ދެ ސަރުކާރުގެ ތަފާތަކީ ކުރީ ސަރުކާރުން ލޯނު ނަގައިގެން ގެނައި ތަރައްގީ ފެންނަން އޮތުން: ޝިޔާމް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް، ދައުލަތުން ހުށަހަޅައިފައިވަނީ "ދެ ބުރި ދަރަނި" ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީ ދެ އަހަރުގެ ބަޖެޓުގައި ހިމެނުނު ގިނަ ކަންކަން ފުރިހަމަވެފައިނުވާއިރު، ރައްޔިތުންނަށް ދައްކަނީ "ނަނާ ހުވަފެން" ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް ނަނާ ހުވަފެން މި ދައްކަނީ، ރިކަރަންޓު ހަރަދު ނުހޯދޭ އާމްދަނީން. ހިލޭ އެހީ ނުލާ ލިބޭ އާމްދަނީން މި ދައުލަތަށް ކުރާ ހަރަދު ފުއްދާނުލެވޭ، 85 އިންސައްތަ ވެސް ނުލިބޭ، ހިލޭ އެހީ ނުލައި،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ބުނި ފައިސާ އަދިވެސް އެއްކޮށް ލިބިފައިވާތަން ނުފެންނަ ކަމަށެވެ. އެގޮތުން 300 މިލިއަން ދޭން ބުނިނަމަވެސް މިހާތަނަށް ލިބިފައިވާ ކަމަށް ފެންނަނީ 75 މިލިއަން ޑޮލަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޝިޔާމް ވިދާޅުވީ އިންޑިއާއަށް މިހާރު ވެސް 1.6 ބިލިއަން ޑޮލަރު ދަރައިފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ފައިސާއިން ކުރި ކަންކަން ފެންނަން ނެތް ކަމަށް ވިދާޅުވެ، ޝިޔާމް ވިދާޅުވީ ކުރީގެ ސަރުކާރުން ލޯނު ނަގައިގެން ގެނައި ތަރައްގީ ފެންނަން އެބަހުރި ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުގަ، ރައީސް ޔާމީންގެ ސަރުކާރުގައި، ލޯނު ނަގައިގެން އެހެރީ ޓެންޖިބަލް، އަތްލެވޭ ތަރައްގީ ދިވެހިރާއްޖެއަށް ގެނެސްފައި، އަޅުގަނޑުމެންނަށް މިއުޅެނީ މި ސަރުކާރު މި ހުރިހާ ލޯނުތަކެއް ނަގައިގެން ވެސް، އާސަންދަ އެއޮތީ ކަނޑާލާފަ، އަޅުގަނޑުމެން އެހެރީ ލޯނު ނަގައިގެން ބްރިޖު އަޅައިފަ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ ލޯނު ނަގައިގެން އެއް ބިލިއަންގެ ޕްރޮޖެކްޓެއް އެއާޕޯޓުގައި މިހާރު ވެސް ކުރިއަށްދާ ކަމަށާއި ލޯނު ނަގައިގެން އެޅި 25 ބުރި މިހާރު ވެގެން ގޮސްފައިވަނީ ދައުލަތަށް އާމްދަނީ ލިބޭނެ މަޝްރޫއަކަށް ކަމަށެވެ.

ހަމައެހެންމެ ރާއްޖޭގައި މިހާރު ހުރި މައްސަލަތައް ހައްލު ކުރާނެ އެއްވެސް ގޮތެއް ބަޖެޓުގައި ނެތް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

comment ކޮމެންޓް