ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއްވެސް މޮޅެއް ނުލިބި ރާއްޖެ މުބާރާތުން ކަަޓައިފިއެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިއަދު ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ރާއްޖެއަށް ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާއެކު މުބާރާތާއި އަލްވަދާއު ކިޔަން ޖެހުނު އިރު، ސީޝެލްސް ވަނީ ފަސް ޕޮއިންޓާއެކު ފައިނަލުގެ ފުރަތަމަ ޖާގައެއް ހޯދައިފައެވެ.
މިއަދުގެ މެޗު ރާއްޖެއިން ފެށީ ފުރަތަމަ ދެ މެޗުގެ ފުރަތަމަ އެގާރައަށް ބަދަލުތަކެއް ގެނެސްގެންނެވެ. ކުރީ ދެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އަލީ އަޝްފާގާއި، އަލީ ފާސިރު އަދި ހުސައިން ޝިފާއުގެ އިތުރުން އިބްރާހިމް މަހުދީގެ ބަދަލުގައި މިއަދުގެ ފުރަތަމަ އެގާރައިގައި ހިމެނުނީ ނާއިޒް ހަސަން އާއި ހަމްޒާ މުހައްމަދު އަދި އަސަދުﷲ އަބްދުﷲގެ އިތުރުން އަހުމަދު ނޫމާންއެވެ. އެކަމަކު މެޗު ފެށުމަށް ކުރި ވާމްއަޕުގައި ނާއިޒްއަށް އަނިޔާވެގެން އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ހަސަން ރާއިފް އަހުމަދުއެވެ.
މިއަދުގެ މެޗު ފެށި އިރު ވެސް ލަންކާއަށް ބޯކޮށް ވިއްސާރަވެހެމުން ދިޔައިރު، ދަނޑުގެ އުނދަގޫ ދެ ޓީމަށް ވެސް ވަނީ އިންތިހާއަށް ކޮށްފައެވެ. މެޗުގައި ދެ ޓީމަށް ވެސް މާގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާއިރު، ފުރަތަމަ ހާފުގައި ސީޝެލްސްއިން ވަނީ ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ފައުލުތަކެއް ކޮށްފައެވެ.
ރާއްޖެއަށް މުޅި މެޗުގައި ވެސް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ދެވަނަ ހާފުގައެވެ. މެޗުގެ 55 ވަނަ މިނިޓްގައި ފޭދޫ އިއްބެ ހުސްކޮށް އޭރިއާތެރެއަށް ވަދެ ޖެހި ބޯޅަ ކީޕަރު ރޮޑީ އަތުގައި ޖެހިފައި ނުކުތް ވަގުތު އަސަދުﷲ ރީބައުންސުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެެވެ.
ދެވަނަ ހާފުގައި ރާއްޖެއިން ވަނީ ގިނަ ބަދަލުތަކެއްކޮށްފައެވެ. އެގޮތުން އަލީ އަޝްފާގާއި، އިބްރާހިމް މަހުދީ އަދި އަސްހަދު އަލީގެ އިތުރުން ޝިފާއު ކުޅެން ނުކުން އިރު، ގެ އަސްހަދު އަލީ (އަޑުބަރޭ) އަށް ވަނީ ބޯޅަ ނެތިސް ސީޝެލްސް ކުޅުންތެރިއަކަށް ފައުލުކުރުމުން ރަތް ކާޑެއް ދައްކައިފަ އެވެ. އަޑުބަރޭއަށް ރަތްކާޑު ދެއްކީ ކުޅެން ނުކުތްތާ މިނަޓެއް ނުވަނީސްއެވެ.