ޔޫއެންޑީޕީ އަދި ދިރާގު ގުޅިގެން ބާއްވާ "ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން" ވޯކްޝޮޕް ފަށައިފި

ޔޫއެންޑީޕީ އަދި ދިރާގު ގުޅިގެން ބާއްވާ "ފިލްމް ފޯ ޗޭންޖް: ކްލައިމެޓް އެޑިޝަން" ވޯކްޝޮޕް ވަނީ ފަށައިފަ -- ފޮޓޯ: ދިރާގު

ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އަދި ދިރާގު ގުޅިގެން "ފިލްމް ފޯ ޗޭންޖު - ކްލައިމެޓް އެޑިޝަން"ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ.

ފިލްމު ހެދުމަށް ދަސްކޮށްދޭ މި ވޯކްޝޮޕް 10 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދާއިރު ވޯކްޝޮޕް ކުރިއަށް ގެންދާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލަފާގެ މަތިންނެވެ.

"ފިލްމް ފޯ ޗޭންޖު" ގެ މައިގަނޑު މަގުސަދަކީ ފިލްމުތަކުގެ ތެރެއިން ތަފާތު އިޖުތިމާއީ މައްސަލަތަކަށް ޒުވާނުންގެ މެދުގަ އާއި މުޅި މުޖުތަމައުގައިވެސް ހޭލުންތެރިކަން އިތުރު ކުރުމެވެ.

ދިރާގާއި ޔޫއެންޑީޕީން ދަނީ 2017 ވަނަ އަހަރުން ފެށިގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އެގޮތުން މި އަހަރުގެ ވޯކްޝޮޕްގައި އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭނީ މޫސިމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ހޯދައި އެކަމާ ބެހޭ ވާހަކަތައް ޒުވާނުންގެ ފަރާތުން ފިލްމެއްގެ ސިފައިގައި ގެނައުމަށެވެ. އަދި މި ވޯކްޝޮޕްގެ ޒަރިއްޔާއިން ޑޮކިއުމެންޓްރީ ސްޓައިލްގެ ކުރު ފިލްމު ހެދުމަށް ބޭނުންވާނެ މުހިއްމު ޓެކްނިކަލް އަދި ކްރިއޭޓިވް ހުނަރުތައް ދަސްކޮށްދޭއެވެ. މީގެ އިތުރުން މިކަމަށް ބޭނުންވާނެ ފޯނު ނުވަތަ ޓެބްލެޓް ފަދަ ގެޖެޓްތައްވެސް ދިރާގާއި ޔޫއެންޑީޕީން ފޯރުކޮށްދޭނެއެވެ.

މި ވޯކްޝޮޕް ފެއްޓުމަށް ސޯލްޓް ރެސްޓޯރެންޓް ކެފޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ ސޯޝަލް ރެސްޕޮންސިބިލިޓީ މެނޭޖަރު ބިޝާރާ ހަމީދު ވިދާޅުވީ މި ޕްރޮގްރާމަކީ ތަފާތު އަދި ޒުވާނުން ބާރުވެރި ކުރުވުމަށް މަގު ފަހި ވެގެންދާނެ ޕްރޮގްރާމެއް ކަމަށެވެ.

މި ފުރުސަތަކީ ޒުވާނުން ކަންކަމާ މެދު ވިސްނައި، ދިރާސާކޮށް، މޫސިމީ ބަދަލުތަކަށް ލޯ ހުޅުވިގެން ދާނެ ފުރުސަތަކަށް ވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ބިޝާރާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޔޫއެންޑީޕީގެ ޑެޕިއުޓީ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ވެރާ ހަކިމް ވަނީ ދިރާގުން އަބަދުވެސް ޔޫއެންޑީޕީގެ ހުރިހާ ޕްރޮގްރާމްތަކަށް ދެއްވާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވައިފިއެވެ. އަދި ކޮޕް26އާ އެކުއެކީ މިފަދަ ޕްރޮގްރާމެއް ހިންގޭތީ އެކަމަށް ވެސް އޭނާ ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

comment ކޮމެންޓް