ބާސެލޯނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ކުޅުން ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ބާސާގެ ކޯޗުކަމާ އަލަށް ހަވާލުވި ޒަވީ ހަނަންޑޭޒް ދޮގުކޮށްފިއެވެ.
ސްޕެއިނުގެ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި އަގުއޭރޯއަށް މިފަހުން ދިމާވި ހިތުގެ މައްސަލައިގެ ސަބަބުން ދެން އޭނާއަށް އެނބުރި ފުޓުބޯޅަ ނުކުޅެވޭނެކަން ޑޮކްޓަރުން ވަނީ އަންގައިފައެވެ. އެކަން އަގުއޭރޯ ބާސެލޯނާގެ މެނޭޖްމެންޓަށް އަންގައި، އަންނަ ހަފުތާގެ ތެރޭގައި ރަސްމީކޮށް އިއުލާން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
މިކަން މަޝްހޫރު ފުޓުބޯޅަ ޖާނަލިސްޓް ފެބްރީޒިއޯ ރޮމާނޯ ވެސް ވަނީ ޔަގީންކޮށްދީފައެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ގަދަޔަށް ފެތުރެމުން އަންނަ މި ވާހަކަތައް ބާސެލޯނާގެ ބޮސް ޒަވީ ވަނީ ދޮގުކޮށްފައެވެ.
ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ޒަވީގެ އިރުޝާދުގެ ދަށުން އެ ޓީމު ރޭ ކުޅުނު ފުރަތަމަ މެޗުން ހޯދި މޮޅަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ބުނީ އަގުއޭރޯގެ ރިޓަޔާމެންޓާ ބެހޭގޮތުން ދައުރުވަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
"އަހަރެން އޭނާއާ [އަގުއޭރޯ] އާ ވާހަކަ ދައްކައިފިން. އޭނާ ހުރީ ޕޮޒިޓިވް ވިސްނުމެއްގައި. ރަނގަޅުވުމާ އެކު ޓީމާ ގުޅޭނެ ކަމަށް ބުނި. ދައުރު މިވަނީ ހަގީގަތާ ޙިލާފު ވާހަކަތަކެއް،" ޒަވީ ބުންޏެވެ.
ބާސާއިން މިދިޔަ މަހު އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަގުއޭރޯ ނޭވަޔަށް އުނދަގޫވެ ދަނޑުން ބާލަން ޖެހިފައިވާ އިރު، ދަނޑުން ބާލައިގެން އަގުއޭރޯ ގެންދިޔައީ ސީދާ ހޮސްޕިޓަލަށެވެ. ބައެއް ޓެސްޓްތައް ފުރިހަމަ ކުރުމުން އަގުއޭރޯގެ ހިތުގެ މައްސަލައެއް ހުރިކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ބާސާއިން އޭރު ބުނެފައި ވަނީ ދެމަސް ދުވަހަށް އަގުއޭރޯ ދަނޑުމަތިން ނުފެންނާނެ ކަމަށެވެ.
އަގުއޭރޯ 33، ވަނީ ކްލަބު ކެރިއަރުގައި އިންޑިޕެންޑިއެންޓޭ އާއި އެތުލެޓިކޯ މެޑްރިގެ އިތުރުން މެންޗެސްޓާ ސިޓީއަށްވެސް ކުޅެފައެވެ. އެ ކްލަބުތަކަށް އޭނާ ޖުމްލަ 386 ގޯލު އަގުއޭރޯ ޖަހައިދީފައިވާ އިރު، ގައުމީ ޓީމަށްވެސް އޭނާ ވަނީ 101 މެޗު ކުޅެދީ 41 ގޯލު ޖަހައިދީފައެވެ. އަގުއޭރޯ އަކީ މިއަހަރު އާޖެންޓީނާއަށް ކޮޕާ އެމެރިކާ ކާމިޔާބުކޮށްދިން ޓީމުގެ ކުޅުންތެރިއެކެވެ.