ކުރިއަށް އޮތް ތިން ދުވަހު ވެސް، ރާއްޖޭގެ ކަނޑުތައް ގަދަވާނެ، މޫސުމަށް ސަމާލުވޭ!

ކުރިއަށް އޮތް ތިންދުވަހު ވެސް، ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި --

ކުރިއަށް އޮތް ތިން ދުވަހު ވެސް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން އަނެއްކާ ވެސް އިލްތިމާސް ކޮށްފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖެއާ ދުރުން ބޭ އޮފް ބެންގޯލްގެ ހުޅަނގުދެކުނުގައި އުފެދުފައިވާ ކޮޅިގަނޑު ހުޅަނގުއުތުރަށް ޖެހި، މިއަދު އިންޑިއާގެ އައްސޭރި ފަށަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދުގައި ވައި ގަދަވުމާއެކު، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ.

މިގޮތުން މެދު ރާއްޖެ ތެރޭ އަތޮޅުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެނިހެން ސަރަހައްދުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވެ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ޔަގީން ކުރުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

comment ކޮމެންޓް