ގައްޒާފީގެ ދަރިކަލުން ރައީސް ކަމަށް ކުރިމަތިލަނީ

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރު ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އެ ގައުމުގެ ރައީސް ކަމަށް ކުރިމަތި ލާން ނިންމައިފި ---

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އެގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނަން ހުށަހަޅާފައިވާ ކަމަށް ލީބިޔާގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލީބިޔާގެ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވީ އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ސައިފުލް އިސްލާމް އިއްޔެ ނަން ހުށަހަޅާފައިވާ ކަމަށެވެ.

ގައްޒާފީގެ އިތުރުން ލީބިޔާގެ ރައީސް ކަމަށް ވާދަ ކުރައްވާނެ ކަމަށް ބެލެވޭ މީހުންގެ ތެރޭގައި، އެގައުމުގެ އިރުމަތީ ފަރާތް ކޮންޓްރޯލް ކުރައްވާ އަސްކަރީ ކޮމާންޑަރު ޚަލީފާ ހަފްތަރާއި ބޮޑުވަޒީރު އަބްދުލް ހާމިދު ދެއިބާ އަދި މަޖިލީހުގެ ރައީސް އަގުއިލާ ސާލިހް ހިމެނެއެވެ.

ވޭތުވެ ދިޔަ 10 އަހަރު ސައިފުލް އިސްލާމް އުޅުއްވީ އާންމު ރައްޔިތުންނަށް ނުފެނިއެވެ. އަދި މި އަހަރު ކުރީކޮޅު އޭނާ ނިޔު ޔޯކް ޓައިމްސްއަށް އިންޓަވިއުއެއް ދެއްވި ނަމަވެސް އަދި މިހާތަނަށް އެއްވެސް ރައްޔިތަކާ ކުރިމަތިލައްވައި، ވާހަކަ ދައްކަވައިފައެއް ނުވެއެވެ. އެހެންކަމުން، އޭނާ ވެފައިވަނީ ރައްޔިތުންނާ ވަރަށް ބީރައްޓެހި ކެނޑިޑޭޓަކަށެވެ.

އޭގެ ކުރިން 2015 ވަނަ އަހަރު، ލީބިޔާގެ ހުޅަނގުގައި އޮންނަ އދ. އިން ތާއިދު ކުރާ ގަވަމެންޓް އޮފް ނެޝަނަލް އެކޯޑުގެ ކޯޓަކުން ވަނީ ސައިފްގެ ޣައިރު ހާޒިރުގައި އޭނާގެ މައްޗަށް މަރުގެ ހުކުމްކޮށްފައެވެ. އަދި އިންސާނިއްޔަތާ ހިލާފަށް ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ވަނީ ސައިފު ހޯދުމަށް އަމުރުކޮށްފައެވެ.

ދެހާސް އެގާރަ ވަނަ އަހަރު ގައްޒާފީގެ ވެރިކަން ވެއްޓުނު ފަހުން ސައިފުލް އިސްލާމް ހުންނެވީ ލީބިޔާގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އަބޫ ބަކުރު އައްސިއްދީގް ބެޓާލިއަންގެ ހައްޔަރުގައެވެ. އެޖަމާއަތުން އޭނާ ދޫކޮށްލީ 2017ވަނަ އަހަރުގެ ޖޫން މަހުގައެވެ.

ދޯހާ އިންސްޓިޓިއުޓްގެ ކޮންފްލިކްޓް ރިސޮލޫޝަންގެ އެސޯސިއޭޓް ޕްރޮފެސަރެއް ކަމަށްވާ އިބްރާހިމް ފްރައިހަތު ވިދާޅުވީ އޭނާ ދެކޭ ގޮތުގައި މި އިންތިހާބު ސައިފަށް ކާމިޔާބު ކުރެވޭނެ ކަމުގެ އުންމީދެއް ނެތެވެ. އަދި އަމިއްލައަށްވެސް ސައިފްއަށް އެ ޔަގީންކަން ނޯންނާނެ ކަމަށް ދެކޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ހިވާ ގޮތުގައި މިއީ ސައިފު ފޮނުވާ މެސެޖެއް. އޭނާ އެނބުރި ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ އޭނާ އަކީވެސް ގޭމުގެ ބައެއްކަން ސާބިތުކޮށްދީ ރައީސް ކަމަށްވެސް ވާދަ ކުރެވޭނެކަން ސާބިތު ކޮށްދޭން އެ އުޅެނީ. އޭނާ އެ އުޅެނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ކުރި ދައުވާއަށް ބީރު ކަންފަތެއް ދީފަ،" އިބްރާހިމް ފްރައިހަތު ވިދާޅުވިއެވެ.

ސައިފުލް އިސްލާމް ވަނީ މީގެ ކުރިންވެސް ރައީސް ކަމަށް ވާދަ ކުރަން ޝައުގުވެރިކަން ފާޅުކޮށްފައެވެ.

comment ކޮމެންޓް