލަން ދިޔައީ ކަމަށް."
ގައުމީ ސްކޮޑުގައި ހިމެނިގެން ތަޖިކިސްތާނަށް ދިޔަ ގައުމީ ބައެއް ކުޅުންތެރިން ވެސް މިކަން "ސަން"އަށް ވަނީ ޔަގީންކޮށްދީފައެވެ. އެ ކުޅުންތެރިން ބުނީ ފަރިތަކުރުންތަކުގައި ތިބި މީހުން ނުގެންގޮސް، އެފްއޭއެމުން ފަހު ވަގުތު އަމިއްލައަށް މެނޭޖްމެންޓް ޓީމެއް ހަދާލައިގެން ގެންދިޔަ ސަބަބު ނޭންގޭ ކަމަށެެވެ.
"ނޭނގެ އެކަމުގައި ވީ ކިހިނެތްކަމެއް. ފަހުވަގުތު މެނޭޖްމެންޓަށް ގެނައި ބަދަލެއް. މުހިއްމު ދެ ކޯޗުން ތިބީ ގައުމުގައި ބައިތިއްބާފައި." ނަން ހާމަ ނުކުރަން އެދެމުން ގައުމީ އަންހެން ޓީމުގެ ޕްލޭޔަރަކު ބުންޏެވެ.
ފަހަކަށް އައިސް އެފްއޭއެމްއިން ގައުމީ ޓީމުތަކުގެ މެނޭޖްމެންޓް ނެގުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ގިނަބަޔަކު ވަނީ ފާހަގަކޮށް، ފާޑު ކިޔައިފައެވެ.
އަންހެން ޓީމު ބަލިވުމުން އެކަމާ ފާޑުކީ މީހުންގެ އަދަދު ވެސް މަދެއް ނޫނެވެ. ނަމަވެސް މީހުންނަށް ނޭނގި އޮތް ކަމަކީ އެ ޓީމުގެ ބޮޑު ނާކާމިޔާބީގެ ފަހަތުގައި ބޮޑު ޖަރީމާއެއް ފޮރުވިފައިވީ ކަމެވެ.