ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަމާޒަށް ވާސިލުވާން ޕީޕީއެމް އިން ނެގޭނެ އެންމެ ގާބިލު ކެންޑިޑޭޓަކީ ޑރ. މުޙައްމަދު މުއިއްޒު ކަމަށް އެޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
"ދިވެހިންގެ ޖަގަހަ" ނަމުގައި ޕީޕީއެމް/ޕީއެންސީގެ މާލޭ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު ޑރ. މުއިއްޒާއި އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް ކާމިޔާބު ކުރައްވަން ޕީޕީއެމްގެ ލީޑާޝިޕަށް ވުރެ، ބޮޑަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ.
"ހައިކޯޓު ތެރޭގައި ރައީސް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު ލިބުނު. އަޅުގަނޑުމެންނަށްވުރެ އެމަނިކުފާނު ޑރ. މުއިއްޒު އާއި ސެމްބެ މި އިންތިޚާބު ކާމިޔާބު ކުރައްވަން ބޭނުންފުޅުވާ ކަން އެ ބައްދަލުވުމުން އެނގިގެން ދިޔަ،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ޑރ. މުއިއްޒު އަކީ ޔާމީންގެ އަރިހުން ތަރުބިއްޔަތުވެވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ރަން ޒައާމަތުގައި ތަރައްގީގެ މަސައްކަތްތަކުގައި އެންމެ ބުރަކޮށް އުޅުއްވި އެއް ވަޒީރަކީ ވެސް މުއިއްޒު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޑރ. މުއިއްޒުއާ އެކު މަސައްކަތް ކޮށްލުމުގެ ފުރުސަތު ލިބުނުކަން ފާހަގަ ކުރައްވާ ޝިޔާމް ވިދާޅުވީ އެދުވަސްވަރު ފެނުނީ އެމަނިކުފާނުގެ ތަޖުރިބާއާ ލިބިވަޑައިގެން ހުންނެވި ތައުލީމުގެ ބޭނުން ހިއްޕަވައި ރައީސް ޔާމީންގެ އަމާޒަށް ޕީޕީއެމް އަދި ޕީއެންސީގެ މަސައްކަތްތައް ގެންދިޔުމުގައި ބުރަ މަސައްކަތްތަކެއް ކުރެއްވިތަން ކަމަށެވެ.
ރާއްޖޭގެ ފަސްގަނޑުގައި ބޭރު ގައުމެއްގެ ސިފައިން ތިބި ތިބުން ބަލައިނުގަންނާނެކަން ފާހަގަ ކުރައްވަމުން ޝިޔާމް ވިދާޅުވީ ޑރ. މުއިއްޒުގެ އެންމެ އިސް މަސައްކަތްޕުޅަކަށް ވާނީ ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުން ކަމަށެވެ. އަދި ގައުމުގެ މިނިވަންކަން ކަށަވަރު ކުރެވިގެން ނޫނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މި ގައުމު ނުބޭއްވޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުޙައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހައެއް ހުޅުވީ ސްކައިވިއުގެ ބައެއްގައެވެ.