އިންގްލޭންޑުން 10 ގޯލު ޖެހިއިރު، އިޓަލީ ޕްލޭއޮފަށް

ސެން މެރީނޯ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ//ލައިވްސްކޯ

ވޯލްޑްކަޕް ކޮލިފައިންގްގެ ފަހު މެޗުގައި ރޭ އިންގްލޭންޑުން ސަން މަރީނޯ ކޮޅަށް 10 ގޯލު ޖެހިއިރު، ނޯދަން އަޔަލޭންޑާ އެއްވަރުވެ އިޓަލީ ޕްލޭއޮފްގައި ކުޅެން ޖެހިއްޖެއެވެ.

އަވޭ ސްޓޭޑިއަމުގައި ރޭ އިންގްލޭންޑް ކުޅުނު މެޗުން އެ ޓީމު ގުރޫޕް އައި ގެ ފުލުގައި އޮތް ސަން މަރީނޯ އަތުން މޮޅުވީ 10-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ގުރޫޕުގެ އައިގެ އެއްވަނައިގައި އިންގްލޭންޑުން އަންނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑްކަޕްގެ ޖާގައެއް ހޯދި އިރު، އެ ޓީމުން ވަނީ ކުޅުނު 10 މެޗުން 26 ޕޮއިންޓް ހޯދައިފައެވެ. އެ ގުރޫޕުން ޕްލޭއޮފްއަށް ދިޔައީ 20 ޕޮއިންޓާއެކު ދެވަނަ ހޯދި ޕޮލެންޑެވެ.

ރޭގެ މެޗު ފަށައިގެން ހަވަނަ މިނަޓުގައި ހެރީ މެގުއާގެ ގޯލުން އިންގްލޭންޑުން ލީޑު ނެގި އިރު، 15 ވަނަ މިނަޓުގައި ސަން މަރީނޯގެ ކުޅުންތެރިއެއްގެ އަތު ް ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. އެއަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ކެޕްޓަން ހެރީ ކޭން ވަނީ އިތުރު ހަތަރު ގޯލު ޖަހައި، ވިދިވިދިގެން ދެވަނަ މެޗުގައި ހެޓްރިކް ހަދައިފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުގެ ލަނޑުތައް ޖަހައިދިނީ އެމީލް ސްމިތު ރޯވް އާއި، ޓައިރަން މިންގްސް އާއި، ޓެމީ އަބްރަަހަމް އަދި ބުކާޔޯ ސަކާއެވެ. މި މެޗުގައި ޒުވާން ތަރި ސްމިތު ރޯވް ލަނޑު ޖެހިއިރު، މި މެޗަކީ އޭނާ އިންގްލެންޑުގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް ސީގައި ހިމެނޭ އިޓަލީއަށް ޕްލޭއޮފް ބުރުުގައި ކުޅެން ޖެހުނީ ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ނޮދަން އަޔަލެންޑާ ލަނޑެއް ނުޖެހި އެއްވަރުވުމުންނެވެ.

މި މެޗުން އިޓަލީ އެއްވަރުވުމާއެކު، ގްރޫޕް ސީގެ އެއްވަނަ ހޯދައި ވޯލްޑް ކަޕަށް ކޮލިފައިވީ ސްވިޓްޒަލެންޑެވެ. ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން ސްވިޓްޒަލެންޑް ވަނީ ބަލްގޭރިއާ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ސްވިޓްޒަލެންޑަށް ގްރޫޕް ސީގެ އެއްވަނަ ލިބުނީ އަށް މެޗުން 18 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އިޓަލީ އޮތީ އަށް މެޗުން 16 ޕޮއިންޓާއެކުއެވެ.

comment ކޮމެންޓް