ޖަޒީރާ ދިރިއުުޅުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރ. އަލިފުށީގައި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ޖަޒީރާވަންތަ ކަމަކީ ބަލިފައެއްގެ ގޮތުގައި ދެކެމުން އައި ވިސްނުން އެއްކިބާކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ ކޮންމެ ރަށަކަށްވެސް ހަމަހަމަ ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމުގެ ވައުދާއެކުއެވެ. ކުދި ބޮޑު ހުރިހާ އާބާދީއަކަށްވެސް ތަރައްގީ ގެނެސްދެއްވާނީ ރަށްވެހި ދިރިއުޅުމާ ލާމެހިގެންކަން ޔަގީންކޮށްދެއްވަމުންނެވެ. މީގެ ތިން އަހަރު ކުރިން ފެށުނު މިވެރިކަމުގެ މެނިފެސްޓޯގައި ޖަޒީރާ ދިރިއުޅުން ވަކިން ފަވައިލައިފައި އޮތީ އޭގެ ސަބަބުންނެވެ.

ޖަޒީރާ ދިރިއުޅުމުގެ ލަނޑުދަނޑިތަކުގެ މަގުސަދަކީ ރައްޔިތުންނަށް ހައްގުވާ ހުރިހާ ހިދުމަތެއް އަމިއްލަ ފަސްގަނޑުގައި ތިބެގެން ލިބޭނެ ގޮތް މަގުފަހިކުރުމެވެ. އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި މިސަރުކާރުން ވަނީ ގިނަ މަޝްރޫއުތަކެއް ރާވައި، އަމަލީ މަސައްކަތް ފަށައި، ބައެއް މަސައްކަތްތައް ނިންމައިވެސްލައިފައެވެ. އެ މަޝްރޫއުތައް ބެހިފައިވާ މައިގަނޑު ދާއިރާތަކަކީ:

ދަތުރުފަތުރު ކުރުމަށް ލުއިފަސޭހަ މަގެއް ހޯދައިދިނުން

ކޮވިޑް-19 ބަލިމަޑުކަމާއެކު މިދިޔަ އަހަރު މުޅި ދުނިޔެއެކޭ އެއްގޮތަށް ރާއްޖެވެސް ހުއްޓުމަކަށް އައެވެ. ނަމަވެސް ކޮވިޑް ވެކްސިން ޖަހަން ފަށައި، ރައްކާތެރި މަންޒިލަކަށް ދެވުމުގެ އުއްމީދު އާލާވުމާއެކު ސަރުކާރުން ތަރައްގީގެ ދުވެލި ބާރުކޮށްލިއެވެ.

އެގޮތުން ނިމިދިޔަ އަހަރު ކޮވިޑާ ހެދި ނުފެށި އޮތް ހައި ސްޕީޑް ފެރީ ނެޓްވޯކުގެ މަސައްކަތް، ފެށުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. އެ ނިޒާމަކީ ދަތުރުވެރިންނާއި މުދާ އުފުލާ ފެރީގެ ވިއުގައަކުން މުޅި ރާއްޖެ ގުޅުވައިދޭނެ ނިޒާމެއްގެ ގޮތުގައި ރައީސް ސޯލިހު ވަނީ ސިފަކުރައްވައިފައެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ހއ. ހޯރަފުށީގައި ވަނީ އެއާޕޯޓެއް ހުޅުވާފައެވެ. އަދި މ. މުލީގަ އާއި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހއ. ހޯރަފުށީ އެއާޕޯޓު -- ފޮޓޯ: އެމްޓީސީސީ

ހަމައެއާއެކު، ރަށުން ބޭރަށް ކުރާ ދަތުރުތަކާ އެއްގޮތަށް ރަށުގެ އެތެރޭގެ ދަތުރުތައްވެސް އަމާން އޮމާންކޮށް ކުރެވޭނެކަން ކަށަވަރު ކުރުމަށް މަގު ހެދުމުގެ ގިނަ މަޝްރޫއުތަކެއްވެސް ސަރުކާރުން ކުރިއަށްގެންދެއެވެ.

އެގޮތުން ސ. ހުޅުދޫ އަދި މީދޫގައާއި ށ. ފުނަދޫގެ މަގު ހެދުމުގެ މަސައްކަތް މިސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ އިތުރުން މަގުހެދުމުގެ 12 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައި، އިތުރު ނުވަ މަޝްރޫއެއް މިހާތަނަށް ކޮންޓްރެކްޓުކޮށްފައިވެއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުން

މި ވެރިކަމަށް ތިން އަހަރު ފުރޭ އިރު، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައި އޮތުމަކީ ސަރުކާރުގެ އަމާޒަކެވެ. ނަމަވެސް މިދިޔަ އަހަރު ކޮވިޑުގެ ހިޔަނި އެ މަސައްކަތަށް އެޅި، ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް މިހާރު ވަނީ ފަށައިގަނެވިފައެވެ.

އެގޮތުން 118 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަން އެއްބަސްވުން ހަދައިފައިވާ އިރު އޭގެ ތެރެއިން 56 މަޝްރޫއެއްގެ އަމަލީ މަސައްކަތް ދަނީ ކުރިއަށްގެންދަމުންނެވެ. އަދި އެ ހިދުމަތް ފުރިހަމައަށް ނުލިބޭ ބާކީ 23 ރަށުގެ މަސައްކަތް މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ހަވާލުކުރެވޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.

ކުންޏަކީ ވަސީލަތަކަށް ހެދުން

ރަށްރަށުގައި އުފެދޭ ކުނި ރައްކާތެރި ގޮތެއްގައި ނައްތާލުމުގެ އިތުރުން، ސަރުކާރުން ކުރިއަށް އޮތް ތަނުގައި އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ ކުނިން މަންފާ ހޯދޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް ރައީސް ސޯލިހު ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

އެގޮތުން ކުނި މެނޭޖް ކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ސަރަހައްދީ ވޭސްޓް މެނޭޖުމެންޓް ސެންޓަރުތަކެއް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރ. ވަންދޫގެ ކުނި މެނޭޖުކުރާ ސަރަހައްދީ މަރުކަޒުގައި ކުރީގެ އެންވަޔަރަމެންޓް އަދި މިހާރުގެ ފިޝަރީސް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން -- ފޮޓޯ: މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން

އޭގެ ތެރެއިން ނ، ބ، ރ، ޅ، ހއ، ހދ، އަދި ށ އަތޮޅުގެ ކުނި ނައްތާލެވޭނެ ގޮތަށް ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމު ކުރީ ރ. ވަންދޫގައެވެ. އެ ސެންޓަރުގައި ކުނި އަންދައިގެން ހަކަތަ އުފެދޭ ގޮތަށް ވޭސްޓް އެނާޖީ ޕްލާންޓެއް ގާއިމުކޮށް، 2019 ވަނަ އަހަރު އެ ސެންޓަރުގައި ވަނީ ކަރަންޓު އުފައްދާފައެވެ. އެއީ ރާއްޖޭގައި ކާމިޔާބުކަމާއެކު އެ މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރާއްޖޭގެ ދެކުނުގައި އުފެދޭ ކުނި ނައްތާލުމަށް އައްޑޫ ސިޓީގައި ގާއިމު ކުރާ ވޭސްޓް މެނޭޖްމެންޓް ފެސިލިޓީގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިމޭނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

އެ ފެސިލިޓީގައިވެސް ކުނި އަންދައިގެން ފައިދާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ ނިންމައިފައިއެވެ.

ވިލުންވެރި މުޖުތަމައެއް ބިނާކުރުން

ރާއްޖޭގެ ރަށްތަކަށް ގުދުރަތީ ކާރިސާތަކުން ލިބިގެންދާނެ ގެއްލުން ކުޑަ ކުރުމަށް ޓަކައި، މޫސުމީ ބަދަލުތަކަށް ވިލުންވެރި އުމްރާނީ ވަސީލަތްތަކާއި މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސްއޭޕީ)ގައި ހިމަނާފައިވާ ލަނޑުދަނޑިއެކެވެ.

އެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި:

  • ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ތިން މަޝްރޫއެއް ނިންމައި، އެފަދަ 11 މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރިއަށްގެންދިޔުން. އަދި އިތުރު ހަ މަޝްރޫއެއްގެ އެއްބަސްވުމުގައި ސޮއިކުރުން.
  • ސާފު ބޯފެން ލިބޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް 29 ރަށެއްގައި ކުރިއަށްގެންދިޔުން
  • އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށްޓަކައި 47 މަޝްރޫއެއް ނިންމައި، އިތުރު 15 މަޝްރޫއެއް ކުރިއަށް ގެންދިޔުން

އެފަދަ މަސައްކަތްތަކާއެކު ސަރުކާރުން ދަނީ ރަށްރަށުގައި ގިރެމުންދާ ހޭޅިފަށްތައް ރައްކާތެރިކޮށް، ކުރިއަށް އޮތް ޖީލުތަކަށްވެސް ޖަޒީރާ ދިރިއުޅުން ވާސިލުކޮށްދިނުމުގެ ތަސައްވަރު ހަގީގަތަކަށް ހަދަމުންނެވެ.

comment ކޮމެންޓް