ރ. މީދޫ ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދައިފިއެވެ.
އެކަމާ ގުޅިގެން މީދޫގައި އިހުތިޖާޖު ކުރި ޒުވާނުންގެ ތެރެއިން އަބްދުލް ބާސިތު ރަޝީދު "ސަން"އަށް ބުނީ ދަނޑަށް އަޅަން ބޭނުންވާ ވެލި ނުލިބިގެން މަސައްކަތް ލަސްވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނެފައިވާ ކަމަށެވެ.
"ރާއްޖެއިން ވެލި ނުލިބޭތީއޭ ބުނާތީ އަޅުގަނޑުމެން ހަމަ ހައިރާންވޭ. އަޅުގަނޑުމެން ލޯ ކުރިމަތީ ހަމަ ކޮންމެ ދުވަހަކުހެން ރިސޯޓުތަކުން ތަންތަނުން ވެލި ގެންދާ މަންޒަރު ފެނޭ،" އޭނާ ބުންޏެވެ.
އޭނާ ބުނީ ދަނޑުގައި މިރުސް ގަސްތައް އިންދީ ސަރުކަރުގެ ސަމާލުކަމަށް އެކަން ގެންދިޔުމުގެ ގޮތުން ކަމަށެވެ.
"އަސްލު މި ދަނޑުގެ މަސައްކަތް ފެށީވެސް އަޅުގަނޑުމެން ޒުވާނުން ވަރަށް ޕްރެޝަރުކޮށް. މިއީ މީދޫގެ ޒުވާނުންގެ ވެސް ވަރަށް ބޮޑު އުންމީދަކަށް ވާތީ އަޅުގަނޑުމެން މި ޕްރެޝަރު ކުރަނީ،" ބާސިތު ބުންޏެވެ.
ބާސިތު މައުލޫމާތު ދިން ގޮތުގައި 60 ދުވަހުގެ ތެރޭގައި ނިންމަން އޮތް ސަބް ބޭސްގެ މަސައްކަތް އެއްގޮތަކަށްވެސް ކުރިއަށް ނުގޮސް ވަނީ ދިގު ލައިގެން ގޮސްފައެވެ.
"ކުރިއަށް އޮތް ތާނގަ ދޮންކެޔޮ ގަސްވެސް އިންދާނަން ލަސްވާ ކަމުގަ ވެއްޖިއްޔާ. ހަމަ ތަފާތު ކާނާ އަޅާ ގަސްގަސް ހަމަ އިންދާނަން. އަމާޒަކީ އެ ލިބޭ އާމްދަނީ އިން ވެލި ގަނެގެން ނަމަވެސް އެތަނަށް ވެލި ހަމަ ކުރުން. ސަރުކާރުން އަޅާނުލައިފި ކަމުގައި ވަނީ ނަމަ އެގޮތައް ކަންތައް ކުރާނަން ހަމަ،" ބާސިތު ބުންޏެވެ.
ސަރުކާރަށް އެކަން ނުވެއްޖެނަމަ ދަނޑު ހައްދައިގެންވެސް އެތަނަށް ބޭނުން ވާނެ ވެލި ހޯދުމަށް ތައްޔާރަށް އެ ރަށުގެ ޒުވާނުން ތިބި ކަމަށް ބާސިތު ބުންޏެވެ.

ރ. މީދޫ ޓާފް ދަނޑުގެ ސަބް ބޭސް މަސައްކަތް ކުރިއަށް ނުދާތީ ރަށުގެ ޒުވާނުން ނުކުމެ ދަނޑުގައި މިރުސް ގަސް އިންދުމުގެ ތެރެއިން ---
"މިކަމަށް ޖަވާބު ނުލިބެއްޖަނަމަ އަދިވެސް ނިކުންނާނަން. މިއަށްވުރެ ބޮޑެތި ގަސްތައްވެސް އިންދާނަން. ކޮންމެ ކޮންމެ ގަހެއް ނީންދަން ވެގެން މިރުސް ގަސް ވެސް އިންދީ،" ބާސިތު ބުންޏެވެ.
މީދޫ ކައުންސިލްގެ ރައީސް ހަސަން ޝަރީފް "ސަން"އަށް ވިދާޅުވީ އެ މަސައްކަތް ލަސްވެގެން ކައުންސިލުން އާރްޑީސީއާ ވާހަކަދެއްކި ކަމަށާއި މަސައްކަތް ފެށޭނެ ވަކި ދުވަހެއް އެ ކުންފުނިން ބުނެފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ ދަނޑަށް އަޅާނެ ވެލި ނުލިބުނޭ ބުނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ވެލި ނުލިބޭ ކަމަށް ބުނާތީ ވެލި ލިބޭނެ ގޮތެއް ކައުންސިލުން ކިޔައިދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިރަށުގެ ފަޅު މިއޮތީ ފުންކުރަން ޖެހިފައި. ފަޅު ފުންކޮށްގެން ނަގާ ވެލި ދަނޑަށް އެޅޭނެ ނޫންތޯ. އެއިރުން ވެލި ނުލިބޭ މައްސަލައަށް ހައްލު ލިބުނީ. މިކަން އަޅުގަނޑުމެން ވާނީ ސަރުކާރަށް ދަންނަވާފައި. ނަމަވެސް އަދިވެސް މިކަން ކުރާކަށް ނޫޅޭ،" ހަސަން ޝަރީފް ވިދާޅުވިއެވެ.