ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގެ ތެރޭގައި ތިބި ދެ ޒުވާނަކު ގަދަކަމުން ނެރެ، ކާރަކަށް އަރުވައިގެން ގެންގޮސް ގަރާޖެއްގެ ތެރޭގައި ޗޭނުޖަހައި ބަންދުކޮށް އަނިޔާކުރި މައްސަލައިގައި ގއ. މާމެންދޫ، ހުޅުދަލީގެ، އިބްރާހީމް ޝަރަފްގެ މައްޗަށް އުފުލި ހަތަރު ދައުވާއަށް އޭނާ އިއުތިރާފުވުމުން، ޖަލު އަދަބުގެ ބަދަލުގައި ޖުމްލަ 116,700 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން މި މަހުގެ 10ވަނަ ދުވަހު ޙުކުމް އިއްވާފައިވަނީ ޝަރަފްގެ މައްޗަށް ދައުލަތުން އުފުލި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދެ ދައުވާއަކާއި، އަނިޔާއެއް ދިނުމުގެ ދެ ދައުވާއަކާ ގުޅިގެންނެވެ.
ދައުލަތުގެ ދައުވާތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ 26 ނޮވެންބަރު 2021 ގެ ފަތިހު ގާތްގަނޑަކަށް 04:00 ހާއިރުއެވެ. ޝަރަފް އިތުރު ބަޔަކާއެކު މ. މޮޑަން ކޮމެޓް ގެސްޓްހައުސްގެ ކޮޓަރިއަކަށް ވަދެ، އެތަނުގައި ތިބި ދެ މީހުންގެ ނުރުހުމުގައި ގަދަކަމުން ނެރުނެވެ. އެއަށްފަހު މަޖީދީމަގު ސަންފްރަންޓް ކައިރީގައި އޮތް ހުދުކުލައިގެ ޖޫކް މަރުކާގެ ކާރަކަށް އެ ދެ މީހުން އަރުވައިގެން ގެންދިޔައީ މ. އަބާނާ ގޭގެ ތިރީގައި ހުންނަ ގަރާޖަކަށެވެ. އެ ގަރާޖަށް އެ ދެމީހުން ވައްދައި، ދެ އަތާއި ދެ ފައި ޗޭނުގަނޑަކުން ބަނދެ، އެ ދުވަހުގެ ހެނދުނު 06:50 އާ ހަމައަށް ބަންދުކޮށްގެން ގެންގުޅުނެވެ.
އަދި އެ ގަރާޖުތެރޭގައި ބަންދުކޮށްފައި ތިބި ވަގުތު، މޮޕް ދަނޑިއަކުންނާއި ގަރާޖުގައި ހުރި ޓޫލްސްތަކުން ދެ މީހުންގެ ގައިގެ އެކި ތަންތަނުގައި ތަޅައި އަނިޔާކުރިއެވެ. މީގެ އިތުރުން ގަރާޖުތެރޭގައި އޮތް ނަރުކެނޑިއެއް ބޭނުންކޮށްގެން އެ ތަނުން އެކެއްގެ ވައަތު ކުޑަވައި އިނގިލީގައި ހިފައި އަނިޔާކޮށްފައިވާކަމަށް ވެސް ދައުލަތުން ފާހަގަކޮށްފައިވެއެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައާއި ޝަރީއަތުގެ ފެށުމުގައި ވެސް ޝަރަފް ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގަމުން ދަނިކޮށް، ޝަރަފްގެ ފަރާތުން ކުށަށް އިއުތިރާފުވެ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަން އެދުމުން އެ ފުރުޞަތު ދިނެވެ. އެއާއެކު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާއެކު ޝަރަފް ވަނީ 9 ނޮވެންބަރު 2026 ގައި އިއުތިރާފުގެ އެއްބަސްވުމެއް ޤާއިމުކޮށް، އަދަބު ލުއިކުރުމަށާއި ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކުރުމަށް އެއްބަސްވެފައެވެ.
މި މައްސަލަ ބެއްލެވި ޤާޟީ މުޒައްމިލު ނާޞިރު ވަނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އަދި ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތާއި ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުޞޫލަށް ރިއާޔަތްކޮށް، ހަތަރު ޤަޟިއްޔާގައި ޖަލު އަދަބުތައް ޖޫރިމަނާއަށް ބަދަލުކުރައްވާފައެވެ. އެގޮތުން، އަނިޔާކުރި އެއް އެ މައްސަލައިގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު 11 މަހާއި 27 ދުވަހުގެ ޖަލު އަދަބަކާއެކު ޖޫރިމަނާގެ ގޮތުގައި 71,400 ދައްކަން އެންގިއެވެ. އަނިޔާކުރި އަނެއް މައްސަލައިގައި ހަ މަހާއި ހަ ދުވަހުގެ ޖަލު އަދަބުވަނީ 37,200 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ.
ދެން މި މައްސަލަގައި ދައުވާ ކުރި، ހުއްދަނޫން ގޮތުގައި ހިފެހެއްޓި މައްސަލައިގައި އިއްވީ، 27 ދުވަހުގެ ޖަލު އަދަބެކެވެ. އެ އަދަބުވަނީ 5400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. ހުއްދަނޫން ގޮތުގައި ހިފެހެއްޓި ދެވަނަ މައްސަލައިގައި އިއްވި 13 ދުވަހުގެ ޖަލު ހުކުމްވަނީ 2700 ރުފިޔާއަށް ބަދަލުކޮށްފައެވެ.
ކޯޓުގެ ޙުކުމުގައި އަންގާފައިވަނީ، މި ހަތަރު މައްސަލައިގެ ޖޫރިމަނާ ފައިސާ ޙުކުމް ކުރި ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށެވެ.
މި މައްސަލަތަކުގައި ދައުވާ ލިބޭ އަނެއް ދެމީހުން ކަމަށްވާ ކ. މާލެ، މ. އެތުމާ، އަލީ އަޝްރަފް އަދި ކ. މާލެ، މ. އަބާނާ، ޔާސީން އަބްދުއްލަޠީފްގެ ބައި ބެލުމަށް ނިންމާފައިވަނީ ކޯޓުގެ ވަކި ޤަޟިއްޔާތަކެއްގެ ގޮތުގައެވެ.