ފަލަމަސްގަނޑަށް އަނިޔާވެ، ޕޮގްބާއަށް ފްރާންސްގެ ސްކޮޑުން ޖާގަ ގެއްލިއްޖެ

ފްރާންސްގެ ޓްރެއިނިންގްގައި ޕޮގްބާއަށް ލިބުނު އަނިޔާއާއެކު އޭނާއަށް ސްކޮޑުން ޖާގަ ގެއްލިއްޖެ --- ފޮޓޯ/ލައިވްސްކޯ

ކުރިއަށް ހުރި ވޯލްޑްކަޕް ކޮލިފައިންގް މެޗުތަކަށް ތައްޔާރުވުމަށް ފްރާންސުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގެ ތެރޭގައި އެ ޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއަށް އަނިޔާވެއްޖެއެވެ.

ފްރާންސް ފުޓުބޯޅަ ފެޑެރޭޝަން (އެފްއެފްއެފް) އިން ބުނީ އަންނަ ހޮނިހިރު ދުވަހު ކަޒަކަސްތާނާ ދެކޮޅަށް ކުޅޭ މެޗާއި، އޭގެ ތިން ދުވަސް ފަހުން ފިންލޭންޑާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އަނިޔާގެ ސަބަބުން ޕޮގްބާއަށް ނުކުޅެވޭނެ ކަމަށެވެ. އެއާއެކު އޭނާ މިވަގުތު ޓީމުގެ ކޭމްޕް ދޫކޮށް ފަރުވާ ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެފްއެފްއެފްއިން ވަނީ ބުނެފައެވެ.

ފްރާންސްގެ ރިޕޯޓްތައް ބުނާގޮތުން ޕޮގްބާއަށް އަނިޔާވީ އިއްޔެ ހެދި ތަމްރީންތަކުގައި ޖެއްސި ޓްރެއިނިންގް ޑްރިލެއްގެ ތެރެއިން ކަމަށެވެ. އަދި އަނިޔާވެފައިވަނީ އޭނާގެ ފަލަމަސްގަނޑަށް ކަމަށާއި، އަނިޔާއިން އެއްކޮށް ރަނގަޅުވާން ދުވަސް ނަގާނެ ކަމަށެވެ.

ޕޮގްބާގެ ބަދަލުގައި ފްރާންސުން ވަނީ ޖޯޑަން ވާޓައުޓް ޓީމުގެ ސްކޮޑަށް އިތުރު ކޮށްފައެވެ.

ފްރާންސުން ވޯލްޑްކަޕް ކޮލިފައިންގައި ގުރޫޕުގެ އެއްވަނަ ހޯދުމަށް އަމާޒު ކަނޑައަޅާފައިވާ އިރު، ކުރިއަށް އޮތް ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެގެން ވެސް އެއްވަނައިގައި އެ ޓީމު މުބާރާތަށް ކޮލިފައިވާނެއެވެ. އެހެން ކަމުން ޕޮގްބާއަކީ މިވަގުތު ޓީމަށް އެންމެ މުހިއްމު އެއްކުޅުންތެރިޔާ ކަމަށް ފްރާންސުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ވެސް ވަނީ ބުނެފައެވެ.

މިފަހަރުގެ ސީޒަން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާ އެކު ވަރުގަދައަށް ފެށި ޕޮގްބާ ފަހަކަށް އައިސް ފޯމު ކެޓުމުގެ ސަބަބުން ގިނަ މެޗުތަކުގައި ކުޅެން އަރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

comment ކޮމެންޓް