ތިން ލައްކަ ހަރަދުވާ ފާލަން، މަހިބަދޫ ރައްޔިތުން ހަދައިދެނީ ހިލޭ ސާބަހަށް

އދ. މަހިބަދޫ އުތުރު ބަނދަރުގައި ހަދާ ފާލަން -- ފޮޓޯ/ މަހިބަދޫ ކައުންސިލް

އދ. އަތޮޅުގެ ވެރިރަށް މަހިބަދޫގެ އުތުރު ބަނދަރުގައި ފާލަން ހަދަމުންދަނީ އެރަށު އާއްމުން ހިލޭސާބަހަށް ކަމަށާއި އެ މަސައްކަތުގެ އަގު ތިން ލައްކަ ރުފިޔާއަށް އަރާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.

މަހިބަދޫ ކައުންސިލުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، އެރަށު އުތުރު ބަނދަރުގެ ހުޅަނގު ބެޑްގައި ހަދަން ފަށާފައިވާ ފާލަމުގެ ނުނިމި ހުރި މަސައްކަތް ހެޔޮއެދޭ ރައްޔިތުންތަކެއް ހިލޭ ސާބަހަށް ފަށާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މަހިބަދޫ ކައުންސިލްގެ ރައީސް ރަޝާދު އަލީ 'ސަން' އަށް ވިދާޅުވީ، ކޮވިޑާ ގުޅިގެން މަޑުޖެހުނު ފާލަމުގެ މަސައްކަތް މީގެ ކުރިން ވެސް ކުރީ އާއްމުން ހިލޭސާބަހަށް ކަމަށެވެ.

"އަހަރަކަށްވުރެ ގިނަވެދާނެ، ދެއަހަރެއްވަރު ވެދާނެ [ފުރަތަމަ މަސައްކަތް ފެށިތާ]. ކުރިންވެސް ހަމަ ހިލޭ ސާބަހަށް މަސައްކަތް ފަށައިގެން ކުރިއަށް ގެންދިޔައީ،" ރަޝާދު ބުންޏެވެ.

މިހާރު ފާލަމުގެ މަސައްކަތް އަލުން ފަށައިގެން ކުރަމުން ދާއިރު، ފާލަން ހަދަން ބޭނުންވާ ތަކެތި ފޯރުކޮށްދެނީ ކައުންސިލުންކަން ރަޝާދު ފާހަގަ ކުރެއްވިއެވެ.

އދ. މަހިބަދޫ އުތުރު ބަނދަރުގައި ހަދާ ފާލަމުގެ މަސައްކަތް އާއްމުން ކުރަނީ-- ފޮޓޯ/ މަހިބަދޫ ކައުންސިލް

"ކުރީގަ ބުޑުތައް އަޅާ، ތަނބުތައް ޖަހާ، ފްރޭމްގަނޑު ހަދާ ނިންމާފަ ވަނީ. މިހާރު ފިލާ އެޅުމުގެ މަސައްކަތް މިކުރަނީ،" ރަޝާދު ވިދާޅުވިއެވެ.

ރަޝާދު ވިދާޅުވީ، ކޮވިޑްގެ ސަބަބުން މަސައްކަތް މަޑުޖެހުމުގެ ކުރިން ކޮށްފައިވާ ކަންކަމަށް އަގުކޮށް ބަލައިފިނަމަ ދެ ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އަލުން ފަށައިގެން މިކުރާ މަސައްކަތަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކުރެއްވިއެވެ.

މީގެ އިތުރުން ރަޝާދު ވިދާޅުވީ، ކައުންސިލުން އެކަމަށް ތަކެތި ހޯދަން ތިން ލައްކައެއްހާ ރުފިޔާ ހަރަދުކޮށްފައި ވާނެ ކަމަށެވެ.

"ބުޑުތަކާއި ދަގަނޑާ އެކަހަލަ ސާމާނަށް ގާތްގަނޑަކަށް ހަމަ ލައްކައަކާ ކައިރިއަށް ހަރަދުވެފަ ހުންނާނެ. ފިލަޔަށާ ސާމާނަށް، އެ ތަކެއްޗަށް ގާތްގަނޑަކަށް، ބޭނުންވާ ތަކެއްޗާ އެއްކޮށް، ކުރީގެ ތަކެއްޗާ މިހާރުގެ ތަކެއްޗަށް ބަލާއިރު 2،50،000އާއި ތިންލައްކައާ ކައިރިއަށް ތަކެތި ގަނެވިފަ ހުންނާނެ،" ރަޝާދު ވިދާޅުވިއެވެ.

އދ. މަހިބަދޫ އުތުރު ބަނދަރުގައި ހަދާ ފާލަމުގެ މަސައްކަތް އާއްމުން ކުރަނީ -- ފޮޓޯ/ މަހިބަދޫ ކައުންސިލް

މި އަހަރު ނިމުމުގެ ކުރިން ފާލަމުގެ މަސައްކަތް އެއްކޮށް ނިންމާލުމުގެ އަމާޒުގައި ކުރިއަށް ދާއިރު، އެ ސަރަހައްދު ތަރައްގީ ކުރާނީ މަސްވެރިކަން ކުރުމަށާއި ބާބެކިއު ހެދުމަށާއި ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގެ ގޮތުގައި ކަމަށް ރަޝާދު ވިދާޅުވިއެވެ.

މީގެ އިތުރުން، ފާލަން ހެދުމުގައި އާއްމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަ ކުރައްވައި ރަޝާދު ވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.

"މި ފުރުސަތު މިހާރު ހުޅުވާލެވިފަ އޮތީ. މިހާރުވެސް ކޮންމެ ބޭފުޅަކުވެސް ދުރުވެ، އެބޭފުޅަކަށް ކުރެވުނު މަސައްކަތެއް ކުރުމުގެ ފުރުސަތު. އަޅުގަނޑު ގަބޫލު ކުރަނީ މިހާރަށް ވުރެ ގިނަ ރައްޔިތުން ޝާމިލުވެ، މި މަސައްކަތް ނިންމާލުމުގަ އެހީތެރި ވެދޭނެ ކަމަށް،" ރަޝާދު ވިދާޅުވިއެވެ.

comment ކޮމެންޓް