ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި މިނީ ބަސް ގެނެވޭނެ: މިނިސްޓަރު ނަހުލާ

އޮގަސްޓް 26، 2021: ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ-- ސަން ފޮޓޯ

ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ޓަކައި އެ ކަމަށް ބޭނުންވާ ބަސްތައް ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގު ޓީވީން ކުރިއަށް ގެންދިޔަ "ރައީސް ސޯލިހާއެކު ތިނެއް" ކަވަރޭޖަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ހިދުމަތަކީ ވަރަށް އަވަހަށް ތައާރަފުކޮށް ނިންމަން ބޭނުންވެވަޑައިގަތް ހިދުމަތެއް ކަމަށެވެ.

"މިނީ ބަހުގެ ހިދުމަތަކީ ވަރަށް ބާރު ސްޕީޑުގައި ނިންމަން ބޭނުންވި މަސައްކަތެއް. ނަމަވެސް ދިމާވި ކޮވިޑުގެ ހާލަތާއި ބަޖެޓަށް އައި ދަތިކަމުގެ ސަބަބުން މިނީ ބަހަށް ބޭނުންވާ ބަޖެޓު ނުލިބި ގޮސްފައިވަނީ،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ލަސްތަކެއް ދިމާވި ނަމަވެސް، މިނީ ބަހުގެ ހިދުމަތް ވީހާ ވެސް އަވަހަށް ފެށުމަށް ޓަކައި މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެމްޓީސީސީއާއި ޕޮލިސީ އޮފީހާ މިނިސްޓްރީއާ މަޝްވަރާތަކެއް ކޮށްގެން، އިކޮނޮމިކް ކައުންސިލަށް ޕޭޕާއެއް ހުށަހަޅަން ތައްޔާރު ވެފައިވަނީ. އަޅުގަނޑު ގަބޫލު ކުރަނީ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މިކަމަށް ގޮތެއް ނިންމި، ބަސް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނީ ބަހުގެ ހިދުމަތުގައި ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ބޭނުންކުރަން ނިންމުމަކީ ވެސް އެ ހިދުމަތް ތައާރަފު ކުރަން ލަސްވި އިތުރު ސަބަބެއް ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ފެށުނީއްސުރެ ވެސް އަޅުގަނޑުމެން ބޭނުން ވަނީ ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ރާއްޖެއަށް ތައާރަފު ކުރަން. އެ ބަސްތަކަކީ އާންމުކޮށް މި ބޭނުންކުރާ ބަސްތަކަށް ވުރެ އަގުބޮޑު ބަސްތަކަކަށް ވާތީ، އޭގެ ފަންޑު ނުލިބިގެން ލަސްވި،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓްރީގެ ވިސްނުން އޮތީ އެގޮތަށް ކުރިއަށް ގެންދިއުން ކަމަށާއި ނަމަވެސް ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތެއް މިގޮތަށް ލަސްވާތީ، އެ ނޫން ވިސްނުންތަކެއް ގެންގުޅޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނީ ބަސް ރާއްޖެއަށް ނުގެނެވި، އެ ހިދުމަތް ނުފެށި ލަސްވަނީ އެކަމަށް ބޭނުންވާ ބަޖެޓު ހަމަނުޖެހިގެން ކަމަށް މީގެ ކުރިން ވެސް މިނިސްޓަރު ނަހުލާ ވިދާޅުވެފައިވެއެވެ.

މާލޭގައި މިނީބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީ އާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެއްބަސްވުމުގެ ދަށުން ހަތަރު މަހުގެ ތެރޭގައި އެ ހިދުމަތް ދޭން ފަށަން ޖެހުނު ނަމަވެސް، ހިދުމަތް ލަސްވަނީ މާލޭގެ މަގުތަކަށް އެކަށޭނެ ގޮތަކަށް ކަސްޓަމައިޒް ކޮށްގެން ބަސްތައް ގެންނާތީ ކަމަށް ކުރިން މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މާލެ އަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ހިދުމަތް ނުފެށުމުން، މިނިސްޓަރު ލަފާކުރެއްވީ ޖެހިގެން އައި 2020 ވަނަ އަހަރު އެ ހިދުމަތް ފެށޭނެ ކަމަށެވެ.

އެކަމަށް ޓަކައި މިނިސްޓްރީގެ ފަރާތުން ކުރަން ޖެހޭ މަސައްކަތްތައް ކޮށް ނިންމައި، އެމްޓީސީސީއިން ކުރަން ޖެހޭ ދިރާސާތައް ވެސް ކޮށް ނިންމާފައިވާ ކަމަށާއި ހިދުމަތް ނުފެށި ލަސްވަނީ ފައިސާގެ ދަތިކަމުން ކަމަށް އެ އަހަރުގެ ކުރީކޮޅުގައި މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އޭގެ ފަހުން އަހަރުގެ ބޮޑު ބައި ހޭދަވެގެން ދިޔައީ ކޮވިޑް-19 ޕެންޑެމިކްގެ ތެރޭގައެވެ.

މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

comment ކޮމެންޓް