މެޓާނިޓީ ލީވްއާއެކު ތަކުލީފު ކުޑަވެ، އިނާޔާއަށް ހިތްހަމަޖެހުން!

"އޭރު ހަމަ މެންޓަލީ ފިޒިކަލީ އަދި ފައިނެންޝަލީ ވެސް ވަރަށް ޑްރެއިންވި ދުވަސްކޮޅެއް. އެއީ ބޭބީ އެހާ ކުޑައިރު ވަޒީފާއަށް ނިކުންނަށް ޖެހިފައި ދެން އަނެއްކާ ސިޒޭރިއަން ހަދައިގެން ބޭބީ ލިބުނީ ވެސް. ފިޓެއް ވެސް ނޫން ގާތްގަނޑަކަށް ބުނަންޏާ," މިއީ މީގެ ހަ އަހަރު ކުރިން އަލަތު ދަރިފުޅު ވިހެއުމަށްފަހު, ތިން މަސް ފަހުން ވަޒީފާއަށް ނިކުންނަން މަޖުބޫރުވި ކ. މާފުށީ ހައްވާ އިނާޔާއަށް ކުރެވުނު ތަޖުރިބާއެވެ.

ސްކޫލް ނިންމާލުމަށްފަހު ވަޒީފާއަކަށް ދާން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ ބަލިވެއިން އިނާޔާ, ނުވަ މަސް ދުވަސް ވަންދެން އުޅުނީ ވަރަށް ވޭނުގައެވެ. ކޮމްޕްލިކޭޓެޑް ޕްރެގްނެންސީއެކެވެ. ފަރުވާތެރިކަމާއެކު ގަޑި ނުޖެހި ބަރާބަރަށް އޮފީހަށް ދިޔަ އިނާޔާ ސަލާމް ބުނަން ޖެހޭ ދުވަސްތައް ވެސް ގިނަވިއެވެ. ހަތަރު އުދަރެސް ފެނުޖެހި "ނޯޕޭ" ނަގަން ވެސް އޭނާއަށް މަޖުބޫރުވިއެވެ.

އެހާލުގައި ނުވަ މަސް ހޭދަކޮށް ލޯބިލޯބި އަންހެން ދަރިއަކު ލިބުނެވެ. ސިޒޭރިއަން ހަދައިގެންނެވެ. އޭރު ވިހެއުމާ ގުޅިގެން އަންހެނުންނަށް ލިބެނީ ތިން މަސް ދުވަހެވެ. އެހެންކަމުން، ފާރު ނުހިކެނީސް އޭނާއަށް ޖެހުނީ އޮފީހަށް ނިކުންނާށެވެ. އިތުރުގޮތެއް ނެތީމައެވެ. މަސައްކަތަށް ވެސް މާ ބޮޑު ސަމާލުކަމެއް ނުދެވެއެވެ.

"ދެން ފީޑިންގ އަވާސް ވެސް އިންނާނެ. ޓެކްސީގައި ދެކޮޅަށް ދުއްވާފައި ވަރަށް ހަރަދުތައް ވެސް ގޮސްފައި ހުރީ," އިނާޔާ ކިޔައިދިނެވެ.

މާލޭގައި ދިރިއުޅުމަށްފަހު އަލަތު ދަރިފުޅާއެކު އިނާޔާ ބަދަލުވީ އުފަން ރަށް ކ. މާފުއްޓަށެވެ. އެ ރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުން އޭނާއަށް ވަޒީފާ ލިބުނެވެ. އަދިވެސް މަސައްކަތް ކުރަނީ ގައުމީ ބޭންކުގައެވެ.

މެޓާނިޓީ ލީވް ހަ މަހަށް އިތުރު ކުރުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށް އިނާޔާ ބުނި -- ސަން ފޮޓޯ

އަންހެނުންގެ ދުވަހާ ގުޅިގެން މާފުށީގައި 2019 ވަނަ އަހަރު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު, ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީދޭން ނިންމިކަން އިއުލާން ކުރެއްވީ ދެވަނަ ދަރިއަކު ހޯދަން އިނާޔާގެ ދެމަފިރިން ޕްލޭންކޮށްގެން ތިއްބައެވެ.

ރައީސް އެކަން އިއުލާންކުރެއްވިކަން އިނާޔާއަށް އެނގުނީ ނޫހުންނެވެ. އެކަން އެނގުމާއެކު އެ ދެމަފިރިންގެ ހިތަށް ބޮޑު އުފާވެރިކަމެއް ލިބުނެވެ.

"ފަހުން އޮފީހުގައި އެކަން އިމްޕްލިމެންޓް ކުރީ 2020ގައި. އޭގެ ދުވަސްކޮޅެއް ފަހުން ޕްރެގްވީ ވެސް. ވަރަށް ހިތްހަމަ ޖެހިގެން ޕްރެގްނެންސީ ގޯ ތުރޫކުރީ ވެސް," އިނާޔާ ކިޔައިދިނެވެ.

އަލަތު ދަރިފުޅެކޭ އެއްގޮތަށް ދެވަނަ ދަރިފުޅު ވެސް ނެގީ ސިޒޭރިއަން ހަދައިގެންނެވެ. ނަމަވެސް މި ފަހަރު މާ ބޮޑު ހާސްކަމެއް ނެތެވެ. ހަމަޖެހިލައި 'ހީލް' ވާން ވަގުތު ލިބޭނެ ކަމުގެ ޔަގީންކަށް އޮތެވެ. ހަ މަސް ދުވަހަކީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތުކަން އިނާޔާ ގަބޫލުކުރެއެވެ. މާލީ ގޮތުން ދައްޗަކާ ކުރުމަތިލާކަށް ނުޖެހުނެވެ. ދަރިފުޅުގެ ހުރިހާ ކަމެއް ވެސް ހިތްހަމަ ޖެހިލައިގެން އުފާވެރިކަމާއެކު ދެމަފިރިން އެކުގައި އައީ ކުރަމުންނެވެ.

"މިހާރު މިއައި ރަނގަޅު ޗޭންޖާ އެކު އިޓްސް މެނޭޖަބަލް ދޯ. މިދިޔަ ހަ މަހުގައި މިދިޔައީ ބޭބީ ގޮވައިގެން. މިސާލަކަށް މަޑުމަޑުން ބުއްފުޅިދީ ހަމަ ސްޓެޕްބައި ސްޓެޕް ކުރަމުން ހަމަ ވޯކަށް ނިކުންނަންވާއިރަށް ހަމަ ވާނެއޭ އެހެން އުޅެފިއްޔާ. އެހެންވީމަ އިޓްސްއަ ހަމަ ގުޑް ޗޭންޖް. ވެރީ ގުޑް ޗޭންޖް," ވިހެއުމަށްފަހު ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްގައި ހުރި އިނާޔާ ކިޔައިދިނެވެ.

އިނާޔާ އާއި އޭނާގެ ދަރިފުޅު -- ސަން ފޮޓޯ

ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކޮށްފައި އޮތުމުން ވިހައިގެން ރަށަށް ގޮސް 14 ދުވަހު ކަރަންޓީނުގައި އިނާޔާ ހުންނަން ޖެހުނެވެ. އިނާޔާއަށް ހަ މަހުގެ ޗުއްޓީއެއް ލިބުނުއިރު ފިރިމީހާއަށް ޗުއްޓީގެ ގޮތުގައި އެއް މަސް ދުވަސް ލިބުނެވެ. އެއްވެސް ކަމަކާ ހާސްވެ ކަންބޮޑުވާކަށް ނުޖެހުނެވެ. ކަރަންޓީނު މުއްދަތުގައި ފިރިމީހާ ކައިރީގައި ހުރުމުން އިނާޔާއަށް ވެސް ލުއިވިއެވެ.

މިކަމުގެ ދެކޮޅު އިނާޔާ މި ވަނީ ތަޖުރިބާކޮށްފައެވެ. ގަދަ ހޫނަކުން ފިނި ހިޔަލަކަށް އާދެވުނު ކަހަލައެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް މި ބަދަލު ގެންނަން ލަސް ވެސް ވެއްޖެއެވެ. މިކަމުގެ ސަބަބުން ހަގީގަތުގައި ވަޒީފާދޭ ފަރާތަކަށް އަދި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ގެއްލުމެއް ނުލިބޭނެ ކަމަށް ގިނަ މީހުން ގަބޫލުކުރެއެވެ.

"ތިން މަހުގެ ކުޑަ ކުއްޖެއްވީމަ އެހާބޮޑަކަށް އެޓޭޗެއް ނުވާނެ. އެކަމަކު ހަ މަސްވީމަ އެނގޭނެ ބޭބީއަށް މަންމަ ފާހަގަކުރަން. އެހެންވީމަ ތަންކޮޅެއް އުނދަގޫވާނެ އެހެން އެޓޭޗްވެފައި ހުންނައިރު. އެއީ މަންމަ ފެނުނީމަ އެހެން ރޯ ހަދާނެ މަންމަ ކައިރިއަށް އަންނަން. ތިން މަހާއި ހަ މަހާ އަޅާ ބަލާއިރު އެއީ އުނދަގޫވާނެ ކަމަކީ. ބޭބީ ތަންކޮޅެއް ބޮޑަށް އެޓޭޗް ވެފައިހުރީމަ އެ އުނދަގޫ އަންނާނެ އޮފީހަށް ދާ ގަޑީގައި," ހަ މަހުގެ މެޓާނިޓީ ލީވްގެ ސަބަބުން ކުރިމަތިވާނެ ހަމައެކަނި ދައްޗަކީ އެއީ ކަމަށް އިނާޔާ ކިޔައިދިނެވެ.

ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ ޗުއްޓީއެއް ދޭން ފެށުމުން އެކަމުގެ ލުއިފަސޭހަތައް އިނާޔާގެ އިތުރުން އެތައް ބަޔަކަށް މިވަނީ ލިބެން ފަށާފައެވެ. މިހާތަނަށް ވިހެއުމާ ގުޅިގެން 2،295 މަންމައަކަށް ވަނީ ހަ މަސް ދުވަހުގެ ޗުއްޓީ ލިބިފައެވެ. އެ އެންމެނަށް އެ ޗުއްޓީގެ ސަބަބުން އެތަކެއް ފަސޭހަތަކެއް ލިބޭނެކަން އިނާޔާ ތަޖުރިބާކުރަމުންދާ ކަންތައްތަކުން ސާފުވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް