ސަރުކާރަށް 3 އަހަރު: އަތޮޅުތެރޭ ސިއްހީ ހާލަތަށް ބޮޑު ފަރުވާއެއް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މައިބަދައިގެ އޮޕަރޭޝަނެއް ކުރަނީ ---

ހދ. ކުރިނބީ، ހުސައިން ޝަރީފަށް ވެސް އަތޮޅުތެރޭ ދިރިއުޅޭ އެހެން މީހުންނެކޭ އެއްގޮތަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔެއް ވާއިރަށް މާލެ އަންނަން ޖެހޭ ޖެހުމެވެ. ރަށުން އެކަށީގެންވާ ފަރުވާއެއް ނުލިބޭތާ ރީޖަނަލް ހޮސްޕިޓަލުން ވެސް ނުލިބެނީއެވެ. އެހެންވެ ގިނަ ޓެސްޓްތައް ހެދުމާއި މޮޅެތި ޑޮކްޓަރުންނަށް ދެއްކުމަށް ޖެހެނީ މާލެ އަންނާށެވެ. ނަމަވެސް އެ ދުވަސްތައް މިހާރު މާޒީވެ ގޮސްފިއެވެ.

ކުރިއާ އަޅާބަލާއިރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފެންވަރު ބޮޑު ތަނުން ރަނގަޅު ކުރުމާއެކު މާލެ ނައިސް ގިނަ ފަރުވާތަކެއް މިހާރު ލިބެއެވެ.

"ކުރީ ވަރެއް ނޫން. މިހާރު އެއަށް ވުރެން މާ ރަނގަޅު. އެކަމަކު މިހާރު ވަރަށް ބާރުބޮޑު. އެހެންވެ ދިގު ކިޔޫއެއް އޮވޭ،" ޝަރީފް ބުންޏެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ހިންގުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެކެވެ. ކޮވިޑްގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ސަރުކާރަށް ކުރިމަތިލާން ޖެހުނުއިރު ސިއްހީ ދާއިރާއިން ކާމިޔާބީތަކެއް ވަނީ ހޯދައިފަ އެވެ. ކޮވިޑްގެ ސަބަބުން މާލެ ނާދެވި ތިބެން ޖެހުމުން އަތޮޅޫތެރޭ ހޮސްޕިޓަލްތަކަށް ބާރުބޮޑުވިއެވެ. އެއާއެކު ހޮސްޕިޓަލްތަކުގައި އާ ހިދުމަތްތައް ތައާރަފް ކުރެވިގެން ދިޔައެވެ.

މި ރިޕޯޓްގައި މި ބަލާލަނީ މިސަރުކާރުގެ ތިން އަހަރުގެ ތެރޭގައި ސިއްހީ ދާއިރާއިން ހޯދާފައިވާ ކާމިޔާބީތަކަށެވެ. ހާއްސަކޮށް ބޮޑެތި ހޮސްޕިޓަލްތަކަށެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

އުތުރުގެ މައި ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެންމެ ބޮޑު ބަދަލެއް ގެނައުމުގެ ފެށުމަކީ 2020ވަނަ އަހަރުގެ ޖޫން މަހު އެ ހޮސްޕިޓަލަށް ގެންދިޔަ ގިނަ އަދަދެއްގެ މެޑިކަލް އިކުއިޕްމަންޓްސްތަކެވެ. އެ ހޮސްޕިޓަލުން މި ފަހުން ވަނީ މީގެ ކުރިން ކޮށްފައި ނުވާ ފަދަ ބޮޑެތި އޮޕަރޭޝަންތަކެއް ވެސް ކޮށްފައެވެ. އެ ހޮސްޕިޓަލްގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ބޮޑު މަޝްރޫއެއް ހިންގައި މިހާރު އޮތީ ނިމުމަކާ ގާތްވެފައެވެ. އަދި އަލަށް ބޮޑެތި، ގިނަ ހިދުމަތްތަކެއް ވެސް ވަނީ ފަށައިފައެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް: ފޮޓޯ: ކޭއޯ

އަލަށް ތައާރަފު ކުރި ހިދުމަތްތައް:

  • ފިޒިއޯތެރަޕީގެ ހިދުމަތް
  • އީއެންޓީ އާއި ލޮލުގެ ފަރުވާ ދޭން ފެށުން
  • އެމްއާރްއައި އާއި ސީޓީ ސްކޭންގެ ހިދުމަތް
  • އޮޕަރޭޝަން ކުރަން ދެ ތިއޭޓަރެއް ހަމަޖެއްސުން
  • ލެބޯޓްރީ ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުން
  • ހިތުގެ ބަލިތަކަށް ހާއްސަ ފަރުވާތަކެއް ދޭން ފެށުން
  • ކޮވިޑު ޓެސްޓް ކުރާ ޕީސީއާރު ލެބްގެ ހިދުމަތް ފެށުން
  • ޕަލްމޮނޮލޮޖީ އާއި ސްޕީޗްތެރަޕީގެ ހިދުމަތް ފެށުން

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް މުހިންމު ތަނެކެވެ. މީގެ ކުރިން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ހޮސްޕިޓަލުން ވެސް ގިނަ ހިދުމަތްތަކެއް ނުލިބުމެވެ. ބޮޑު ކަމެއް ވާއިރަށް މާލެ އަންނަން ޖެހުމެވެ. އެކަންކަމަށް ހައްލެއް ގެނައުމަށް މިސަރުކާރުން ވަނީ އެ ހޮސްޕިޓަލަށް ވެސް ބޮޑެތި ބަދަލު ތަކެއް ގެނެސްފަ އެވެ.

އަލަށް ތައާރަފު ކުރި ހިދުމަތްތައް:

  • ޕިޒިއޯތެރަޕީގެ ހިދުމަތް ފުޅާ ކުރުން
  • ބޮޑެތި ސާޖަރީތަކަށް ބޭނުންވާ އާލާތްތައް ހޯދުން
  • ސީޓީ ސްކޭންގެ ހިދުމަތް ދިނުން
  • ލޮލުގެ ފަރުވާ ދޭން ފެށުން
  • ހަ ޕްރައިވެޓް ރޫމް އިމާރާތްކޮށް ހިދުމަތް ދޭން ފެށުން
  • ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށުން
  • އީއެންޓީގެ ހިދުމަތް ތައާރަފުކޮށް ގިނަ ކަންކަމަށް ފަރުވާ ދޭން ފެށުން

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަކީ ގއ. އާއި ގދ. އަތޮޅުގެ ރަށްތަކަށް މުހިންމު ތަނެކެވެ. އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ވަނީ ފަށައިފައެވެ. އެ ޕްރޮޖެކްޓުގެ ދަށުން 14 އޯޕީޑީ ރޫމާއި ދެ ލޭބާ ޝުއިޓާއި އެންއައިސީޔޫ ހިމެނޭ ހަތަރު ޕްރައިވެޓް ރޫމް ހެދުމަށް ވަނީ ނިންމައިފައެވެ. ހަމަ އެހެންމެ އެ ހޮސްޕިޓަލުގައި ވެސް މިސަރުކާރުން ވަނީ އާ ހިދުމަތްތަކެއް ތައާރަފް ކޮށްފައެވެ.

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް--

އާ ހިދުމަތްތައް؛

  • ޒަމާނީ އިކުއިޕްމަންޓާއެކު ޕިޒިއޯތެރަޕީގެ ހިދުމަތް ފެށުން
  • މޭޖާ ސާޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ހޯދައި ދިނުން
  • އީއެންޓީ އާއި ލޮލުގެ ފަރުވާތައް ދޭން ފެށުން
  • ސީޓީ ސްކޭން އާއި މެމޯގްރަފީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ޒަމާނީ ފެންވަރަށް ބަދަލުކޮށް ހިދުމަތް ދޭން ފެށުން
  • ވޯޑްތައް އެއާކޮންޑިޝަން ކުރުން
  • ކޮވިޑް ގެ ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގާއިމު ކުރުން
  • ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށުން

ލ. ގަން ރީޖަނަލް ހޮސްޕިޓަލް

ގިނަ ބަޔަކު ހިދުމަތް ހޯދަމުން އަންނަ ގަމު ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ގިނަ އަދަދެއްގެ މެޑިކަލް އިކުޕްމަންޓް ވަނީ 2020 ގައި ފޮނުވައިފައެވެ. އެއާއެކު އެ ހޮސްޕިޓަލުގައި އާ ހިދުމަތްތައް ވަނީ ފަށައިފައެވެ.

ގަމު ހޮސްޕިޓަލުގައި ފެށި އާ ހިދުމަތްތައް

  • ޒަމާނީ އިކުއިޕްމަންޓާއެކު ފިޒިއޯތެރަޕީގެ ހިދުމަތް
  • މޭޖާ ސާޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ހޮސްޕިޓަލަށް ފޮނުވުން
  • އީއެންޓީ ހިދުމަތާއި ލޮލުގެ ފަރުވާ ދޭން ފެށުން
  • ފުޓުނި އަދި ރޫޓް ކެނަލްގެ ހިދުމަތް ފެށުން
  • ކޮވިޑަށް ފަރުވާދޭ ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގިނަ އަދަދެއްގެ އިކުއިޕްމަންޓާއެކު ގާއިމު ކުރުން
  • ޕަވާ ހައުސް އިމާރާތް ކުރުން
  • ވޯޑްތަކާއި އޯޕީޑީ އޭރިއާ އެއާ ކޮންޑިޝަން ކުރުން
  • ސީޓީ ބެހެއްޓުމަށް ބޭނުންވާ އިމާރާތް ނިންމައި ހިދުމަތް ދޭން ފެށުން
  • މެމޯގްރަފީގެ ހިދުމަތް ފެއްޓުމަށް ވާން ޖެހޭ ތައްޔާރީތައް ވާން ފެށުން
  • ނަފްސާނީ ބައްޔަށް ފަރުވާ ދޭން ފެށުން

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް

ރާއްޖޭގެ ދެ ވަނައަށް އެންމެ އާބާދީ ބޮޑު ސިޓީ، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޓާޝިއަރީ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަށް ވެސް ގިނަ ތަރައްގީތަކެއް މިސަރުކާރުން ވަނީ ގެނެސްފަ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ--- ފޮޓޯ: ރައީސް އޮފީސް

އަލަށް ތައާރަފް ކުރި ހިދުމަތްތައް:

  • ޒަމާނީ އިކުއިޕްމަންޓާއެކު ފިޒިއޯތެރަޕީގެ ހިދުމަތް
  • މޭޖާ ސާޖަރީތައް ހެދުމަށް ބޭނުންވާ އާލާތްތައް ގެންގޮސް ދިނުން
  • އީއެންޓީ ހިދުމަތާއި ލޮލުގެ ފަރުވާ ދޭން ފެށުން
  • ހިތުގެ ބަލިތަކަށް ފަރުވާ ދޭން ފެށުން
  • ސްޕީޗް ތެރެޕީ ދިނުން
  • އެމްއާރުއައިއާއި ސީޓީ ސްކޭންގެ ހިދުމަތް ދޭން ފެށުން
  • ކޮވިޑަށް ފަރުވާދޭ ރީޖަނަލް އައިސީޔޫ ފެސިލިޓީއެއް ގިނަ އަދަދެއްގެ އިކުއިޕްމަންޓާއެކު ގާއިމު ކުރުން
  • އިން ހައުސް ފާމަސީގެ ހިދުމަތް ދިނުން
  • ޓްރެޑްމިލް ޓެސްޓްތައް ހަދަން ފެށުން
  • ހޯލްޓާ މޮނީޓަރިން
  • އީއެމްޖީ އަދި އީއީޖީގެ ހިދުމަތް ފެށުން
  • ނަފްސާނީ ބަލިތަކަށް ފަރުވާ ދޭން ފެށުން

ސިޓީ ތަކާއި ބޮޑެތި ރަށްތަކުގެ އިތުރުން އާބާދީ މަދު ރަށްތަކުގެ ސިއްހީ ނިޒާމު ރަނގަޅު ކުރުމަށް ވެސް ސަރުކާރުން ވޭތުވެދިޔަ ތިން އަހަރު ވަނީ އެކަށީގެންވާ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ފެންވަރު ރަނގަޅު ދަތުގެ ފަރުވާ މިހާރުވެސް 16 އަތޮޅެއްގައި ވަނީ ދޭން ފަށައިފަ އެވެ. ޑައިލިސިސްގެ ހިދުމަތް ހއ. އަތޮޅު ހޮސްޕިޓަލާއި ޏ. އަތޮޅު ހޮސްޕިޓަލުގައި މިސަރުކާރުން ވަނީ ތައާރަފް ކޮށްފައެވެ. އެއާއެކު 10 އަތޮޅަކުން ޑައިލިސިސްގެ ހިދުމަތް މިހާރު ދަނީ ލިބެމުންނެވެ.

އަންނަ އަހަރުގެ ބަޖެޓުން ވެސް ބޮޑު އަދަދެއް ކަނޑައަޅައިފައި

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލް ގާއިމުކޮށް، ތަރައްގީ ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވެސް ބޮޑު އަދަދެއް ވަނީ ހިމަނައިފައެވެ. ޓާޝިއަރީ ހޮސްޕިޓަލްގެ ގޮތުގައި ކަނޑައަޅާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 236،722،751 ރުފިޔާ ކަނޑައަޅާފައިވާއިރު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 170،570،756 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި ގަން ރީޖަނަލް ހޮސްޕިޓަލަށް 160،940،967 ރުފިޔާ ކަނޑައަޅާފައިވާއިރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް 172،200،000 ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް 264،341،229 ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ. އަދި އެ ހޮސްޕިޓަލްތައް އަމިއްލައަށް ހިންގާ ގޮތަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ސިއްހީ ދާއިރާ އަށް ބޭނުންވާ އުމްރާނީ ތަރައްގީ އާއި ވަސީލަތްތައް މުއްސަނދި ކުރުމާއި ހިދުމަތް ފުޅާކޮށް ފެންވަރު ރަނގަޅުކުރުން،" އަމީރު ވިދާޅުވި އެވެ.

ކުރިނބީ ޝަރީފް ފަދައިން އަތޮޅުތެރޭގައި އުޅޭ ގިނަ ބަޔަކަށް ބޭސްފަރުވާގެ ކަންކަން ކުރިއަށް ވުރެން މިހާރު މިވަނީ ފަސޭހަވެފައެވެ. އެއީ މިސަރުކާރުން ސިއްހީ ދާއިރާއަށް ގެނައި ބަދަލުތަކެވެ.

comment ކޮމެންޓް