މިސްކިތަކަށް ވަދެ، ހަތިމަށް ރަތްކުޅު ޖެހި މީހާގެ ބަންދަށް އިތުރު ފަސް ދުވަސް

އިބްރާހީމީ މިސްކިތަށް ވަދެ ހަތިމަށް ރަތްކުޅުޖެހި، ހަސަން ޒިޔާދު --

އިބްރާހީމީ މިސްކިތަށް ވަދެ ހަތިމަކަށް ރަތް ކުޅު ޖެހި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ފަސް ދުވަސް ޖަހައިދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން"އަށް ވިދާޅުވީ ހަތިމަށް ރަތްކުޅު ޖެހި މައްސަލައިގައި ހައްޔަރު ކޮށްފައިހުރި ހަސަން ޒިޔާދު، 40، ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ދީފައިވާ 10 ދުވަހުގެ މުއްދަތު ހަމަވެގެން، މިދިޔަ ބުރާސްފަތި ދުވަހު، އޭނާ ކޯޓަށް ގެންދިއުމުން އިތުރު ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އިބްރާހީމް މިސްކިތަށް އާއްމުކޮށް ނަމާދަށް ގޮސްއުޅޭ މީހަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ދުވަހުގެ އަސަރު ނަމާދުގެ ޖަމާއަތް ނިމުނު ވަގުތު އެ މީހާ އައިސް މިސްކިތުގެ އެތެރެއަށް ވަދެ އަޑުގަދަކުރަން ފެށިއެވެ.

އޭނާ ބުނީ އިރުކޮޅަކު އެ ގޮތަށް ހަޅޭއްލަވަން މިސްކިތް ތެރޭގައި މަޑުކުރުމަށްފަހު، ފޮތްގޮނޑިމަތީގައި ބާއްވާފައި އޮތް ޚަތިމަށް، ކަރުކެހިފައި ރަތްކުޅު ޖެހީ ކަމަށެވެ.

އޭނާ ވަނީ މީގެ ކުރިން ވެސް ހުކުރު މިސްކިތަށާއި އިސްލާމީ މަރުކަޒަށް ވަދެ، މީހުން ނަމާދު ކުރަން ތިބި ވަގުތު މިސްކިތުގެ އެތެރެއަށް ކުޑަކަމު ގޮސްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ ޒިޔާދަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަމަށާއި އޭނާގެ ކިބައިގައި ނަފްސާނީ ބަލީގެ އިތުރު މައްސަލައެއް ހުރިތޯ ބަލަމުންދާ ކަމަށް ބުނެފައެވެ.

އޭގެފަހުން ޖެންޑަރ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ބެލިބެލުމުން، ހަސަން ޒިޔާދުގެ ނަފްސާނީ މައްސަލައެއް އުޅޭކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ އިތުރުން، ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒް ވެސް "ސަން"އަށް ވިދާޅުވީ މިސްކިތަކަށް ވަދެ ކުޑަކަމުދިޔަ ޒިޔާދުގެ ފަރާތުން ފެންނަނީ ނަފްސާނީ ބަލިމަޑުކަމެއް ހުންނަ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެއް ނޫން ކަމަށެވެ.

comment ކޮމެންޓް