ތިން ގައުމަކުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރުން އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
މި ސަފީރުން މަގާމުގެ ފަތްކޮޅު ރައީސަށް ހަވާލުކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައެވެ.
މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އެރުވީ ނައިޖީރިއާއި ފިލިޕީންސްގެ އިތުރުން ނިއުޒިލޭންޑުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވައިފައިވާ ސަފީރުންނެވެ.
ނައިޖީރިއާއިން ރާއްޖެއަަށް އަލަށް ކަނޑައަޅައިފައިވަނީ އަބިއޮޔޭ މުހައްމަދު ބެއްލޯއެވެ. އަބިއޮޔޭއާއެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ގުޅުން ބަދަހިކުުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި އެ ކަންކުރާނީ ދެ ގައުމުން ގަބޫލުކުރާ އެއްބައިވަންތަކަމުގެ ސިޔާސަތެއްގެ ތެރެއިންކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ނައިޖީރިއާއިން ރާއްޖެއަށް އަލަށް ކަނޑައެޅި ސަފީރު އަބިއޮޔޭ މުހައްމަދު ބެއްލޯ-- ފޮޓޯ/ ރައީސް އޮފީސް
ފިލިޕީންސުން ރާއްޖެއަށް އަލަށް ކަނޑައަޅައިފައިވަނީ އެލަން އެލް ޑެނިއެގާއެވެ. ޑެނިއެގާއާއެކު ވެސް ރައީސް ސޯލިހުވަނީ ބައްދަލުކުރެއްވުމެއް ބާއްވަވާފައެެވެ. އެގޮތުން އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ހަލަތާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އޭގެ ތެރޭގައި ދެ ގައުމުގައި ވެސް ކޮވިޑުގެ ހާލަތު އޮތް ގޮތާއި މޫސުމީ ބަދަލުތަކާ ގުޅޭ މަޝްވަރާތައް ވެސް ވަނީ ވަނީ ކުރައްވައިފައެވެ.
މީގެ އިތުރުން ސަފީރު ޑެނިއެގާވަނީ ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ރާއްޖއިން ދޭ ހިދުމަތްތަކަށް ޝުކުރު ދަންނަވާފައެވެ. ޑެނިއެގާ މަސައްކަތް ކުރައްވާނީ ނޮން ރެޒިޑެންޓް ސަފީރެއްގެ ގޮތުގައެވެ.

ފިލިޕީންސުން ރާއްޖެއަށް އަލަށް ކަނޑައަޅައިފައިވާ ސަފީރު އެލަން އެލް ޑެނިއެގާ-- ފޮޓޯ/ ރައީސް އޮފީސް
ނިއުޒިލޭންޑުން ރާއްޖެއަށް އަލަށް ކަނޑައަޅައިފައިވަނީ މައިކަލް އެޑްވާޑް އެޕަލްޓަނެވެ. އެޕަލްޓަންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފައިވަނީ މިއަދު މެންދުރު ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވެސް ރައީސް އާއި ސަފީރު އެޕަލްޓަން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ މެދުގައި އޮތް އެކުވެރި ގުޅުން ފާހަގަކުރައްވައިފައެވެ. އަދި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

ނިއުޒިލޭންޑުން ރާއްޖެއަށް އަލަށް ކަނޑައަޅައިފައިވާ މައިކަލް އެޑްވާޑް އެޕަލްޓަން-- ފޮޓޯ/ ރައީސް އޮފީސް
ހަމައެއާއެކު ތައުލީމީ ފުރުސަތުތައް އިތުރުކުރުމާއި ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވައިފައެވެ. އަދި ސަލާމަތީ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުުރުމުގެ އިތުރުން ދެ ގައުމުގެ އިސްވެރިންގެ ދެމެދު ގުޅުންތައް ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ.