ހާލުގައި ޖެހިފައި ތިބި ލަންކާ މަސްވެރިންނަށް ކައުންސިލަރު ޝުޖާ އެހީތެރިކަން ފޯރުކޮށްދީފި

ހާލުގައި ޖެހިފައި ތިބި ލަންކާ މަސްވެރިންނަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ކާބޯތަކެތި ފޯރުކޮށްދެނީ--

ހުޅުމާލޭ ކޯސްޓްގާޑު އަޅާފައި އޮންނަ ސަރަހައްދުގައި އެނބުރި ގައުމަށް ނުދެވި، ހާލުގައި ޖެހިފައި ތިބި ލަންކާ މަސްވެރިންނަށް މާލެސިޓީ، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެ މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހުންނަކީ މަހަށް ނުކުމެ އުޅެނިކޮށް ހާލުގައި ޖެހިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބެހިގެން އައި ދެ މަސް ބޯޓެއްގައި ތިބި ބައެކެވެ.

އެއް ބޯޓު ބެހިގެން އައީ އިންޖީނު ހުއްޓިގެންނެވެ. އަދި އަނެއް ބޯޓަށް ރާއްޖެ ސަރަހައްދަށް ވަދެވުނީ ޖީޕީއެސް ހަލާކުވެފައި ވަނިކޮށެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު "ސަން"އަށް ވިދާޅުވީ އެމީހުން އުޅޭ އަސްލު ހާލު އެނގުނީ، ރޭގެ ވަގުތެއްގައި ހުޅުމާލެ ރައްޔިތަކު ގުޅާފައި އެމީހުން ހާލުގައި ޖެހިގެން އުޅޭ ވާހަކަ ބުނުމުން ކަމަށެވެ.

"އަޅުގަނޑަށް ގުޅާފައި ބުނީ އެމީހުން ވަރަށް ހާލުގައޭ އުޅެނީ. ކާނެ، ބޯނެ އެއްޗެއް ވެސް ނެތޭ. އެމީހުން ބޯޓުން ފޭބުން ވެސް ކޯސްޓްގާޑުން އޮންނަނީ މަނާކޮށްފައޭ. އެކަމަކު ވެސް އިތުރު އެއްވެސް ގޮތެއް ނެތިގެން، އެތަނުން ނިކުމެ، ފެރީ ޓާމިނަލް ކައިރީ ހުންނަ ކެފޭތަކުން ކޮފީ ހޯދައިގެންނޭ އެމީހުން އުޅެނީ." ޝުޖާ ވިދާޅުވިއެވެ.

އެގޮތަށް މައުލޫމާތު ލިބުމުން އެމީހުންނަށް ދޭނެ ކާބޯތަކެތި ހިފައިގެން ގޮސް، އެމީހުންނަށް ދިން ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހާލުގައި ޖެހިފައި ތިބި ލަންކާ މަސްވެރިންނަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޝުޖާއު ކާބޯތަކެތި ފޯރުކޮށްދެނީ--

ޝުޖާއު ވިދާޅުވީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގެ ބައެއް ރައްޔިތުން ކެމްޕޭނެއް ފަށަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އެމީހުން އެތިބީ އަސްލު ވަރަށް ގޯސް ހާލަތެއްގައި. އެމީހުންގެ އަނބިދަރިން ވެސް ތިބޭނެ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ހާލަތެއް ދިމާވެގެން ރާއްޖޭގެ ކަނޑަށް ވަދެވުމުން، އެމީހުން އަތުލައިގަތުމަށްފަހު ގެނައި ނަމަވެސް، އިންސާނިއްޔަތުކަން ބަހައްޓަން ޖެހޭނެ ކަމަށެވެ.

"އެމީހުންގެ [ލަންކާ] ސަރުކާރުން ކަންކަން ލަސްވާނަމަ، ދިވެހި ސަރުކާރުން ވެސް ވާނެ ބަލަން. މިއަށް ވުރެ ޒިންމާދާރުކަމާއެކު ކަންކަން ކުރެވެން ވާނެ. މިއަދު މައުލޫމާތު ލިބިއްޖެ، ލަންކާ ސަރުކާރުން މި މީހުންގެ މައުލޫމާތު ސާފުކޮށް، ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާފައިވާ ކަމަށް. ދިވެހި ސަރުކާރުން، ފިިޝަރީޒް މިނިސްޓްރީން ކުރަން ޖެހޭ ކަންކަން ނުކޮށްގެން ކަމަށް މި މީހުން ފުރުވާނުލެވިގެން އުޅެނީ," ޝުޖާއު ވިދާޅުވިއެވެ.

ބައެއް އެހެން ގައުމުތަކުގެ މީހުން މި ގޮތަށް ބެހިގެން، ހާލުގައި ޖެހިގެން އައުމުން ވަރަށް އަވަހަށް ފުރުވާލާ މަންޒަރު ވެސް މީގެ ކުރިން ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެ މީހުން ފުރުވާލެވެންދެން ރައްޔިތުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މިކަމުގައި ދިވެހިން ނަމޫނާ ދައްކުވައިދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނުނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގައެވެ. އަދި ދެވަނަ ބޯޓު ފެނުނީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގައެވެ.

comment ކޮމެންޓް