ރަށަށް ހެޔޮގޮތްތައް ހޯދުމުގެ ވިސްނުން އަބަދުވެސް އިސްކުރުމަަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
ނައިބު ރައީސް މިކަމަށް އެދިވަޑައިގަތީ ހދ. ނެއްލައިދޫ ކައުންސިލާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި، ސަރުކާރުން ނެއްލައިދޫގެ ތަރައްގީއަށް ޓަކައި މަޝްރޫއުތައް ކުރިއަށްގެންގޮސްދެއްވާތީ އެކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
ނެއްލައިދޫ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދުމާ ގުޅޭގޮތުންނާއި ރަށުގެ އިގްތިސޯދީ އިޖްތިމާއީ ކުރިއެރުމަށް މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.
މި ބައްދަލުކުރެއްވުމުގައި ނެއްލައިދޫ ސްކޫލާއި ސިއްހީ މަރުކަޒުގެ ފަރާތުން ވަނީ އެތަންތަނަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިތައް ފާހަގަކޮށްފައެވެ.
މީގެ އިތުރުން ސިއްހީ މަރުކަޒުން ވަނީ އެ މަރުކަޒުގެ ހިދުމަތް ފުޅާކޮށް ތަރައްގީ ކުރުމަށް އިތުރު އިންސާނީ ވަސީލަތް ބޭނުންވާ ކަމާއި ހިދުމަތުގެ ފެންވަރުމަތިކުރުމަށް ބޭނުންވާ އިތުރުކަންކަން ވެސް ފާހަގަކޮށްފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނެއްލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ވެސް އެންމެބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަންކަމުގައި ފާހަގަކޮށްފައެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި މިފަދަ ބައްދަލުވުންތައް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮންނަ ގާތްގުޅުން ދަމަހައްޓައި ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ކޮށްދިނުމަށް މަގުފަހިކޮށްދިނުންކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރިއަށް ގެންދާ ބޮޑެތި ބައެެއް މަޝްރޫއުތަކުގެ މައްޗަށްވެސް އަލި އަޅުވާލެއްވިއެވެ.
އެގޮތުން ހާއްސަ ގޮތެއްގައި ކުުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ހިދުމަތްތައް ޓާޝަރީ ފެންވަރަށް މަތިކުރުމާއި މިހާރު ފެށުމަށް މަސައްކަތް ކުރަމުންގެންދާ މި ސަރަހައްދުގެ ހައި ސްޕީޑް ފެރީ ނެޓްވޯކްގެ މަސައްކަތަކީ މުޅިސަރަހަދުގެ ރައްޔިތުންނަށް އޭގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަންތައްތައް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ ނެއްލައިދޫ ސުކޫލަށް ޒިޔާރަތްކޮށްލައްވައި ސުކޫލުގައި އަލަށް އިމާރާތްކުރަމުންގެންދާ ދެ ކްލާސްރޫމާއި ސުކޫލް ބައްލަވާލެއްވުމުގެ އިތުރުން ނެއްލައިދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ވެސް ބައްލަވާލައްވާފައެވެ.